ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު ހަވާލުވެވަޑައިގެން ހުންނެވި ވަޒީރުކަމުގެ "ސްލޮޓަކީ" ޖުމްހޫރީ ޕާޓީގެ "ސްލޮޓެއް" ކަމަށް ބުނެ، އޭނާ މަގާމުން ވަކިކޮށްދެއްވުމަށް އެދި ރައީސުލްޖޫމްހޫރިއްޔާއަށް ބައްދަލު ކުރަން ޖުމްހޫރީ ޕާޓީން އެދެފި އެވެ.
~
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވީ ޖަމްޝީދު މަގާމުން ވަކިކޮށްދެއްވުމަށް ރައީސަށް ހުށަހަޅަނީ ޖުމްހޫރީ ޕާޓީގެ ބޭފުޅެއް އެ މިނިސްޓްރީގެ ވަޒީރުކަމަށް ގެނައުމަށް ކަމަށެވެ. އަދި މިހާރު ހެލްތު މިނިސްޓްރީއާ ހަވާލުވެވަޑައިގެން ހުންނެވި ޖަމްޝީދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް ދެންނެވުމުން އޭނާ އެ ޕާޓީއާ ގުޅިވަޑައިގަތުމަށް އިންކާރުކޮށްފައިވާތީ، އެ މަގާމުގައި ޖަމްޝީދު ބެހެއްޓުމަށް ޖުމްހޫރީ ޕާޓީ ދެކޮޅު ހަދާ ކަމަށެވެ.

"ޖަމްޝީދު މަގާމުން ދުރުކޮށްފައި އެ ސްލޮޓް އަޅުގަނޑުމެންނަށް ދޭންޖެހޭނެ. ކޯލިޝަންގައި ޕާޓީތަކަށް ސްލޮޓްތައް ބެހިފައި ވަނީ އެހެން ކަމުގައި ވަނީނަމަ، ރައީސުލްޖުމްހޫރިއްޔާ ޖެހިވަޑައިގަންނަވާނެ އޭނާ މަގާމުން ދުރުކުރުވަން. އެހެން ނޫންނަމަ ޖެހޭނީ މަޖިލީހުން ނޯކޮންފިޑެންސް ވޯޓެއް ނަގައި [ޖަމްޝީދު] މަގާމުން ދުކުރުކުރުވަން،" ޖާބިރު ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރު ޖަމްޝީދު މަގާމުން ވަކިކުރެއްވުމަށް ޖުމްހޫރީ ޕާޓީން ޑިމާންޑުކުރައްވަން ފަށާފައި ވަނީ މިއަދު މަޖިލީހުގެ ހަތަރު ވަޒީރަކަށް ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓްގައި ޖަމްޝީދަށް ވެސް މަޖިލީހުން ރުހުން ލިބިވަޑައިގެންފައި ވަނިކޮށެވެ. ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފައި ވަނީ ޖަމްޝީދަށް މަޖިލީހުން ރުހުން ނުދިނުމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ހަ މެންބަރުންގެ ތެރެއިން ޖަމްޝީދަށް ރުހުން ނުދޭން ވޯޓް ދެއްވީ ހަތަރު މެންބަރުންނެވެ.

ޖާބިރު ވިދާޅުވީ ޖުމްހޫރީ ޕާޓީން ޑިމާންޑް ކުރާގޮތަށް ސިއްހަތާ ބެހޭ ވަޒީރުގެ މަގާމު ހުސް ނޮކޮށްފިނަމަ، މި ސަރުކާރުގެ ކޯލިޝަންގައި ދެމިއޮތުމާމެދު ޕާޓީގެ ކައުންސިލުން ގޮތެއް ނިންމާނެ ކަމަށެވެ.

"ސަރުކާރުގެ ސްލޮޓްތައް ހަމަޖެހެނީ ކަމައްވައްޏާ ޖުމްހޫރީ ޕާޓީއަށް އޮންނަ ސްލޮޓެއް އޮންނަންވާނީ ޖުމްހޫރީ ޕާޓީއަށް. ދެން އެންމެންވެސް ގަބޫލު ކުރާނެ ހަގީގަތެއް އެއީ. އެ ހަމައިގެ މަތިން އަޅުގަނޑުމެން ވެސް ރިކުއެސްޓު ކުރަނީ. ފުރަތަ ވާހަކަ ދައްކާނަން. އަޅުގަނޑުމެން އެއްވެސް ޕާސަނަލް އެއްވެސް މައްސަލައެއް ނެތް ޖަމްޝީދާމެދު،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ފާރާތުން ރައީސް ވަހީދާ ބައްދަލު ކުރައްވާނީ ޕާޓީގެ ލީޑާޝިޕުން ކަމަށެވެ. އެއީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) އާއި ނައިބު ލީޑަރު އަބްދުﷲ ޖާބިރެވެ.

ހެލްތު މިނިސްޓަރުގެ މަގާމުން ޖަމްޝީދު ދުރުކުރެއްވުމަށްފަހު، އެ މަގާމަށް އެންނަވަން ބޭނުންފުޅުވަނީ އެމްޑީޕީން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ކުރީގެ ފިޝަރީޒް މިނިސްޓަރު ޑީޑީ އެވެ.