ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަވާފައިވާ ހަތަރު ވަޒީރުންނަށް މަޖިލީހުން މިއަދު ރުހުންދީފި އެވެ.

ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު މުހައްމަދަށް މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް ވޯޓަށް އެހުމުން ޖަލްސާ އަށް ހާޒިރުވި 72 މެންބަރުންގެ ތެރެއިން42 މެންބަރުން ވޯޓް ދެއްވީ ރުހުން އޮތް ކަމަށެވެ. އަދި 30 މެންބަރުން ރުހުންދޭން ނުފެންނަ ކަމަށް ވޯޓް ދެއްވި އެވެ. ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއީޒަށް 46 މެންބަރުން ރުހުން ދެއްވި އެވެ. އަދި 26 މެންބަރުން ރުހުން ދޭން ނުފެންނަ ކަމަށް ވޯޓް ދެއްވި އެވެ. އެންވަޔަރަމަންޓް އެންޑް އެނާޖީ މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އަށް މަޖިލީހުގެ ރުހުން އޮތް ކަމަށް 46 މެންބަރުން ވޯޓް ދެއްވި އެވެ. ޝަކީލާއަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓް ދެއްވީ 26 މެންބަރުންނެވެ. ހިއުމަން ރައިޓްސް މިނިސްޓަރު ފާތުމަތު ދިޔާނާ ސައީދަށް 46 މެންބަރުން ރުހުން ދެއްވި އެވެ. ރުހުން ދޭން ނުފެންނަ ކަމަށް 25 މެންބަރުން ވޯޓް ދެއްވި އެވެ.

ހަތަރު ވަޒީރުންގެ ނަންތައް ދިރާސާ ކުރި ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ ކޮމެޓީން ނިންމާފައި ދިޔާނާއަށް އެކަނި ވޯޓް ދިނުމަށެވެ. ދެން ތިއްބެވި ތިން ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީގެ މެންބަރުން ދެއްވި ވޯޓްގައި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.