ރާއްޖޭގައި ހިންގަމުންދާ ބޮޑެ ކުށްތައް މަދުކޮށް، ކުރިން ރާއްޖޭގައި އޮތް އަމާން ވެށި ޤާއިމް ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު، ހަސަން މަނިކު ކްރައިމް ރިޑަކްޝަން ކޯޑިނޭޓިން ކޮމިޓީއަކާއި، ކްރައިމް ޕްރިވެންޝަން ޓާސްކްފޯހެއް މިއަދު އުފައްދަވައިފި އެވެ.

ކްރައިމް ރިޑަކްޝަން ކޯޑިނޭޓިން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، ރައީސް ވަހީދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުޙަންމަދު ވަޙީދުއްދީނާއި، މިނިސްޓާ އޮފް ހޯމް އެފެއާޒް ޑރ. މުޙަންމަދު ޖަމީލު އަޙްމަދާއި، މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މުޙަންމަދު ނާޒިމާއި، އެޓާނީ ޖެނެރަލް ޢާއިޝަތު އާޒިމާ ޝަކޫރާއި، ޕްރޮސެކިއުޓާ ޖެނެރަލް އަޙްމަދު މުޢިއްޒާއި، ކްރިމިނަލް ކޯޓުގެ އިސް ޤާޒީ ޢަބްދުﷲ މުޙަންމަދާއި، ކޮމިޝަނާ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒެވެ.

މިކޮމިޓީގެ މަސައްކަތްތައް ހިނގާނީ ރައީސް ވަހީދުގެ ބެއްލެވުމުގެ ދަށުންނެވެ.

ކްރައިމް ޕްރިވެންޝަން ޓާސްކްފޯސްގެ ޗެއާމަނަކަށް ހަމަޖައްސަވާފައިވަނީ، ނައިބު ރައީސް މުޙަންމަދު ވަޙީދުއްދީނެވެ. ޓާސްކްފޯސްގެ އެންމެ އިސް ފަރާތެއްގެ ގޮތުން ހިމެނިވަޑައިގަންނަވާނީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ފަރާތުން ބޭފުޅެކެވެ. މީގެއިތުރުން، މިޓާސްކްފޯސްގައި ހިމެނިވަޑައިގަންނަވާނީ، މިނިސްޓާ އޮފް ހޯމް އެފެއާޒާއި، މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއާއި، އެޓަނީ ޖެނެރަލާއި، ކޮމިޝަނާ އޮފް ޕޮލިސްއާއި، ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސްގެ ފަރާތުން ބޭފުޅަކާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭފުޅަކާއި، މިނިސްޓަރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ބޭފުޅެކެވެ.

ރައީސް އޮފީހުން ބުނީ ކުށްކުރުން އިތުރުވަމުންދާއިރު، ދެވަނަ ފުރުސަތު ޕްރޮގްރާމްގެ ދަށުން މިހާތަނަށް 438 ކުށްވެރިންވަނީ މުޖުތަމަޢަށް ދޫކޮށްލާފައިވާ ކަމަށާއި އޭގެ ތެރެއިން 125 މީހުންވަނީ އެކި ކުށްކުށުގައި އަލުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި 313 އެއްހާ މީހުން އަދިވެސް މިނިވަންކަމާއެކު އުޅެމުން އެބަގެންދާ ކަމަށެވެ.