14:00


ލަންކާގެ އިދިކޮޅު ލީޑަރު ސަރަތު ފޮންސޭކާގެ ސިޔާސީ ކެރިއަރު ނިމުމަކަށް ގެނައުމަށްޓަކައި ސަރުކާރުން ބޭނުންވަނީ، އޭނާ ހައްޔަރުކޮށް، ޖަލުގައި ބަންދުކުރަން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.


ޓެމިލް ޓައިގަރުންގެ މައްޗަށް ކާމިޔާބު ހޯދި އަސްކަރިއްޔާގެ ޖެނެރަލަކަށް ހުންނެވި ފޮންސޭކާ ވިދާޅުވާ ގޮތުގައި، ނިމިގެންދިޔަ ލަންކާގެ ރިޔާސީ އިންތިހާބުގައި ރައީސް މަހިންދަ ރާޖަޕަކްސައާ ދެކޮޅަށް އޭނާ ވާދަކުރައްވާފައިވާތީ، ސަރުކާރުން ބޭނުންވަނީ އޭނާގެ ކިބައިން އެކަމުގެ ބަދަލު ހިފުމަށެވެ.


ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ސިފައިންގެ ބެލުމުގެ ދަށުގައި ހުންނަވާ ވަޑައިގެން، އެތަނުގައި ތިބި ރިޕޯޓަރުންނާ ވާހަކަދައްކަވަމުން ފޮންސޭކާ ވިދާޅުވީ، ލަންކާ ސަރުކާރުން ބޭނުންވަނީ އެނާ ޖަލަށް ލުމަށް ކަމުގައިވިޔަސް، އެކަމަށް އޭނާ ހުންނެވީ ތައްޔާރުވެވަޑައިގެން ކަމަށެވެ.


ހަތަރު ތަރީގެ ޖެނެރަލް އިސްތިއުފާދެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހެވެ. އަދި އެފަހުން އޭނާ ވަނީ ލަންކާ ސަރުކާރާ ފޭއަށް ޖެހިވަޑައިގެންފަ އެވެ. އަދި ރައީސް ރާޖަޕަކްސައަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މައި އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުން އިންތިހާބުގައި ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންފަ އެވެ.


ނަމަވެސް، އިންތިހާބު ނިމުނުތާ ތިން ހަފްތާވެސް ނުވަނީސް، ކޮރަޕްޝަނާއި އަދި ބަޣާވާތުގެ ތުހުމަތުތަކެއްގައި ފޮންސޭކާ ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ފޮންސޭކާގެ މައްޗަށް ތުހުމަތު ކުރެވުނު އެ މައްސަލަތަކުގެ ތެރެއިން، "މަގާމުގައި ހުންނަވައިގެން ސިޔާސީ ކަންކަމުގައި ބައިވެރިވެވަޑައިގެންނެވިކަމުގެ ކުށުގެ ދައުވާ" އޭނާގެ މައްޗަށް އަސްކަރީ ކޯޓުން ސާބިތުކޮށް، 40 އަހަރުގެ މިލިޓަރީ ކެރިއަރުގައި ފޮންސޭކާއަށް ލިބިވަޑައިގެންފައިވާ އެންމެހާ މަގާމުތަކާއި، މެޑަލާ އަދި ޝަރަފުތައް އޭނާގެ ކިބައިން ވަނީ ނިގުޅައިގެންފަ އެވެ.


މި މައްސަލަ މަދަނީ ކޯޓުގައި އިސްތިއުނާފްކުރުމަށް ފޮންސޭކާ ވަނީ ނިންމަވައިފަ އެވެ. އެހެންނަމަވެސް، ފޮންސޭކާ ވިދާޅުވާ ގޮތުގައި، ޝަރުއީ ނިޒާމުގެ މައްޗަށް އެއްވެސް އިތުބާރެއް ނުކުރެއްވެ އެވެ.


ވެރިކަމުގެ ބާރު ހިއްޕަވައިގެން ތިއްބެވި ވެރިންގެ ވިސްނުން ވަރަށް ރަނގަޅަށް އެނގިލައްވާ ކަމަށާއި، އެބޭފުޅުންނަށް ޤާނޫނީ ވެރިކަމެއް އެއީ އޮންނަ އެއްޗެއް ނޫން ކަމަށް ފޮންސޭކާ ސަފަކުރެއްވި އެވެ. އަދި އިދިކޮޅު ފަރާތްތަކަށް އިންސާފު ލިބޭނެ ކަމަށް އުއްމީދު ނުކުރެއްވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.


ސިފައިންގެ ހައްޔަރުގައި ހުންނެވި ފޮންސޭކާގެ މައްޗަށް ކޮރަޕްޝަނުގެ އިތުރު 41 ދައުވާއެއް ލަންކާ ސަރުކާރުން ވަނީ އުފުލާފަ އެވެ. މި ދައުވާ ތައް އޭނާގެ މައްޗަށް ސާބިތު ވެއްޖެ ނަމަ، 20 އަހަރު ދުވަހަށް ޖަލަށް ލުމަށް އޭނާގެ މައްޗަށް ހުކުމް ކުރެވޭނެ އެވެ.