މިހާރުގެ ނައިބު ރައީސް މުހައްމަދު ވަހީދުއްދީން (ޑީން)ގެ ޕާސަނަލް ސެކްރެޓަރީއަކަށް އަޅުގަނޑު އުޅުނު ދުވަސްވަރެވެ؛ "ވަރަށް ނަލަ ބޭފުޅެއް" ބައްދަލު ކޮށްލަން ބޭނުންފުޅުވެގެން ބަނޑޮަހަށް ވަޑައިގަންނަވާނެ ކަމަށާއި އެބޭފުޅާއާ ހަވާލުވާން އަޅުގަނޑަށް އެންގެވި އެވެ. އަޅުގަނޑަށް އަހާލެވުނީ އެއީ ކޮންބޭފުޅެއްތޯއޭ އެވެ؟ ވިދާޅުވީ: "ސ. ހިތަދޫ، ލޭޑީމޫން އަލްއުސްތާޒު އަހުމަދު ނަޖީބު / މ. ކެރެޓް" ކަމަށެވެ. ކަންދިމާކުރި ގޮތުން ޑީން ނަޖީބާ ބައްދަލުކުރެއްވި އިރު ވެސް އަޅުގަނޑަށް އިނދެވުނެވެ. ނަޖީބު އެ ދުވަހު ވިދާޅުވީ ބައްދަލު ކޮށްލައްވަން ބޭނުންފުޅުވީ ކޯޓްތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ އޭނާއާ ލިބިވަޑައިގަތުމުން ކަމަށާއި އެ ޝަރަފު އޭނާ އަށް ހާސިލުވީ ޑީން ވެެދެއްވެވި އެހީތެރި ކަމުން ކަމަށެވެ.

އެދުވަހު ނަޖީބު އަރިހު ޑީން ވިދާޅުވީ އެއީ ޑީންގެ އެހީތެރި ކަމުން ނަޖީބަށް ލިބިވަޑައިގެންނެވި ކާމިޔާބީއެއް ނޫން ކަމަށެވެ. އަޅުގަނޑު ހަނދާނވާ ގޮތުގައި އެދުވަހު ނަޖީބު އިތުރަށް ކުރިޔަށް ވަޑައިގަތުމަށް ފައިސާގެ އެހީއަކާއި ކޯޓަށް ވަޑައިގަންނަވާއިރު ބޭނުންފުޅު ކުރައްވާނެ މުށިކުލައިގެ ރީތި އަތް ދަބަހެއް ޑީން ދެއްވެވި އެވެ. އެދުވަހު ފެށިގެން އަޅުގަނޑު ބަނޑޮސް ދޫކޮށް މާލެ ބަދަލު ވަންދެން ވެސް ނަޖީބުގެ މަތިން ހަނދާން ހުރެ އެވެ. ބޮޑަށް ހަނދާން ހުންނަނީ ބައްދަލުވެގެނެއް ނޫނެވެ. ޑީން ވިދާޅުވި ގޮތަށް "ސ. ހިތަދޫ ލޭޑީމޫން، އަލްއުސްތާޒު އަހުމަދު ނަޖީބު، މ. ކެރެޓް" އެ ޓައިޓްލް އަޅުގަނޑުގެ ހިތުގައި ބިންވަޅު ނެގުމުންނެވެ. ފަހުން އަޅުގަނޑާ ނަޖީބާ ގާތް ކަމެއް އުފެދުނީ ކޯޓް ތެރެއިންނެވެ. އަދި "ސ. ހިތަދޫ ލޭޑީ މޫން، އަލްއުސްތާޒު އަހުމަދު ނަޖީބު، މ. ކެރެޓް"ގެ ބަދަލުގައި އަޅުގަނޑުގެ "ނަޖީބުބެ" އަކަށް އޭނާ ބަދަލުވި އެވެ. ކުރިން ނަޖީބާ ބެހޭ ހިތާމަވެރި އެހެން ވަހަކައެއް ވެސް އަޅުގަނޑަށް އިވިފައި އޮވެ އެވެ. އެކަމަކު ރަހުމް ކުޑަ ގޮތަކަށް އިއްޔެ އަވަހާރަ ކޮށްލުމާ ހަމައަށް ވެސް އެވާހަކައިން އަޅުގަނޑަށް އޮންނަނީ ސުވާލު ކުރަން ނުކެރިފަ އެވެ. ތިރީގައި އެވަނީ އަޅުގަނޑާ ނަޖީބުބެއާ ދެމެދު ޖެހިފައިވާ ކެވެލީގައި އަޅުގަނޑު ހަނދާނަށް އަންނަ ދެ ތިން ތަންކޮޅެކެވެ.


އަޅުގަނޑުގެ އާދަނު:

އަޅުގަނޑަކީ 1998 އަހަރުން ފެށިގެން 2009 ފަހުކޮޅާ ހަމައަށް މެދެނުކެނޑި ކޯޓް ކަވަރު ކުރުމުގައި އުޅުނު ނޫސްވެރިއެކެވެ. ކޯޓްގެ އުސޫލު އޮންނަ ގޮތުން ތާވަލަށް ޝަރީއަތް ނުހިނގާ ދުވަސް ދުވަސް ވަރަށް ގިނަވާނެ އެވެ. އެހެންވެ ރިޕޯޓަރުންގެ ބެންޗްގައި ވަރަށް ގިނަ އިރު އާފުރި، ތާއްޔާޖެހެން އަޅުގަނޑަށް ޖެހެ އެވެ. އެކަހަލަ ވަގުތު ވަގުތު އަޅުގަނޑު މޫނު މަތީގެ "ހުތުރު ސިފަ" ފިލުވައިދީ އަޅުގަނޑު ހެއްވާލާ، ލޯ ހުޅުވައިދެނީ ވަރަށް ގިނަ ފަހަރަށް ގާނޫނީ ވަކީލުންނެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ އިއްޔެ އަވަހާރަކޮށްލި ނަޖީބެވެ. އޭނާ ކޯޓްގައި އުޅުއްވާ އިރު އަޅުގަނޑަށް ނިސްބަތްކޮށް ވިދާޅުވަނީ "އަޅުގަނޑުގެ އާދަނެ" ވެ. އެކަން ވަރަށް ގިނަ ކޯޓް އޮފިސަރުންނަށާއި ގާޒީންނަށްވެފައި ވަނީ މަޖާ ކަމަށެވެ. އަދި ފަހުން އަޅުގަނޑުވީ ވަރަށް ގިނަ ގާނޫނީ ވަކީލުންނާއި ގާޒީންނާއި ކޯޓް އޮފިސަރުންގެ ވެސް އާދަނަށެވެ. އަޅުގަނޑާ މުހާތަބު ކުރަން ޖެހޭ ވަރަށް ގިނަ ފަހަރު މަޝްހޫރު އަބްދުﷲ ގާޒީ ވެސް ސާމާސާއަށް ވިދާޅުވަނީ "ނަޖީބުގެ އާދަނޭ" އެވެ. އެކަމަކު އެންމެ ގިނައިން އެހެން ވިދާޅުވެ ސަމާސާ ކުރައްވާ ބޭފުޅަކީ ޖަސްޓިސް ރިޓަޔާޓް، މުޖުތާޒު ފަހުމީ އެވެ.

ނަލަ ނަޖީބު:

ނަޖީބު ގާތުގައި އަޅުގަނޑު އަހަން ބޭނުންވެފައި އޮންނަ ތިން ސުވާލެއް އޮވެ އެވެ. އެއް ސުވާލަކީ ނަޖީބުގެ ކައިވެނިތަކުގެ ވާހަކަ އެވެ. އަނެއް ސުވާލަކީ ކުރިން ވެސް ދެންނެވި ނަޖީބާ ބެހޭ ގޮތުން އަޅުގަނޑަށް އިވިފައި އޮންނަ އަމިއްލައަށް ޒަހަމްވެވަޑައިގެންވި ވާހަކަ އެވެ. ފަހު ސުވާލަކީ ނަޖީބަށް ވައްހިއްދީން "ނަލަ ނަޖީބު"ވިދާޅުވަނީ ކީއްވެގެން ތޯ އެވެ؟ މީގެ ތެރެއިން އިހު ދެ ސުވާލު އޮތީ އަހައިލަން ނުކެރިފަ އެވެ. ފަހު ސުވާލަށް ވަނީ ޖަވާބު ދެއްވާ އަޅުގަނޑު ހައިރާންކޮށްލާފަ އެވެ.

"އަޅުގަނޑަކީ ވަރަށް ރީތިކޮށް ހުންނަން ބޭނުންވާ މީހެއް،" އަޅުގަނޑު ގޮވައިގެން ނަޖީބު އުޅުވާ ގެއަށް ވަދެ ވަޑައިގަންނަވަމުން ވިދާޅުވި އެވެ. ދެން ދެއްކެވީ ބޮޑު އަލަމާރިއެކެވެ. އޭގައި ތަރުތީބުން ބަހައްޓާފައި ހުރި އެތަކެއް ސަތޭކަ ޓައީގާއި ރީތިކޮށް ހުރި އެތަކެއް ގަމީހެވެ. ފަޓުލޫނެއް ނެތެވެ. ދެން ހުރީ އެކި ފާޑުފާޑުގެ ގަލަމާއި ދަބަހެވެ.

"އަޅުގަނޑަކީ ކޮންމެ ގަމީހަކަށް އާ ޓައީއެއް އަޅާ މީހެއް، ވަރަށް މަދު ފަހަރަކު ނޫނީ އެއް ގަމީހެއް ދެވަނަ ފަހަރަކު ނުލަން، ގައިމުވެސް އެއް ޓައީއެއް ދެފަހަރަކު ނާޅަަން، އެހެން ޑީން ވިދާޅުވާޅު ވާނީ އަޅުގަނޑަށް 'ނަލަ ނަޖީބޭ' އަޅުގަނޑާ ދިމާއަށް ވެސް ވިދާޅުވާނީ އެހެން، ރީތި ހެދުން ލުމާއި ރީތިކޮށް ހެދުން އެޅުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު ޝައުގުވެރި ކަމެއް،"

އަޅުގަނޑު ހުރީ ބަސްހުއްޓިފަ އެވެ. ގަމީހާ ޓައީ ތުރުކުރެއްވުމުގައި މިކަހަލަ އާދައެއް ގެންގުޅުއްވި ބޭފުޅަކު އަޅުގަނޑަކާ ދިމައެއް ނުވެ އެވެ. ރާއްޖޭގައި އަޅުގަނޑަށް ވުރެ ގިނައިން ތަފާތު މީހުންނާ ބައްދަލު ކުރި ނޫސްވެރިޔަކު ހުންނާނެހެނެއް އަޅުގަނޑަކަށް ހީއެއް ނުވެ އެވެ.


އަބަދުވެސް ދެ ޝަކުވާއެއް:

އަޅުގަނޑާ ނަޖީބާ ޖެހުމުން ވަރަށް ގިނަ ފަހަރަށް ވާހަކަ ފަށާނީ ކުސްތެޅުމަކުންނެވެ. ފުރަތަމަ ޝަކުވާއަކަށްވެފައި އޮންނަނީ އޭނާ ވަކާލާތު ކުރައްވާ މައްސަލަތަކުގެ ހަބަރުތައް ލިޔާއިރު ނަމުގެ ކުރިޔަށް މަޝަހޫރު ގާނޫނީ ވަކީލު އެހެން ނުލިޔާތީ އެވެ. ހަމަ ސީދަލަށް ވިދާޅުވަނީ މިހެނެވެ: "އާދަނަށް ސުއޫދާއި ޝާހީނާއި ޝަމީމް މަޝްހޫރުވެފައި އަހަރެން މަޝްހޫރު ވަކީލަކަށް ނުވަނީ ޒާތީ ކަމެއް އޮންނަނީތަ؟"

ދެވަނަ ޝަކުވާއަކީ އަޅުގަނޑުގެ މުނިކާފަ މުންޑޫ ހަސަންފުޅު މާލިމީ (1932 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ އެކުލަވައިލި ކޮމެޓީއަށް ލަފާއެރުވުމަށް ލ. އަތޮޅުން ވަޑައިގެންނެވި ލަފާވެރިޔާ)ގެ ފަންޑިތަ ފޮތްތަކަކާއި އޭނާ ލިޔުއްވާފައިވާ "މަލުގެ ބަހުރުވަ" ބައްލަވައިލައްވަން އެ ނުދެއްވައިގެން ކުރާ ޝަކުވާއެކެވެ.

ފަހުން "މަލުގެ ބަހުރުވަ" ފޮތް އަޅުގަނޑު ވާނީ ނަޖީބަށް ހަދިޔާކޮށްފަ އެވެ. ބަދަލުގައި އަޅުގަނޑަށް ވެސް ހަދިޔާއެއް ދެއްވާނެ ކަމަށް ވިދާޅުވެ ފޯނު ކުރައްވާފައި ވިދާޅުވީ "މަގޭ އާދަނަށް ވަރަށް ރީތި ޓައީއެއް އޮންނާނެ" ކަމަށެވެ. ދެއްވެވި ގަދަ ރަތްކުލައިގެ ފުޅާ ޓައީ އަޅުގަނޑުގެ އަތުގައި އެބައޮތެވެ.

ނަޖީބު ބޭނުންފުޅުވެގެން އުޅުއްވި ފަންޑިތަ ފޮތްތައް އޭނާ ބައްލަވައިލައްވަން އަޅުގަނޑަށް ނުދެވި އޮތީ ދަހިކަމުން ނުދޭންވެގެނެއް ނޫނެވެ. އެ ފޮތްތަށް އަޅުގަނޑު ރައްކާކޮށްފައި މިވަގުތު ހުރީ ރަށުގައި ކަމަށްވާތީ އެވެ. އެކަމަކު ނަޖީބު އަޅުގަނޑު ގާތުގައި ވިދާޅުވާ ވާހަކައެއް ވެސް އޮވެ އެވެ.

އެއީ "މީހެއްގެ އަތުން ފޮތެއް ލިބެން އޮތިއްޔާ އަތުލާނީ ބުއްދިވެރިއެކެވެ. އެހެން މީހެއްގެ އަތަށް ފޮތެއް ބަލައިލަން ވިޔަސް ދޫކޮށްލާނީ މޮަޔައެކެވެ!" ފޮތުގެ ޝަކުވާ ކުރައްވާ ގަޑީގައި އެވާހަކަ އަޅުގަނޑު ހަނދާން ކޮށްދެމެވެ. ހިނިފުޅުވަޑުވާފައި ވިދާޅުވާނީ "އެއިން ނަޖީބު ބަރީއަ ވާނެ" ކަމަށެވެ.

ނަޖީބުގެ އެދުން އަޅުގަނޑަށް ފުރިހަމަކޮށް ނުދެވެނީސް ނަޖީބު ވަނީ ވަކިވެގެން ގޮސްފަ އެވެ. އަޅުގަނޑު ގަސްދު ކުރަނީ އޭނާ ބޭނުންފުޅުވި ފޮތް ނަޖީބުގެ ބޭފުޅުންގެ ތެރެއިން އަޅުގަނޑާ ވަރަށް ގާތް ކަމެއް އޮންނަ ޝަމްހާ އަހުމަދަށް ހަދިޔާ ކުރާށެވެ. ނަޖީބުގެ ބޭފުޅުންގެ ތެރެއިން އަޅުގަނޑަށް އެންމެ ބޮޑަށް އެކުގައި ހޭދަ ކުރެވިފައި ވަނީ ޝީލާއާ އެކު އެވެ. އަޅުގަނޑާ ޝީލާ ގިނަ ދުވަސްތަކެއް ވަންދެން އެމްއީއެސްގައި ކިޔެވީ އެއްކުލާހުގަ އެވެ. އަޅުގަނޑުގެ މި ނިންމުމުގައި ޝީލާ އަށް ވުރެ ބޮޑަށް ޝަމްހާ އިސްކުރީ ފޮތާ ރައްޓިކަން ސަމްހާގެ ބޮޑު ކަމަށް ފެންނާތީ އެވެ.


އަންހެނުންނަކީ ވަރަށް ލުއި ބަޔަކަށް:

ކޯޓް ތެރޭގެ ހުސް ވަގުތުތަކުގައި ނަޖީބު ވަރަށް ވާހަކަ ވިދާޅުވާނެ އެވެ، މުޅިން ވެސް ދައްކަވާނީ އަންހެނުންގެ ރީތި ކަމުގެ ވާހަކަ އެވެ. ރަށްރަށަށް ދަތުރު ކުރެއްވި ވާހަކަ އާއި އެ ރަށްރަށުގެ ވަރަށް ގިނަ އަންހެނުން އޭނާ އަށް ލޯބިކުރާ ވާހަކަ އެވެ. ވަރަށް ގިނަ ކައިވެނި ކުރެއްވި ވާހަކަ އާއި އަބަދުވެސް ފޮޓޯ ނަންގަވާ ވާހަކައާއި ހުރިހާ ދަތުރެއްގެ ދަތުރުނާމާ އާއި ޑައިރީ ލިޔުއްވާ ވާހަކަ ވިދާޅުވާނެ އެވެ.

ނަޖީބު ވިދާޅުވާ ގޮތުން އަންހެނެއްގެ އެންމެ ރީތި ކަމަކީ ވެސް އެންމެ ހަޑި ކަމަކީ ވެސް ލުއި ކަމެވެ. އަޅުގަނޑަކަށް އެވިދާޅުވި ލުއި ގޮތެއް އޭރަކު ނުވިސްނެ އެވެ. އާންމު ގޮތެއްގައި އެންމެ ގިނައިން ވިދާޅުވަނީ ކުޅުދުއްފުށީގެ ވާހަކަ އާއި ޕާޓީ ސިޔާސަތު ރާއްޖޭގައި ނެންނަމަ ކުޅުދުއްފުށީ އަންހެނުން އޭނާ ރައްޔިތުންގެ މަޖިލީހަށް ހޮވައިދޭނެ ވާހަކަ ވަރަށް ގިނައިން ވިދާޅުވާނެ އެވެ.

އަޅުގަނޑުގެ ފުރަތަމަ އަންހެނުންނާ ދިމާވި މައްސަލަތަކެއްގެ ތެރޭގައި އުޅުނު ދުވަސްވަރު އަޅުގަނޑުގެ ލޯޔަރަކަށް ވާން އެދި ވަޑައިގެންނެވި އެވެ. ވިދާޅުވީ "ސުއޫދަށް ތި މައްސަލައާ ކައިރިވާން ކެރިވަޑައި ނުގެންނެވި ނަމަވެސް ނަޖީބުބެ ކޯޓަށް ވަޑައިގަތުމުން ތިޔަ މައްސަލަ ހައްލުވާނެ" ކަމަށެވެ. އަޅުގަނޑު އެގޮތެއް ގަބޫލެއް ނުކުރަމެވެ. ވަކާލާތު ކުރީ އަޅުގަނޑު އަމިލައަށެވެ.

ޖަލު ހުކުމަކުން ވެސް އަޅުގަނޑު ސަލާމަތް ކޮށްދެއްވި އެވެ؛ އެއީ މިދެންނެވި މައްސަލައިގެ ފަހު ދުވަހު އަޅުގަނޑު ވަރަށް ބޮޑު ގޯހެއް ހަދަން އުޅެނިކޮށް އެކަން ހުއްޓުވައިގެނެވެ. އެދުވަހު އަޅުގަނޑު ކޯޓަށް ދިޔައީ "ޗެމްޕިއަން" ޖަހާފައި ހުރި ޓީޝާޓެއް ގަމީސް ދަށުން ލައިގެންވެ. ޝަރީއަތް އަޅުގަނޑު ކޮޅަށް ނިމިއްޖެ ނަމަ ގަމީސް ބާލާ ގޮތަށެވެ. ޝަރީއަތުގެ ކުރިން ނަޖީބަށް އެކަން އެނގިވަޑައިގެން އަޅުގަނޑު ހުއްޓުވީ އެވެ. ނަޖީބު ގާތުގައި އެވާހަކަ ވިދާޅުވީ ލޯޔަރު އަބްދުﷲ ޝާއިރެވެ.

އެދުވަހު ވިދާޅުވި އެވެ: އަންހެނުންނަކީ ލުއި ބައެކެވެ. އެފަދަ ލުއި ކަމަކާހުރެ އާދަނުގެ ބުރަދަން ގެއްލުވާލަކަށް ނުޖެހެ އެވެ.


ނަޖީބުގެ ލިޔުންތެރިކަމާއި ވަކާލާތު ކުރެއްވުން:

ކޯޓްގައި ނަޖީބު ބޮޑަށް ވާކާލަތު ކުރައްވަނީ މަދަނީ މައްސަލަތަކުގަ އެވެ. ކްރިމިނަލް މައްސަލަތައް ވެސް މަދުން ނަންގަވަ އެވެ. މިއަދު އޮތީ ކޮން މައްސަލައެއްތޯ ސުވާލު ކޮށްފިނަމަ ތަފުސީލެއް ދެއްވުމުގެ ބަދަލުގައި ވިދާޅުވަނީ "މިއުޅެނީ މައްސަލަތަކުގައި ނުހިފާ ވޭތޯ" ކަމަށެވެ.

"އަޅުގަނޑުގެ ކުދިން އެތިބީ ބޮޑެތިވެ މަޝްހޫރުވެފައި މިކަމާ އުޅުމަށް ވުރެ ލިޔުންތެރިކަން ކުރިޔަށް ގެންދަން ވިސްނަނީ،"

ވަކާލާތު ކުރެއްވުމުގައި ނަޖީބަކީ ވަރަށް މަޑުމައިތިރި ބޭފުޅެކެވެ. އެކަމަކު ކޯޓުން ބޭރަށް ނުކުންނެވުމަށް ފަހު ބައެއް ދުވަސް ދުވަހު ކުއްލި ކުއްލިއަށް ކޯފާވެގެން އުޅުއްވަ އެވެ. މާ ބޮޑު ކަމަކާ ނުލައި ވެސް ކޯފާވާ ފަހަރު އާދެ އެވެ. އެކަމަކު އެހާ އަވަހަށް ކޯފާ މަޑުވެ، ކެންޓީނަށް ވަޑައިގަންނަވާނެ އެވެ. އާންމުކޮށް ކޯޓަށް ވަޑައިގަތުމަށް ފަހު އަޅުގަނޑާ ބައްދަލުވެއްޖެ ނަމަ އެދުވަހަކު ގެންގުޅުއްވާ މައްސަލައެއްގެ ހުލާސާ އަޅުގަނޑު އަތަށް ދެއްވާފައި ކުށެއް އޮތްތޯ ބައްލަވާލައްވާށޭ ވިދާޅުވެ އެވެ. އަބަދުވެސް ކޯޓަށް ވަޑައިގަންނަވަނީ އަޅުގަނޑަށް ކޮޕީއެއް ހިއްޕަވައިގެނެވެ.

މީހުންނަށް ނޭނގޭ ވަރަށް ގިނަ ބޮޑެތި މައްސަލަތަކުގައި ވެސް ނަޖީބު ވަކަލާތު ކުރައްވަ އެވެ. ވަރަށް ގިނަ ފަހަރަށް ކާމިޔާބު ވެސް ކުރައްވަ އެވެ. ނަޖީބަށް ނޫނީ މައްސަލަތައް ނުދޭ ކުންފުނިތައް ވެސް ހުރެ އެވެ.

"އަޅުގަނޑަށް ދެއްވަނީ އަޅުގަނޑު އިހުލާސްތެރިވީމަ،" އަބަދުވެސް ވިދާޅުވެ އެވެ.

ހަގީގަތުގައި ވެސް ނަޖީބަކީ ވަރަށް ހިތްހެޔޮ އިހުލާސްތެރި "ރީތި" ބޭފުޅެކެވެ. އަބަދުވެސް ކޯޓަށް ވަޑައިގަންނަވަނީ ގަދަ ފިޔާތޮށި، ގަދަ ފެހި މަޑު ނޫ ގަދަ މުށި ކުލަތައް ފަދަ ގަމީސް ތުރު ކުރައްވައިގެނެވެ. ގަމީސް ރީތި ހެއްޔޭ ވެސް އައްސަވާނެ އެވެ. އަޅުގަނޑު ބުނަމަވެ. އަޅުގަނޑަށް އެންމެ ރީތީ ނަޖީބުބެގެ ހިތްހެޔޮ ކަމެވެ.

ނަޖީބު ލިޔުންތެރި ކަމަށް އަޅުގަނޑު އިންސާފު ކުރާކަށް ނެތީމެވެ. އެކަމަކު އަޅުގަނޑަށް ފެނުނު ތަނެއް ދަންނަވާމެވެ. ލިޔުއްވުމުގެ ޝައުގުވެރި ކަމުގައި އެކުރައްވާ މަަސައްކަތް އަޅުގަނޑަށް ވެސް އަދި ނުކުރެވެ އެވެ. އެހާވަރަށް އެކަމާ އުޅުއްވަ އެވެ. އަދި ލިޔުއްވާ ފޮތްތައް ކޯޓަށް ގެންނަވައިގެން ވެސް އުޅުއްވަ އެވެ. ވަރަށް ގިނަ ފަހަރަށް އަލަށް ނެރޭ ފޮރުގެ ބޭރުގަނޑު ޑިޒައިން ހިއްޕައިވެގެން ކޯޓަށް ވަޑައިގެން އުޅުއްވަ އެވެ. ނޯޓްތައް ލިޔުއްވާ އަޅާކިޔުއްވާ އެ މަސައްކަތް ވެސް ކުރައްވައެވެ.


އެންމެ ފަހުން ބައްދަލުވުން:

"މީމުޒަވަނި ވިދާޅުވި ފަންޑިތަ ފޮތްތައް މާލޭގައި އެބަހުއްޓޭ، އެ ދެއްވަންވީނު؟" ފުލުސް އޮފީސް ކައިރިން ބައްދަލުވެގެން ކުއްލިއަކަށް ވިދާޅުވި އެވެ.

އެދުވަހު ވެސް މައިގަނޑު ގޮތެއްގައި ދެކެވުނީ އަންހެންންގެ ރީތި ވާހަކަ އާއި ނަޖީބުގެ ލިޔުންތެރި ކަމުގެ ވާކައެވެ. މިހާރު ލިޔުއްވަން ފައްޓަވައިގެން އުޅުއްވަނީ "ފެބްރުއަރީ 7"ގެ ސިއްރުތައް ކަމަށާއި އެއްވެސް މީހަކަށް ނޭނގޭ ވަރަށް ގިނަ ސިއްރު ލިޔުންތައް ނަޖީބުގެ އަތުގައި ހުރި ކަމަށް ވިދާޅުވި އެވެ. ބަލައިލަން ގެއަށް ވަޑައިގަންނަވަން ވާނެ ވާހަކަ އާއި އަޅުގަނޑަށް ދޭން އޮތް ހުވަދޫ ބަޣާވާތުގެ ފޮޓޯ ސެޓެއްގެ ވާހަކަ އާއި އަޅުގަނޑު ދިން މަލުގެ ބަހުރުވަ އިން ފޮޓޯ މެސެޖް ހެދުމަށް ތައްޔާރުކޮށްފައިވާ ފޮތެއްގެ ވާހަކަ ވެސް ވިދާޅުވި އެވެ.

"އެ ބަހުރުވަ ދިރުވަން ވީ، މަލުގެ ބަހުރުވަކީ ރާއްޖޭގައި އާކުރަންޖެހޭ އެއްޗެއް، އަޅުގަނޑު [ނޮވެލްޓީ] އަލީހުސައިން ގާތުގައި ވެސް ދެންނެވި އެވާހަކަ!" ވިދާޅުވި އެވެ.

އަޅުގަނޑާ ނަޖީބާ ދެމެދު ޖެހިފައިވާ ކެވިލީގައި އަޅުގަނޑަށް ފާހަގަވާ ވަރަށް ގިނަ ވާހަކަ އެބަހުއްޓެވެ. ނަޖީބަށް ހަމަލާދީ އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލާފައިވާ އިރު އެ ހާދިސާއާ ވަރަށް ގުޅޭ ވަހަކައެއް ވެސް އަޅުގަނޑާއި އެހެން ނޫސްވެރިއެއްގެ ގާތުގައި ނަޖީބު ވަނީ ވިދާޅުވެފަ އެވެ.

އެއީ ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދު މަރާލިކަމުގެ ކުށް ސާބިތުވެ ގ. ރީފް، މުހައްމަދު ނަބީލް މެރުމަށް ހުކުމް ކުރި ދުވަހު އެވެ. އެދުވަހު އަޅުގަނޑާ ނޫސްވެރިޔާ ހަސަން މުހައްމަދު ކޯޓުން ނުކުންނަނިކޮށް ބޮޑު މައްސަލައެއް އޮތީތޯ ނަޖީބު ސުވާލު ކުރެއްވި އެވެ. އެ ހުކުމުގެ ވާހަކަ ދެންނެވުމުން ހަސަނުގައި ކޮނޑުގައި އަތުން ޖައްސާވާފައި ވިދާޅުވި އެވެ:

"އޭތް، އަލީ ރަޝީދު ގާޒީގެ ހުކުމުން ބަރާބަރު. މަރަށް މަރު ނުހިފައެއް ދެނެއް ނުވާނެ ރާއްޖެއަކު!"

ނަޖީބު އަވަހާރަކޮށްލި ހަބަރު އަޅުގަނޑަށް ލިބުނީ ރޭ އިރާކޮޅު އެވެ. އެ ވަގުތު ވެސް އަޅުގަނޑުގެ ހަދާނަކަށް މިވާހަކައެއް ނާދެ އެވެ. އަޅުގަނޑު މިވާހަކަ ހަންދާންކޮށްދިނީ ހަސަނެވެ. ކޮންމެއަކަސް އެއީ އަޅުގަނޑާ ބައްދަލުވި ނަލަ ނަޖީބެވެ. ސ. ހިތަދޫ ލޭޑީމޫން، އަލްއުސްތާޒު އަހުމަދުނަޖީބު މ. ކެރެޓް، އެވެ. ވަކިވެގެން އެ ދިޔައީ އަޅުގަނޑު ނަޖީބުބެ އެވެ.