14:00


އެކި ފަހަރު މަތިން ބެހިގެން ރާއްޖެ އައިސްފައިވާ ސޯމާލިއާގެ 27 މީހަކު އަނބުރާ ފޮނުވާލުމުގެ މަޝްވަރާތައް ކުރުމަށް އ.ދގެ ވަފުދެއް މިމަހު ފަހު ކޮޅު ރާއްޖެ އަންނާނެ ކަމަށް ފޮރިން މިނިސްޓަރ ޑރ.އަހްމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.


ޑރ.ޝަހީދު ވިދާޅުވީ، މިކަމާ ގުޅޭ ގޮތުން އިންޑިއާގައި ހުންނަ ސޯމާލިއާގެ އެމްބަސީއާ ވާހަކަ ދެއްކުމަށްފަހު، އެމީހުންނަކީ އެގައުމުގެ ބަޔެއްކަން ކަށަވަރުވެފައިވާ ކަމަށާއި އެމީހުންގެ ދަތުރުފަތުރުކުރުމުގެ ލިޔުންތައް މިހާރު މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް، އެމީހުން ފޮނުވާލަން ޖެހެނީ ވަކިން ބޯޓެއް ހިފައިންގެން ކަމަށް ވާތީ، ބޯޓެއް ހަމަޖެއްސުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެގޮތުން ބޭރު ފަރާތެއްގެ އެހީތެރިކަމާއެކު މިހާރު ބޯޓެއް ވެސް ހަމަޖެހެމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.


ޑރ. ޝަހީދު ވިދާޅުވީ، ސޯމާލިއާ މީހުން ފުރުވާލުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުންދަނީ އ.ދ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް ނުވަތަ އޯޑީސީގެ އެހީތެރިކަން ލިބިގެން ކަމަށެވެ. އެގޮތުން މިކަމާ ގުޅޭ ހުރިހާ ކަމެއް ވެސް ބަލަހައްޓަނީ އޯޑީސީގެ ފަރާތުންކަން ފާހަގަކުރައްވާ، އެ އިދާރާގެ ވަފުދެއް މިމަހު ފަހުކޮޅު ރާއްޖެ އަންނާނެ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.


އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި މިހާރު ވެސް ތިބި ސޯމާލިއާ މީހުންނަކީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހާލުގައި ޖެހިފައިވަނިކޮށް ސަލާމަތްކޮށްފައިވާ މީހުންނެވެ. އެމީހުންގެ ކެއުމާއި ތިބުމުގެ ކަންތައްތައް ބެލެހެއްޓުމަކީ މާލީ ގޮތުން ވަރަށް ދަތި ކަމަކަށް ވާތީ، ވީހާވެސް އަވަހަކަށް އެމީހުން ފުރުވާލުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.