02 Jul 2012, 15:25
ރާއްޖެ ޓީވީއަށް އަޕްލިންކްގެ ޚިދުމަތް ވަގުތުން ދިނުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލާއިފި އެވެ.
ރާއްޖެ ޓީވީއަށް އަޕްލިންކްގެ ޚިދުމަތް ދިނުމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ދަތިކުރާ ކަމަށް ބުނާ މައްސަލައާއި ގުޅިގެން އެމްޖޭއޭއިން ނެރެފައިވާ ބަޔާނެއްގައި ބުނީ މީޑިއާގެ މިނިވަންކަމަކީ އެ ބައެއްގެ އެޑިޓޯރިއަލް ޕޮލިސީ ގެންގުޅޭ ގޮތާ ބެހޭ ގޮތުން ހިފެހެއްޓިގެންވާނެ ކަމެއް ކަމަށް އެ ޖަމިއްޔާއިން ނުދެކޭ ކަމަށެވެ.
އަދި ޓެލެކާސްޓްކޮށް، ބްރޯޑްކާސްޓް ކުރުމަށް އެމްބީސީން ލައިސަންސް ދީފައިވާ އެއްވެސް ފަރާތަކަށް އެ ހުއްދައިގެ ތެރޭ މަސައްކަތް ކުރުމަށް ނޫނީ ޚިދުމަތެއް ދިނުމަށް ހުރަސްއެޅޭ ގޮތަށް ނުސީދާކޮށް އެއްވެސް ފަރާތަކުން މަސައްކަތް ކުރުމަކީ މީޑިއާގެ މިނިވަން ކަމަށް ހުރަސްއެޅުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ދެކޭ ކަމަށް ވެސް އެޖަމިއްޔާއިން ވަނީ ބުނެފަ އެވެ.
"ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އަށް މި ޖަމިއްޔާއިން މި ގޮވާލަނީ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް، ބްރޯޑްކާސްޓިން ކޮމިޝަނުން ދީފައިވާ، ރާއްޖެ ޓީވީއަށް އަޕްލިންކްގެ ޚިދުމަތް ލަސްކުރުމެއް އަދި ފަސްކުރުމެއްނެތި ދޫކުރުމަށެވެ،" އެމްޖޭއެގެ ބަޔާނުގައިވެ އެވެ.
ގާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ހިފެހެއްޓުމަށް އެއްވެސް ސިފައެއްގައި މަސައްކަތް ކުރުމަކީ ގާނޫނުން ޚިޔާލުފާޅު ކުރުމަށް ދީފައިވާ މިނިވަންކަން ބަލައިނުގަނެވުން ކަމަށް ވެސް އެޖަމިއްޔާއިން ބުނެ އެވެ.
އެމްޖޭގެ ބަޔާނުގައި ވަނީ މީޑިއާގެ ވަސީލަތްތަކުން ޚަބަރާއި މައުލޫމާތު ފަތުރާއިރު ގާނޫނުއަސާސީގެ ތަރަހައިގެ ތެރޭ އެކަން ކުރުމަށް ވެސް ގޮވާލާފަ އެވެ.