02 Jul 2012, 14:14
ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ހުށަހެޅުއްވި ގަރާރުގެ ދަށުން، އެ މަނިކުފާނު ކުރައްވާފައިވާ ކަންތައްތައް ބަލައި، ތަހުގީގު ކުރުމަށް ވަގުތީ ކޮމެޓީއެއް މަޖިލީހުން ހޮއްވަވައިފި އެވެ.
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރުގެ ދަށުން ވަގުތީ ކޮމެޓީއަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ޝަރީފު ހުށަހަޅުއްވި ހަތް މެންބަރުންގެ ވަގުތީ ކޮމެޓީއެއް ހޮއްވެވުމަށް ވޯޓް ދެއްވީ 44 މެންބަރުން ވޯޓް ދެއްވައިގެންނެވެ. އަދި ކޮމެޓީ ހޮއްވެވުމާ ދެކޮޅަށް 24 މެންބަރުން މިއަދުގެ ޖަލްސާގައި ވޯޓް ދެއްވި އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ހިންގަވާފައިވާ ގާނޫނު އަސާސީއާއި ގާނުނުތަކާ ހިލާފު ކަންތައްތައް ބެލުމަށް ހޮއްވެވި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްތަލިބާއި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކާއި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އަދި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރުގެ ނަމެވެ.
ގާނޫނު އަސާސީއާއި ގާނުނުތަކާ ހިލާފަށް ރައީސް ނަޝީދުގެ ވެރިކަމުގައި ހިންގެވި އަމަލުތައް ކަމަށް ގަރާރުގައި ބުނެފައި ވަނީ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރަށް ބިރުދައްކައި ނުފޫޒު ފޯރުވުމާއި ސުޕްރީމް ކޯޓް ބަންދުކޮށް ތަޅުއެޅުވުމާއި ކޯޓްތަކުން ކޮށްފައިވާ އަމުރުތަކާއި ހިލާފަށް އަމަލުކުރުމަށް ޣައިރު ގާނޫނީ އަމުރުކުރުމާއި ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ގާނޫނާއި ހިލާފަށް ފަނޑިޔާރުންނާ މެދު އަމަލުކުރުމަށް ޣައިރު ގަނޫނީ އަމުރުކުކޮށްފައިވާ ކަމަށެވެ. އަދި ރައީސުލްޖުހޫރިއްޔާގެ ހައިސިއްޔަތުން ސިފައިންގެ އެންމެމަތީ ވެރިޔާކަމުގެ މަގާމުގައި ނަޝީދު ހުންނަވައި ގާނޫނާ ހިލާފަށް މަޖިލިހުގެ ބައެއް މެންބަރުން ހައްޔަރުކުރުމާއި ގާނޫނީ ރައްކާތެރިކަމުން ނަގާލަން އެމަނިކުފާނު އަމުރުކޮށްފައިވާ ކަމަށެވެ. އަދި ދައުލަތުގެ ފައިސާ ގާނޫނާ ހިލާފަށް ބޭނުންކުރުމާއި ނަހަމަ ގޮތުގައި ބޭނުންކުރުމާއި ރައްޔިތުންގެ މެދުގައި އޮންނަން ޖެހޭ ހަމަ ހަމަ ކަމާއި ހަމަޖެހުން ނައްތާލައި ވަކިބަޔަކަށް އަދި ސިޔާސީ ވަކި ފިކުރަކަށް ނިސްބަތްވާ ފަރާތްތަކަށް އިސްކަންދީ އެފަރާތްތަކަށް ފައިދާ ހުރި ގޮތަށް ކަންކަންކޮށް ރައްޔިތުންގެ މެދުގައި ފިތުނަވެރިކަމާއި ނަފުރަތު އުފެދުމަށް މަސައްކަތްކުރި ކަމަށް ވަނީ ގަރާރުގައި ބުނެފަ އެވެ.
ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ރައީސުލް ޖުމްހޫރިއްކާކަން ކުރައްވާފައިވާ ބޭފުޅެއްގެ މައްސަލަތައް ބެލުމަށް މަޖިލީހުން ވަގުތީ ކޮމެޓީއެއް އުފެއްދި މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ކޮށްކޯފުޅު އަބްދުﷲ ޔާމިން ހިންގެވި ކަމަށް ތުހުމަތު ކުރާ 800 މިލިއަން ޑޮލަރުވެ ވަގު ވިޔަފާރީގެ މައްސަލާގައި ވެސް ކޮމެޓީއަކަށް ފޮނުވައިގެން ތަހުގީގުތަކެއް ހިންގަވާފައިވެ އެވެ. އެގޮތުން ޔާމިން ގައުމީ ސަލާމަތާބެހޭ ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.