02 Jul 2012, 15:38
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ އޮޑިޓެއް ހެދުމަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓާ ޝަމްހީދު މިއަދު ވިދާޅުވީ އެއާޕޯޓުގެ އޮޑިޓެއް ހެދުމަށް ނިންމެވީ އެތަނުގައި ޖީއެމްއާރުން ކޮށްފައިވާ މަސައްކަތްތައް ކޮށްފައިވަނީ ގަވާއިދުތަކާއި އެއްގޮތައްތޯ ބެލުމަށާއި އަދި އެއާޕޯޓް ތަރައްގީ ކުރަން މިހާރު ހިނގަމުންދާ ޕްރޮޖެކްޓްތައް ހިނގަނީ ގަވާއިދުންތޯ ބެލުމަށް ކަމަށެވެ.
"މުޅި އެއާޕޯޓް އަޅުގަނޑުމެން އޮޑިޓް ކުރަން ވަނީ ނިންމާފައި. އެއިން އަޅުގަނޑުމެންނަށް އެނގޭނެ އެއާޕޯޓުގައި ކޮށްފައި ހުރި އަދި ކުރަމުންދާ މަސައްކަތްތަކަކީ ގަވާއިދާއި އެއްގޮތައް ކުރެވިފައި ހުރި މަސައްކަތްތަކެއް ކަން،" ޝަމްހީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހުޅުލޭގެ އިރުދެކުނުން ދެ މިލިއަން އަކަ މީޓަރު ހިއްކައިގެން ޖީއެމްއާރުން އަޅަން ފަށާފައިވާ އާ ޓާމިނަލްގެ މަސައްކަތް ކުރަމުންދަނީ ގަވާއިދާއި ހިލާފަށް ކަމަށާއި އެކަމަށް ސިވިލޭވިއޭޝަނާއި ހައުސިން މިނިސްޓްރީން ނަގަން ޖެހޭ ހުއްދަ ނަގާފައި ނުވާ ކަމަށެވެ.
ޓާމިނަލްގެ މަސައްކަތް ހުއްދަ ނުނަގައި ފެށި މައްސަލައިގައި އަޅާނެ ފިޔަވަޅެއް ނިންމާނީ އޮޑިޓަށް ފަހުގައި ކަމަށާއި އޮޑިޓްގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަޅާނެ ފިޔަވަޅުތަކެއް ބަލަމުން މި ގެންދަނީ، އޮޑިޓަށް ފަހު އަޅުގަނޑުމެން ވަރަށް އަވަހަށް ފިޔަވަޅު ނިންމާނަން،" މިނިސްޓާ ވިދާޅުވި އެވެ.
ޖީއެމްއާރުން އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ 511 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އަދި އެ ކުންފުނިން ފަށާފައިވާ އާ ޓާމިނަލްގެ މަސައްކަތަކީ ހައުސިން މިނިސްޓްރީން އެޕްރޫވް ކޮށްފައިވާ މާސްޓާ ޕްލޭންގައި ހިމެނޭ މަސައްކަތަކަށް ވުމުން އެކަމަށް ހުއްދަ ނަގަން ނުޖެހޭ ކަމަށް އެ ކުންފުނިން ވަނީ މީގެ ކުރިން ބުނެފަ އެވެ.
ޝަމްހީދު މިއަދު ވިދާޅުވީ މާސްޓާޕްލޭންގައި ހިމެނުނު ނަމަވެސް ޓާމިނަލްގެ މަސައްކަތް އޭވިއޭޝަންއާއި ހައުސިން މިނިސްޓްރީގެ ހުއްދަ ނުހޯދައި ނުފެށޭނެ ކަމަށް ހައުސިން މިނިސްޓްރީން ވެސް ޖީއެމްއާރަށް މިއަދު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
"އެ ސިޓީގެ ކޮޕީ އަޅުގަނޑުމެންނަށް ވެސް އޮތީލިބިފައި،" މިނިސްޓާ ވިދާޅުވި އެވެ. އެ ސިޓީއާ ގުޅޭ ގޮތުން ހައުސިން މިނިސްޓަރުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ޖީއެމްއާރުން އާ ޓާމިނަލްގެ މަސައްކަތް ފެށީ ސިވިލޭވިއޭޝަންގެ ހުއްދަ ނެތި އެއާޕޯޓުގެ އިންފްރާސްޓަކްޗާއަށް ބަދަލުތައް ނުގެންނަން އަންގާފައި ވަނިކޮށެވެ.