އަނިޔާވެރިގޮތެއްގައި ގާނޫނީ ވަކީލު އަހުމަދު ނަޖީބު ވަރަށް އަވަހާރަކޮށްލާފައި ވަތީ އެނާގެ އާއިލާއަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތައުޒިޔާ ކިޔައިި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނަނީ ރާއްޖޭގެ ޝަރުއީ ދާއިރާގައި ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ނަޖީބު އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލާފައިވާތީ އެ ކޮމިޝަނުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ މަރުހޫމްގެ އާއިލާއަށް އިޙުލާސްތެރިކަމާއެކު ތައުޒިޔާ ރައްދުކުރާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގައި ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ގާނޫނީ ވަކީލު އަހުމަދު ނަޖީބަށް ހަމަލާދީ ވަރަށް އަނިޔާވެރިގޮތެއްގައި އަވަހާރަ ކޮށްލާފައިވާތީ، އެކަން މި ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އަދި މަރުހޫމްގެ އާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ރައްދުކުރަމެވެ،" އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނަނީ މިފަދަ އަމަލުތައް ތަކުރާރުވަމުންދާތީ މުޖުތަމައުގެ ތެރޭގައި ބިރުވެރިކަން އުފެދި ޤައުމުގެ ހަމަޖެހުމާއި ރައްކާތެރިކަން ގެއްލެމުންދާކަމަށެވެ. އަދި ނަޖީބުގެ މަރުގެ މައްސަލަ ވީއެންމެ އަވަހަކަށް ތަހުގީގުކޮށް މިއަމަލު ހިންގާފައިވާ ފަރާތްތައް ހޯދައި ގާނޫނީ ގޮތުން އަޅަންޖެހޭ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ ކަމަށެވެ.

މީގެ އިތުރުން މިފަދަ އަމަލުތަކީ އޭގެ ސަބަބުން މުޖުތަމައުގެ އާންމު ރައްކާތެރިކަމާއި، އަމަން އާމާންކަން ގެއްލި، އަމިއްލަ ފަރުދުންނަށް ގާނޫނީ ގޮތުން ލިބިދީފައިވާ ރައްކާތެރިކަން ގެއްލެމުންދާ ކަމަކަށްވާތީ މިފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް ޖޭއެސްސީން ވަނީ އިލްތިމާސްކުރާ ކަމަށް ވެސް ވެއެވެ.