24 Oct 2024, 13:54
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް, ފާއިތުވި ފަސް އަހަރު ތެރޭގައި ފުރަތަމަ ރަސްމީ މަޝްވަރާތައް ބާއްވައިފިއެވެ.
ދެ ލީޑަރުން ބައްދަލުކުރައްވާފައިވަނީ ރަޝިއާގެ ކާޒާން ސިޓީގައި ބާއްވާ ބްރިކްސް ސަމިޓުގެ ހަވާސާގައެވެ.
އެ ބައްދަލުވުން ބާއްވާފައިވަނީ ދެ ގައުމުގެ ދެމެދުގައި މައްސަލަ ބޮޑުވެފައިވާ ހިމާލަޔާން ބޯޑަރުގެ މައްސަލައިގައި އެއްބަސްވުމަކަށް އައިތާ ދެ ދުވަސް ފަހުންނެވެ.
ބައްދަލުވުމުގައި ޗައިނާގެ ޗައިނާގެ ލީޑަރު ޝީ ވިދާޅުވީ، ދެ ގައުމު އޮތީ ތަރައްގީގެ މުހިންމު މަރުހަލާއެއްގައި ކަމަށާއި ޚިޔާލުތަފާތުވުންތައް ފަރުވާތެރިކަމާ އެކު ހައްލުކޮށް، ތަރައްގީގެ އުންމީދުތައް ކުރިއަށް ގެންދިއުމަށް އެކަކު އަނެކަކަށް މަގުފަހިކޮށްދޭން ޖެހޭނެ ކަމަށެވެ.
އިންޑިއާއާއި ޗައިނާ އެކުގައި މަސައްކަތްކޮށް ބައިނަލްއަގުވާމީ މައިދާނުގައި ހުރި މައްސަލަތަކާ ކުރިމަތިލުމުގައި، ތަރައްގީވަމުން އަންނަ ގައުމުތަކަށް ނަމޫނާ ދައްކަންޖެހޭ ކަމަށް ވެސް ޝީ ވިދާޅުވި ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
"އަވައްޓެރި ދެ ގައުމާއި ދުނިޔޭގެ އެންމެ ބޮޑު ދެ ގައުމުގެ ގޮތުގައި އިންޑިއާއާއި ޗައިނާއާ ދެމެދު އޮންނަ ވަރުގަދަ އެކުވެރިކަމުގެ ގުޅުން ސަރަހައްދީ އަދި ދުނިޔޭގެ ސުލްހައާއި ތަނަވަސްކަމަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށް ދެ ލީޑަރުން ކަށަވަރުކޮށްދެއްވި،" އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވިއެވެ.
ގިނަ ރަސްމީ އިވެންޓްތަކުގައި މޯދީއާއި ޝީ ބައިވެރިވެވަޑައިގެންނެވި ނަމަވެސް ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ވެސް ރަސްމީ މަޝްވަރާތަކެއް ނުކުރެއެވެ. އެންމެ ފަހުން ރަސްމީ މަޝްވަރާތައް ބޭއްވީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާގެ މަހާބަލީޕޫރަމް ސިޓީއަށް ޝީ ކުރެއްވި ދަތުރުފުޅެއްގައެވެ.
ނޮވެމްބަރު 2022 ގައި ބާލީގައި ބޭއްވި ޖީ20 ސަމިޓްގެ ހަވާސާގައި ދެ ބޭފުޅުންގެ ކުރު ބައްދަލުވުމެއް ބޭއްވިއިރު، މިދިޔަ އަހަރުގެ އޮގަސްޓް މަހު ޖޮހަންސަބާގުގައި ބޭއްވި ބްރިކްސް ސަމިޓުގެ ހަވާސާގައި ވެސް ކުރު ބައްދަލުވުމެއް ބޭއްވިއެވެ.
ޖެހިގެން އައި މަހު ނިއުދިއްލީގައި ބޭއްވި ޖީ20 ސަމިޓްގައި ޝީ ބައިވެރިވެވަޑައެއްނުގަންނަވައެވެ. އެއީ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އަނެއްކާ ވެސް ހީނަރުވެފައިވާކަމުގެ ނިޝާނެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ފާއިތުވި ދުވަސްތަކުގައި ޚާރިޖީ ގުޅުން ވަރުގަދަވެފައިވަނީ ޖުލައި މަހު ދެ ގައުމުގެ ޚާރިޖީ ވަޒީރުން ބައްދަލުކުރައްވައި ބޯޑަރުގެ މައްސަލައަށް ލުއި ހޯދުމަށް އިތުރަށް މަޝްވަރާކުރަން ނިންމުމުންނެވެ. އެ އެއްބަސްވުމުގެ ސަބަބުން ޗައިނާއިން އިންޑިއާއަށް އަންނަ އިންވެސްޓްމަންޓްތައް ޗެކްކުރުން އިތުރުވެ، ދެ ގައުމުގެ ސީދާ ދަތުރުތައް ހުއްޓުވައި، ޗައިނާގެ ރައްޔިތުންނަށް ވިސާ ދޫކުރުން ވެސް ހަނިކުރިއެވެ.
މި ހަފުތާގައި ދެ ގައުމުން އެއްބަސްވި އެއްބަސްވުމަކީ ބޯޑަރުގައި ސިފައިން ފޯރިމެރުމާ ގުޅޭ ގުޅޭ އެއްބަސްވުމެކެވެ. ނަމަވެސް، އެކަމުގެ މާބޮޑު ތަފުސީލެއް ހާމަކޮށްފައެއްނުވެއެވެ.
ބޯޑަރު މައްސަލައަކީ ޗައިނާއާއި އިންޑިއާ ދެމެދު އުފެދިފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ޗައިނާއިން އިންޑިއާގެ އިރުމަތީ ސްޓޭޓް އަރޫނާޗަލް ޕްރަދޭޝްގެ މިލްކުވެރިކަމަށް ދައުވާކުރާއިރު، ދެ ގައުމުން ވަނީ 1962 ވަނަ އަހަރު ބޯޑަރު ހަނގުރާމައެއް ފަށާފައެވެ.
އޭގެ ފަހުން 2020 ވަނަ އަހަރު ލަޑަކް ހިމާލިޔާ ސަރަހައްދުގައި ހިނގި ހަމަނުޖެހުތަކުގައި އިންޑިއާގެ 20 ސިފައިންނާއި ޗައިނާގެ ހަތަރު ސިފައިން ވަނީ މަރުވެފައެވެ.