ޓޫރިސްޓުން ރާއްޖެ ނައުމަށް ނުވަތަ ރާއްޖޭގެ ރިޒޯޓްތައް ބޮއިކޮޓް ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވި ކަމަށް އިނގިރޭސިވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ ފައިނޭންޝަލް ޓައިމްސް އިން އިއްޔެ ބުނެފި އެވެ.

"ޓޫރިސްޓްސް އާޖްޑް ޓް ބޮއިކޮޓް މޯލްޑިވްސް" (ދިވެހިރާއްޖެ ބޮއިކޮޓް ކުރުމަށް ޓޫރިސްޓުންނަށް ގޮވާލެވިއްޖެ) މިސުރުހީގެ ދަށުން ލިޔެފައިވާ ލިއުމުގައި ބުނެފައި ވަނީ ރާއްޖޭގައި އޮތީ ގާނޫނާ ހިލާފު ސަރުކާރެއް ކަމަށާއި އެ ސަރުކާރަށް ފައިސާ ހޯދައި ނުދިނުމުގެ ގޮތުން ޓޫރިސްޓުން ރާއްޖެ ނައުމަށް ގޮވާލައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށެވެ.

"ބުކިން ހަދާފައިވާ ކޮންމެ މީހަކަށް އަޅުގަނޑު ބުނާނީ ބުކިން ކެންސަލް ކުރާށޭ، ބުކިން ހަދަން ވިސްނަމުންދާ ކޮންމެ މީހަކަށް އަޅުގަނޑު ބުނާނީ ގާނޫނާ ހިލާފު ސަރުކާރަކަށް ފައިސާ ނުދޭށޭ،" ރައީސް ނަޝީދު ވިދާޅުވިކަމަށް ލިއުމުގައިވެ އެވެ.

ރާއްޖޭގައި ތާލިބާނުންގެ ގޮތްތައް ފަތުރުމުގެ ހަގީގީ ބިރުވެރިކަން އޮތް ކަމަށް ވެސް ރައީސް ނަޝީދު އެ އިންޓަވިއުގައި ވިދާޅުވި ކަމަށް ފައިނޭންޝަލް ޓައިމްސްގައިވެ އެެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ތާލިބާނުންގެ ބަޔަކު ރާއްޖެ އައުމަށް ފުރުސަތު ދެއްވި ދެއްވުމާ މެދުވިދާޅުވެފައި ވަނީ އެއީ ސުލްހަކުރުމަށް ދެއްވި ފުރުސަތެއް ކަމަށެވެ.

"ސުލްހައިގެ ވާހަކަ ދެއްކުމަށްޓަކައި ތާލިބާނުންނަށް އަޅުގަނޑުމެން މެހުމާންދާރީ އަދާކުރިން، އެކަމަކު އެމީހުންގެ ކޭމްޕްތަކަށް، ދިވެހިން ދިއުމަކަށް އަޅުގަނޑުމެން ފުރުސަތެއް ނުދެން،" ރައީސް ނަޝީދު ވިދާޅުވި ކަމަށް ފައިނޭންޝަލް ޓައިމްސްގައިވެ އެވެ.

ރައީސް ނަޝީދުގެ ވާހަފުޅުތަކަށް ރައްދު ދެއްވަމުން ދެއްވި އިންޓަވިއުއެއްގައި ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އައްބާސް އާދިލު ރިޒާ ވިދާޅުވެފައި ވަނީ ރާއްޖޭގައި މީހުން އެންމެ ބޮޑަށް ހައްދުފަހަނައަޅައި ގޮސްފައި ތިބި ދުވަސްވަރަކީ ރައީސް ނަޝީދުގެ ވެރިކަމުގެ ތިން އަހަރު ކަަމަށެވެ.

"ނަޝީދު ވެރިކަމުގެ އަހަރުތަކަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑަށް ހައްދުފަހަނައަޅާފައި އޮތް ދުވަސްތައްް، ހަމައެކަނި ހުޅަނގުގެ ގައުމުތައް ރުއްސުމަށް އިސްލާމްދީނާ ދެކޮޅަށް އެމަނިކުފާނު ދެއްވި ބަޔާންތަކުން ހަމައެކަނި ފައިދާ ކުރީ ހަރުކަށި ވިސްނުމުގެ މީހުންނަށް،" އައްބާސް ވިދާޅުވި ކަމަށް ލިއުމުގައިވެ އެވެ.