02 Jul 2012, 16:36
ޢަންމާން (ޖުލައި 2): އުރުދުންގައި ދިމުގުރާތީ އުސޫލުގެ މަތިން މިނިވަން އިންތިޚާބެއްބާއްވައި ޕާލަމެންޓްގެ ތެރެއިން ބޮޑުވަޒީރަކު ހޮވާ ގޮތަށް ބަރުލަމާނީ ނިޒާމެއް ޤާއިމްކުރައްވާނެކަމަށް އުރުދުންގެ ރަސްގެފާނު ޢަބްދުﷲ ވިދާޅުވެއްޖެވެ.
އުރުދުންގެ ރަސްމީ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ޢަބްދުﷲ ވިދާޅުވީ ޕާލަމެންޓްރީ ނިޒާމެއްގެ ދަށުން ޕާލަމެންޓުން ރުހުންލިބޭ އަދި ޕާލަމެންޓްގެ ކުރިމަތީގައި ޖަވާބުދާރީވާ ސަރުކާރެއް އުފައްދައި ވެރިކަމުގެ ބާރުތައް އެސަރުކާރާ ޙަވާލުކުރުމަކީ އޭނާގެ އިސްލާޙީ އެޖެންޑާގެ ލަނޑުދަނޑިއެވެ. މިކަމަށްޓަކައި އުރުދުންގެ ޤާނޫންއަސާސީއަށް ދިމުޤްރާތީ ބަދަލުތައްގެނަސް މިއަހަރު ނިމުމުގެކުރިން މިނިވަން އިންތިޚާބެއް ބާއްވައިގެން އައުޕާލަމެންޓެއް އިންތިޚާބު ކުރުމަށް ރޭވިފައިވާކަމަށާ މިނިޒާމުގެ ދަށުން ޝަރްޢީ ދާއިރާވެސް މުސްތަޤިއްލުވެގެންދާނެ ކަމަށް ޢަބްދުﷲ ވިދާޅުވިއެވެ.
އުރުދުންގެ ވެރިކަމުގެ ނިޒާމް ބައްޓަންވެފައިއޮންނަނީ ހުރިހާ ބާރުތަކެއް ވިރާޘީ ރަސްކަމެއްގެ ތެރެއިން ރަސްގެފާނަށް އޮންނަ ބޯދާގޮތަކަށެވެ. މިނިޒާމްގެ ދަށުން ބޮޑުވަޒީރާއި ކެބިނެތްގެ މަޤާމުތަކަށް ބޭފުޅުން ޢައްޔަންކުރުމުގެ އިތުރުން އެބޭފުޅުން ޖަވާބު ދާރީވެވަޑައިގަންނަވަން ޖެހެނީ ރަސްގެފާނަށެވެ. ޕާލަމެންޓަކީ އާރެއް ބާރެއް އޮންނަ މުއައްސަސާއެއްނޫނެވެ. އަރަބި ސްޕްރިންގާއެކު އުރުދުންގެ ސިޔާސީ ޖަމާއަތްތަކާއި އެކްޓިވިސްޓުންނާއި އާންމު ރައްޔިތުންގެންދަނީ އެޤައުމުގެ ބޯދާ ވިރާޘީ ރަސްކަމުގެ ނިޒާމް ދަސްތޫރީ ރަސްކަމަކަށް ބަދަލުކުރުމަށް ގޮވާލައި މުޒާހަރާކޮށް އިޙްތިޖާޖްކުރުމުގެ އިތުރުން މިކަމަށްއެދި ރަސްގެފާނަށް ޕެޓިޝަންތައްވެސް ހުށަހަޅަމުންނެވެ.
ޢަބްދުﷲ ރަސްގެފާނުގެ ބަޔާނުގައި އެޤައުމުގެ ވިރާޘީ ރަސްކަމުގެ ނިޒާމް ދަސްތޫރީ ރަސްކަމަކަށް ބަދަލުކޮށް ރަސްގެފާނުގެ ބާރުތައް ކުޑަކުރުމަށް ސިޔާސީ ޖަމާއަތްތަކާއި އެކްޓިވިސްޓުންނާއި އާންމު ރައްޔިތުންކުރާ މުޒާހަރާތަކަށާއި އިޙްތިޖާޖްތަކަށް މަރްޙަބާ ވިދާޅުވާކަމަށާއި މިކަން ބަލައިގަންނަކަމަށް ވިދާޅުވިއެވެ. ނަމަވެސް މިކަމާގުޅިގެން ޤައުމު ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓުމުގެ ފުރްސަތު ނުދެއްވާނެ ކަމަށާއި ހުރިހާކަމެއްވެސް ކެތްތެރިކަމާއެކު ސުލްޙަވެރިގޮތުގައި ކުރިޔަށް ގެންދިޔުމަށާއި ބޭރުގެ ނުފޫޒުތަކުން އެއްކިބާވުމަށް ސިޔާސީ ޖަމާއަތްތަކާއި އެކްޓިވިސްޓުންނަށް ޢަބްދުﷲ އިލްތިމާސް ކުރެއްވިއެވެ. -- އަލްޖަޒީރާ