02 Jul 2012, 13:57
ހެއްކާ ބެހޭ ބިލާއި މަރަށް މަރުހިފުމަށް މަޖިލިހުގެ ތަޅުމަށް ހުށައަޅާފައިވާ އިސްލާހާއި ޖިނާއީ އިޖުރާތުގެ ބިލް ނިންމާފައި ނޫން ގޮތަކަށް މަޖިލިސް ޗުއްޓީ އަށް ނުދިއުމަށް ގަލޮލު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު މަޖިލިހަށް ގަރާރެއް ހުށައަލައިފި އެވެ.
މަހުލޫފު މިއަދު ވިދާޅުވީ ގަރާރު މަޖިލިހަށް ވެއްދުމުގެ ބޭނުމަކީ ރާއްޖޭގައި ހިންގަމުންދާ އެކިއެކި މާރާމާރީ އާއި މީހުންމެރުމާއި އެކި ކުށްތައް ހުއްޓުމުގެ ގޮތުން މިހާރު މަޖިލިހުގެ ތަޅުމަށް ހުށައެޅިފައިވާ ބިލުތަކަކީ މުހިންމު ބިލުތަކެއް ކަމަށް ދެކޭތީ އެ ބިލްތަކާ މެދު މަޖިލިހުގެ 77 މެންބަރުން އެ ބިލްތައް ނިންމުމަށް ފަހުގައި މެނުވީ ޗުއްޓީއަށް ނުދިއުމަށް ހުށައެޅި ގަރާރެއް ކަމަށެވެ. އަދި އެ މަސައްކަތް ނުނިންމަން މަޖިލިހުގެ މެންބަރުން ބޭނުން ކަމަށްވާ ނަމަ މިއަދުން މިއަދަށް ވެސް އެބިލްތަކުގެ މަސައްކަތް ނިންމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލިހުގެ މެންބަރުން ނިންމަން ޖެހިފައި ހުރި މިކަމާ ކިތަންމެ ކުޑަ ގުޅުމެއް ހުރިކަމެއް ނަމަވެސް އެއެއްޗެހިތަން ނިންމަން ޖެހޭ ހެއްކާ ބެހޭ ބިލު މަރަށް މަރުހުފުމުގެ އިސްލާހު ޖިނާއީ އިޖުރާތުގެ ގާނޫނު ކީއްވެގެންތޯ ނުނިމެންވީ މިފަދަ ގާނޫނޫތައް މިއަދު އިށީދެފައި މިރެއަށް އެގާނޫނުތަކުގެ މަސައްކަތް ނިންމާލަން ހިފި ނަމަވެސް ނިންމާލެވޭނެ. ކޮންމެ ދުވަހަކު މީހަކު މަރުވާތަން ބަލަހައްޓައިގެން ދެންހަމަ ތިބެން ވީހޭ ސުވާލަކީ،" މަހުލޫފު ވިދާޅުވި އެވެ.
މަހުލޫފު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ މާލެ އާއި ރާއްޖޭގެ ކަންކޮޅުތަކުގައި މީހުންމެރުމާއި ގޭންގު މާރާމާރީ އާއި އެހެނިހެން ޖިނާއީ ކުށްކުރުން އިންތިހާއަށް އިތުރުވެފައި ވާތީ ރައްޔިތުން ރައްކާތެރި އަމާން މާހައުލެއްގައި ހިނގާބިގާވެ އުޅުމުގެ މިނިވަންކަން ގެއްލި ދިރިހުރުމުގެ ހައްގާ މެދު ސުވާލު އުފެދި ފައިވާމިންވަރަށް މައްސަލަ ބޮޑުވެފައި ވަތީ އެ މައްސަލަ އަށް ވަގުތުން ހައްލެއް ގެނައުމަށް މަޖިލިހަށް ކުރެވެން ހުރި މަސައްކަތްކުރުމުގެ ގޮތުން މަޖިލިހަށް ހުށައެޅިފައިވާ ބިލްތައް ކަމަށްވާ ޖިނާއީ އިޖުރާތުގެ ބިލާއި ހެއްކާ ބެހޭ ބިލާއި މާފު ދިނުމާއި އަދަބުލުއިކޮށްދިނުމުގެ ގާނޫނަށް ހުށައަޅާފައިވާ އިސްލާހު މަރަށް މަރުހިފުމުގެ ބިލުގެ މަސައްކަތް ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ނިންމުމަށް ރައްޔިތުންގެ މަޖިލިސް ޗުއްޓީއާށް މެދުކަނޑާނުލާ ކުރިއަށް ގެންދިއުމަށް ހުށައަޅާފައިވާ ގަރާރެކެވެ.