މުއްދަތު ހަމަވެފައި ހުރި ކާބޯތަކެތި ބޭނުންކޮށްގެން ކާބޯތަކެތި ހަދަމުން ގެންދާ ކަމުގެ ތުހުމަތުގައި މާލޭ ސިޓީ ކައުންސިލުން މިދިޔަ އަހަރު ބަންދު ކުރި ފެންޓަސީ ބޭކަރީ އަލުން ހުޅުވާފައިވަނީ އެ ކައުންސިލުން ހުއްދަ ނުދެނީސް ކަމަށާއި އެމައްސަލަ ބަލަމުން އަންނަ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ލާމަރުކަޒީ ގާނޫނުގެ މާލޭ ސިޓީ ކައުންސިލްގައި ހިނގާ ހޮޓާ ރެސްޓޯރެންޓް ކެފޭ ފަދަ ކާބޯތަކެތި އުފައްދާ ތައްޔާރުކޮށް އަދި އެފަދަ ހިދުމަތް ދޭ ތަންތަން ހިނގުމުގެ ހުއްދަ ދިނުމާއި ބާތިލް ކުރުމާއި އަދި އެފަދަ ތަންތަން އިންސްޕެކްޓް ކޮށް އިސްލާހީ ފިޔަވަޅު އަޅަމުން ގެންދަނީ އެ ކައުންސިލުން ކަމަށެވެ.

އެގޮތުގެ މަތިން ފެންޓަސީ ބޭކަރީގައި މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ބޭނުން ކުރަމުން ގެންދާ ކަމުގެ ތުހުމަތުގައި އެތަން ބަލައި ފާސް ކުރުމަށްފަހު، އެފަދަ ކަންކަން އެތަނުގެ ތެރެއިން ފެނިފައިވާތީ އެބޭކަރީ ބަންދުކޮށްފައި ވަނިކޮށް ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް އެތަން ހުޅުވުމުގެ ހުއްދަ ދީގެން އެތަން ހުޅުވައިގެން ހިދުމަތް ދެމުން ގެންދާ ކަމުގެ މައުލޫމާތު ލިބުމާ އެކު އެކަންތައްތައް ބަލަމުން އަންނަ ކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ވިދާޅުވެފައި ވަނީ މާލޭ ސިޓީގައި ހުންނަ ސައިހޮޓާ ކެފޭ ފަދަ ކާބޯތަކެތި ވިއްކާ އާއްމު ތަންތަން އިންސްޕެކްޓް ކޮށް ބެލުމުގެ ގާބިލް ކަން މިވަގުތު ލިބިދީފައިވަނީ ހަމައެކަނި އެ ކަންސިލަށް ކަމަށާއި ހުއްދަ ނެތި ކާބޯތަކެތި ވިއްކަމުން ގެންދާ ތަންތަނުން އުފައްދާ ކާބޯތަކެތި ބޭނުންކޮށްގެން ލިބިދާނެ ގެއްލުމަށް އާއްމު ސަމާލުވުމަށް ވެސް އެދިވަޑައިގެންނަވާ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ފެންޓަސީ ބޭކަރީ ހުޅުވުމުގެ ހުއްދަދީފައިނުވާ ކަމަށް ބުނި ނަމަވެސް އެތަން ހުޅުވާފައިވަނީ އިކޮނޮމިކް މިނިސްޓްރީންނާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެބޭރަކީ އަލުން ހުޅުވުމަށް ހުއްދަ ދިނުމުންނެވެ.

ފެންޓަސީ ބޭކަރީގެ އަލުން ހުޅުވުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމުން ވެސް އެތަން ހުޅުވުމަށް މާލޭ ސިޓީ ކަންސިލުން ހުއްދަ ނުދިނުމުން އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ވަރަަށް އަވަހަށް އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ފެންޓަސީ އިން ވަނީ ބުނެފަ އެވެ.