މެކްސިކޯސިޓީ (ޖުލައި 2) : މެކްސިކޯގެ ރިޔާސީ އިންތިޚާބުގެ ވޯޓުގެ ބައެއް ގުނުމާއެކު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ކަމަށް ވިދާޅުވެ މެކްސިކޯގެ އިންސްޓިޓިއުޝަނަލް ރިވޮލިއުޝަނަރީ ޕާޓީގެ ޒަޢީމް ބީނިޔާ ނިޔޯޓޯ، އެޤައުމުގެ ރައީސްކަމަށް އަމިއްލައަށް އިސްވެވަޑައިގެންފިއެވެ.

އުމުރުން 45 އަހަރުގެ ނިޔޯޓޯ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިކަން ޢިއްލާން ކުރައްވަމުން ވިދާޅުވީ އޭނާގެ ވާދަވެރިން ކަމަށްވާ އެންޑްރޭސް މެނުއަލް އާއި ޖޮޒިވިއާނޯ ފާސްކީޒްއާއި ލޮޕޭޒް އޮބްރާޑޯ ގެ މައްޗަށް އޭނާ ކުރިހޯއްދަވައި އިންތިޚާބު ކާމިޔާބު ކުރައްވައިފި ކަމާއި މިކާމިޔާބީއާއެކު މެކްސިކޯގެ މިހާރުގެ ރައީސަކީ އޭނާ ކަމުގައެވެ.

މެކްސިކޯގެ އިންތިޚާބުތަކާބެހޭ ކޮމިޝަނުންބުނީ މިހާތަނަށް ގުނާފައިވާ ވޯޓަށް ބަލާއިރު ބީނިޔާ ނިޔޯޓޯ އާއެންމެ ގާތުން ވާދަކުރައްވަނީ ޑިމޮކްރެޓިކް ރިވޮލިއުޝަނަރީ ޕާޓީގެ ކެންޑިޑޭޓް އެންޑްރޭސް މެނުއަލް ކަމަށާއި އިންސްޓިޓިއުޝަނަލް ރިވޮލިއުޝަނަރީ ޕާޓީގެ ޒަޢީމް ނިޔޯޓޯ އުޅުއްވަނީ މެނުއަލްއަށްވުރެ 6 ނުކުތާ ކުރީގައި ކަމަށްވިޔަސް އިންތިޚާބުގެ ނަތީޖާ އަދި ޢިޢްލާން ނުކުރާކަމުގައެވެ.

މެކްސިކޯގެ މަޝްހޫރު އިންސްޓިޓިއުޝަނަލް ރިވޮލިއުޝަނަރީ ޕާޓީއަކީ މީގެ 71 އަހަރު ކުރިން އުފައްދާފައިވާ ޕާޓީއެކެވެ. އެޕާޓީގެ ވެރިކަން އެންމެފަހުން ވެއްޓިފައިވަނީ 2000 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ނާކާމިޔާބުވުމުންނެވެ. އެއަށްފަހު ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އެޕާޓީގެ އިސްލީޑަރުންގެ ބޮލުގައި އެޅިފައިވެއެވެ.

މެކްސިކޯގެ މިހާރުގެ ރައީސަކީ އަލްފާރޯ ކަލްޑިރޯން އެވެ. 2006 ގެ ރިޔާސީ އިންތިޚާބުގައި ކަލްޑިރޯންއާ ވާދަކުރައްވައިގެން ނާކާމިޔާބުވެވަޑައިގެންނެވި އޭނާގެ ވާދަވެރިޔާ ލޮޕޭޒް އޮބްރާޑޯ އެދުވަސްވަރުވަނީ އިންތިޚާބު ކާމިޔާބުކުރެއްވީ އޭނާ ކަމަށް އިޢްލާންކުރައްވައި އޭނާގެ ސަޕޯޓަރުންނާއެކު ޣައިރު ޤާނޫނީ ސަރުކާރެއް އިޢްލާންކުރައްވާފައެވެ.

މިފަހަރުގެ އިންތިޚާބުގައިވެސް އޮބްރާޑޯ ބައިވެރިވެވަޑައިގެންނެވިއެވެ. އޮބްރޯޑޯވަނީ މިފަހަރުގެ އިންތިޚާބުގެ ނަތީޖާވެސް ޤަބޫލުނުކުރައްވާނެ ކަމަށް ވިދާޅުވެ ބަޔާނެއް ދެއްވާފައެވެ. -- ނޫސްއެޖެންސީތައް