02 Jul 2012, 15:05
މާޗް 16 ވަނަ ދުވަހު ޖުމްހޫރީ މައިދާނަށް ނުވަދެވޭ ގޮތައް ފުލުހުން އެ ސަރަހައްދު ބަންދުކޮށްފައި އެދުވަހު ހުކުރު ނަމާދުން ފައިބައިގެން ފުލުހުންގެ ސަފުތައް ކޮއްޕާލައި ޖުންހޫރީ މައިދާނަށް ވަންނަން އުޅުނު ހަތް މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.
އެމީހުންގެ މައްޗަށް ދައުލަތުން މިއަދު އުފުލާފައި ވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ އެ ހަތް މީހުންގެ މައްޗަށް ދައުވާކުރަނީ މާޗް 16 ވަނަ ދުވަހު ހުކުރު ނަމާދު ނިމުނު ވަގުތު، ޖުމްހޫރީ މައިދާން ފުލުހުން ކޯޑަށްކޮށްފައި ވަނިކޮށް އެ ސަރަހައްދުގައި ތިބި ފުލުހުންނާއި ދިމާލަށް ހަޅޭލަވައި ފުލުހުންގެ ސަފްތައް ކޮއްޕާ ރޫޅާލަން މަސައްކަތްކޮށް ތަނުގެ މަސްލަހަތު ނަގާލާފައި ވާތީ ކަމަށެވެ.
މިއަދު ދައުވާ އުފުލި ހަތް މީހުންނަކީ ކ. ހުރާ، ހަނދާން، ހުސެއިން ނިޔާޒު އާއި ށ. ކޮމަންޑޫ ދެކުނުގޭ، އަބްދުﷲ ރަޝީދު އަބްދުއް ރަހުމާނާއި، ގދ. ގައްދޫ، ޒަމާނީވިލާ، އަބްދުﷲ ސައީދުއާއި، އަދ. މާމިގިލީ، ރަންގިރިޓީގޭ، އިބްރާހިމް ރަޝީދު އަބޫބަކުރާއި ސ. މަރަދޫފޭދޫ، ދިންދުނބުރިގޭ، ހުސެއިން އަފީފުއާއި މ. އޯގަމް، އިބްރާހިމް އަހުމަދު އަދި ރ. ހުޅުދުއްފާރު ޝަކީލީހިޔާ އިބްރާހިމް ޝަރީފް އެވެ.
ދައުވާ އިއްވުމުން އެމީހުން ބުނީ ދައުވާއަށް ޖަވާބުދާރީ ވެވޭނީ ވަކީލަކާއި އެކު ކަމަށެވެ. ކްރިމިނަލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ވަކީލަކު އައްޔަން ކުރުމަށް އެމީހުންނަށް ފުރުސަތު ދިނުމަށް ފަހު އެވެ.
އެމީހުންގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ފުލުހުންގެ ގާނޫނުގެ 72 ވަނަ މާއްދާއާއި ހަވާލާދީ އެގާނޫނުގެ 75 ވަނަ މާއްދާގެ ދަށުންނެވެ.