02 Jul 2012, 14:14
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްފައިވާ މީހުންގެ ތެރެއިން ނުރައްކާތެރިކަމަށް ފާހަގަކުރެވޭ 200 ވަރަކަށް މީހުން އަލުން ޖަލަށް ފޮނުވާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
ނޫސްވެރިންނާއި މިއަދު ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ކުރީގެ ސަރުކާރުން ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލި ގިނަ މީހުންނަކީ އެކަމަށް ކަނޑައަޅާފައި ހުރި ޝަރުތުތަކަށް ނުފެތޭ މީހުން ކަމަށާއި އެ މީހުންގެ ތެރެއިން ނުރައްކާތެރި ކަމަށް ފާހަގަ ކުރެވުނު 200 ވަރަކަށް މީހުން މިހާރު އަނބުރާ ޖަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.
"ދޫކުރި އިރު ހުރި ޝަރުތުތަކަށް ވެސް ނުފެތޭ ގިނަ މީހުންތަކެއް ދޫކޮށްފަ ހުރީ. އެ މީސްމީހުންނަކީ ކޮންތަނެއްގައިކަން ތިބީ ވެސް އެނގޭ ބައެއް ނޫން. މީގެ ތެރޭގައި ނުރައްކާތެރިކަމަށް ފާހަގަ ކުރެވޭ ގާތްގަނޑަކަށް 200 އެއްހާ މީހުން ހޯދާ ވަނީ ޖަލަށް އެތެރެ ކުރެވިފަ. މި މަސައްކަތަކީ ނުކޮށް ހުއްޓާލާފައި އޮތް މަސައްކަތެއް ނޫން،" ޖަމީލު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާތަނަށް ހައްޔަރުކުރި ދެވަނަ ފުރުސަތުގެ މީހުންގެ އިތުރަށް ވެސް ދެވަނަ ފުރުސަތުގައި ހިމެނޭ ނުރައްކާތެރި އިތުރު މީހުން ހޯދައި އަނބުރާ ޖަލަށް ގެންދަން މިހާރު ޑީޕީއާރްއެސް އަށް އަންގަވާފައިވާ ކަމަށެވެ.
ގާނޫނީ ވަކީލު އަހުމަދު ނަޖީބު އަވަހާރަކޮށްލި ހާދިސާއަށް އަލިއަޅުވާލައްވައި މިނިސްޓަރު ޖަމީލު ވިދާޅުވީ އެކަމުން އެނގެނީ މީހުން މަރާ މީހުންނަށް ރާއްޖޭގައި ދެވޭ އަދަބާއި ދޭތެރޭ އަލުން ވިސްނާ އެއަށް ބަދަލު ގެންނަން ޖެހުން ކަމަށެވެ. އަދި ވިދާޅުވީ ދުނިޔޭގެ ހުރިހާ މުޖުތަމައުއެއްގައި ވެސް ކުށްތައް އިތުރުވަމުންދާ ގޮތަށް ބަލައި އެ ކުށްތަކަށް ކަނޑައެޅިފައިވާ އަދަބުތަކަކީ އެންމެ އެކަށޭނެ އަދަބުތަކެއްތޯ ބަލައި އަދަބުތަކަށް ބަދަލު ގެނައުމަކީ އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނުލް އުގޫބާތުގައި އުމުރަށް ޖަލަށްލާން ހުކުމް ކުރުމުން 25 އަހަރަށް ޖަލަށް ލެވޭގޮތަށް އޮތުމަކީ މިހާރުގެ ހާލަތަށް ބަލައި އެއަށް ބަދަލު ގެންނަން ޖެހިފައިވާކަމެއް ކަމަށެވެ. އެގޮތުން އުމުރަށް ޖަލަށް ލާން ހުކުމް ކުރި މީހަކަށް އެއްވެސް މައާފެއް ދިނުމެއް ނެތި މުޅި އުމުރު ޖަލުގައި ހޭދަކުރަން ޖެހޭގޮތަށް ގާނޫނަށް އިސްލާހު ގެންނަން ޖެހޭކަމަށެވެ.
"އަޅުގަނޑު ދެކޭގޮތުގައި އުމުރަށް ޖަލަށްލުން ގާނޫނުލް އުގޫބާތުގައި މިހާރު މާނަކުރެވެނީ 25 އަހަރަށް ޖަލަށް ލުން. އަޅުގަނޑަށް އެބަފެނޭ ގާނޫނުލް އުގޫބާތަށް އިސްލާހެއް ހުށަހަޅަން އުމުރަށް ޖަލަށް ލުމަކީ އެ ކުށްކުރާ މީހާގެ މުޅި އުމުރު ޖަލުގަ ހޭދަކުރާގޮތަށް އޭނައަށް ޕެރޯލްއަށް އެލިޖިބަލް ނުވެ މުޅި އުމުރު ޖަލުގަ ހޭދަކުރާ ގޮތަށް އެންމެ ކުޑަމިނުން މިވަރު އެބަޖެހޭ ހަދަން،" ޖަމީލް ވިދާޅުވި އެވެ.
މިނިސްޓަރު ޖަމީލު ވިދާޅުވީ މަރުގެ އަދަބަކީ އޭޝިޔާގެ ގައުމުތަކުގައި ތަންފީޒުކުރަމުން ގެންދާ ކަމެއް ކަމަށާއި އަދި އެ އަދަބު ތަންފީޒުކުރާ ގައުމުތަކުގައި އެކަމުގެ ނަތީޖާ ވެސް ހާސިލުވާ ކަމަށެވެ. މަރަށް މަރު ހިފުމަށް މަޖިލީހުން ފާސްކޮށްފި ނަމަ ހޯމް މިނިސްޓްރީން އެކަން ތަންފީޒު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.