02 Jul 2012, 17:03
ރާއްޖޭގެ ޓޫރިޒަމް ބޮޔެކޮޓް ކުރުމަށް ހިންގާ ކެމްޕޭނުގެ އަޑީގައި ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށާއި ނަޝީދު ފައިނޭންޝިއަލް ޓައިމްސްގައި ދެއްކި ވާހަކަތަކުން ރާއްޖެއާ ވާދަވެރި މަންޒިލްތަކަށް ކުރިއަރައިގެން ދިޔުމުގެ ހިތްވަރެއް ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.
ވިޔަފާރީގެ ހަބަރުތައް ގެނެސްދޭ މަޝްހޫރު ނޫސް ފައިނޭންޝިއަލް ޓައިމްސްގައި ރާއްޖޭގެ ޓޫރިޒަމް ބޮޔެކޮޓް ކުރަން ރައީސް ނަޝީދު ގޮވާލެއްވި ގޮވާލެއްވުމާ ގުޅޭ ގޮތުން ސަން އޮންލައިނާ ވާހަކަ ދައްކަވަމުން މިނިސްޓަރު އަހުމަދު އަދީބު މިއަދު ވިދާޅުވީ ދުނިޔޭގެ މަޝްހޫރު ނޫސްތަކުގައި ޓޫރިސްޓުން ރާއްޖެ ނައުމަށް ގޮވާލުމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އަސަރުތަކެއް ކުރާނެ ކަމަށާއި އެކަމުގެ އަސަރު ކުރާނީ އާންމު ރައްޔިތުންނަށް ކަމަށެވެ.
"އެފަދަ މަޝްހޫރު ވިޔަފާރި ނޫހަކަށް ރާއްޖެ އަށް ޓޫރިސްޓުން ނައުމަށާއި ބުކިންތައް ވެސް ކެންސަލް ކުރުމަށް ނަޝީދު ފަދަ އަޅުގަނޑުމެން އިއްޒަތް އަރުވައިގެން އުޅޭ ބޭފުޅަކު ގޮވާލުމުން. އޭގެ އަސަރު ކުރާނީ ހަމަ މުޅި ރާއްޖޭގެ އިގްތިސޯދަށް. ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ ރިސޯޓުތަކުން މަސައްކަތްކޮށްގެން ފައިސާ ހޯދައިގެން އުޅޭ މީހުން. އެތަނަށް ޓޫރިސްޓުން ނައިސްފި ނަމަ ކިތައް އާއިލާތޯ ބިކަވާނީ. ޓޫރިޒަމަކީ ސަރުކާރަކާ ގުޅުމެއް ހުރި ކަމެއްނޫން. މިހާރު އަޅުގަނޑުމެންނަށް އެނގިގެން މިދަނީ ނަޝީދު ހުންނެވީ ރާއްޖޭގެ ޓޫރިޒަމުގެ ބޮޔެކޮޓް ކެމްޕޭންގައި ކަން،" އަދީބު ވިދާޅުވި އެވެ.
ފައިނޭންޝިއަލް ޓައިމްސްގައި "ޓޫރިސްޓްސް އާޖްޑް ޓް ބޮއިކޮޓް މޯލްޑިވްސް" (ދިވެހިރާއްޖެ ބޮއިކޮޓް ކުރުމަށް ޓޫރިސްޓުންނަށް ގޮވާލެވިއްޖެ) މިސުރުހީގެ ދަށުން ލިޔެފައިވާ ލިއުމުގައި ބުނެފައި ވަނީ ރާއްޖޭގައި އޮތީ ގާނޫނާ ހިލާފު ސަރުކާރެއް ކަމަށާއި އެ ސަރުކާރަށް ފައިސާ ހޯދައި ނުދިނުމުގެ ގޮތުން ޓޫރިސްޓުން ރާއްޖެ ނައުމަށް ގޮވާލައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށެވެ.
އެކަން މިހާތަނަށް އެމްޑީޕީން ވެސް ދޮގުކޮށްފައެއްނުވެ އެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް ނަޝީދު ވަނީ ސިޔާސީ ކަންކަމުގައި "ހައްދު ފަހަނައަޅައިފައި" ކަމަށެވެ. އަދީބު ވިދާޅުވީ ރާއްޖެއާ ވާދަކުރާ އެތައް މަންޒިލްތަކެއް ހުރި އިރު ރައީސް ނަޝީދު އެ ވާހަކަތަކުން އެ މަންޒިލްތަކަށް ހިތްވަރު ލިބިގެން ގޮސް ރާއްޖޭގެ ޓޫރިޒަމަށް ކުރާނީ އެކަމުގެ ނޭދެވޭ އަސަރު ކަމަށެވެ.
"ދީނުގައި އެކަންޏެއް ނޫން ހައްދުފަހަނައަޅައިގެން ދެވޭނީ. ސިޔާސީ ކަންކަމުގައި ވެސް ހައްދުފަހަނަ އެޅޭނެ، ރައީސް ނަޝީދު ވަނީ ސިޔާސީ ކަންކަމުގައި ހައްދުފަހަނަ އަޅާފައި. އެހެން ނޫން ނަމަ އެގޮތަކަށް ރާއްޖޭގެ ޓޫރިޒަމާއި ސިޔާސީ ކަންކަން ނުގުޅުވާނެ،" އަދީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓޫރިޒަމް ބޮޔެކޮޓް ކެމްޕޭނުތައް ހިންގި ނަމަވެސް ފަހަތަށް ޖެހިވަޑައިނުގެން ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަންގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.
"އަޅުގަނޑުމެން ކުރިންވެސް ކުރިއަށް މިދިޔައީ. ބޮޔޮކަޓް އަދި ނެގެޓިވް ކެމްޕޭންތަކާ އެއްކޮށް. އެގޮތުން ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ކެމްޕޭންތަކާ އެކު ކުރިއަށް ދެވޭނެ. އަޅުގަނޑުމެން އެ މަސައްކަތުގައި ވަރުބައްޔެއް ނުވާނަން،" މިނިސްޓަރު ވިދާޅުވި އެވެ.