ދިވެހިންގެ ތެރޭގައި ފޯޅަވަހީގެ ގޮތުގައި މަޝްހޫރު ރަށް، ނުވަތަ 54 ރަށުގެ މައްޗަށް އެކުލެވޭ އަތޮޅަކީ އައްޑު އަތޮޅުގެ ދެކުނުން އޮންނަ އަތޮޅެކެވެ. އެއް އިރެއްގައި ފޯޅަވަހީގައި ވެސް މީހުން އުޅުނެވެ. ވަރުގަދަ ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ އެމެރިކާގެ ކަނޑުގެ ސިފައިންގެ ބޭހަކަށް އެއަތޮޅު ބަދަލުވީ ޗާގޯސް އައިލެންޑްސް ނަމަކަށް ކިޔާ އެއަތޮޅުގެ 4000 މީހުން އަމިއްލައަށް ރަށް ދޫކޮށްލައިގެނެއް ނޫނެވެ.

ފޯޅަވަހި ހިމެނޭ އަތޮޅު، ޗާގޯސް އައިލެންޑްސް އަށް އިނގިރޭސިން ވެރިވެގަތް އިރު އެތާ އޮތް އާބާދީ އެމީހުން ވަނީ ގަދަކަމުން އެހެން ތަންތަނަށް ބަދަލުކޮށްފަ އެވެ. ސީޝެލްސްއަށާއި މޮރިޝަސް ފަދަ އަވަށްޓެރި އެެހެން ޖަޒީރާ ގައުމުތަކަށެެވެ.

އެމެރިކާއަށް ފޯޅަވަހި ކުއްޔަށްދީގެން އިނގިރޭސީން ބޮޑު އާމްދަނީއެއް ހޯދަމުން ދާއިރު ފޯޅަވަހީގެ އަސްލު ވަޒަން ވެރިން ތިބީ ވަރަށް ނިކަމެތި ހާލެއްގަ އެވެ. އޭގެ ތެރެއިން އެތައް ބަޔަކު މަރުވެ ދިޔައިރު އަމިއްލައަށް ވެސް ބައެއް މީހުން މަރުވި ކަމަށް، އިނގިރޭސިވިލާތުގައި މިހާރު ދިރިއުޅޭ އުމުރުން 43 އަހަރުގެ ޔުވާން ރަމްސާމީ ބުނެ އެވެ.

ޔުވާން ބުނާ ގޮތުގައި އޭނާގެ އާއިލާ ރަށުން ބޭރުކޮށް، މޮރިޝަސްއަށް ފޮނުވާލީ 1970 ގެ އަހަރުތަކުގެ ތެރޭގަ އެވެ. އޭނާ ބުނާ ގޮތުގައި ނުދަންނަ ގައުމެއްގައި، ނުދަންނަ ބައެއްގެ ތެރޭގައި އަދި ބަލި ހާލުގައި އުޅުމަކީ ހިތާމައިން މަރުވާ ވަރުގެ ކަމެކެވެ.

"އަހަރެން އުފާވާނީ އަހަރެމެން ހިއްސާކުރާ ސަގާފަތުގެ ތެރޭގައި، އަހަރެމެންނަށް އަހަރެމެން ކުރާނެ ކަންތައްތަކެއްވޭ، އަހަރެެމެންގެ ކަނޑު އެބައޮތް، އަހަރެމެންނަށް މަހަށް ދެވިދާނެ،" އިނގިރޭސިވިލާތުގެ އެކްސްޕްރެސް ނޫހަށް ދިން އިންޓަވިއުއެއްްގައި ޔުވާން ބުނެފައި ވެއެވެ.

އަމިއްލަ ގެދޮރުގައި ތިއްބައި އިނގިރޭސި ކަނޑުގެ ސިފައިން ވަދެ، ދަމާ ކޫއްތާ ގެއިން ނެރެ، ރަށުން ވެސް ފައްސާލާފައިވާ ޗާގޯސް އައިލެންޑްގެ މީހުން އަދިވެސް ދަނީ އެމީހުންގެ ވަޒަން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެމީހުން ވަނީ އެމީހުންގެ ހައްގު ހޯދަން ފްރާންސްގެ ސްޓްރަސްބާގްގައި ހުންނަ ޔޫރަޕްގެ އިންސާނީ ހައްގުތަކާ ބެހޭ ކޯޓަށް ހުށައަޅާފަ އެވެ. އެ މައްސަލައިގެ އަޑު އެހުންތައް ނިމި މަމަހުގެ ތެރޭގައި ހުކުމް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މައްސަލަ އެހިސާބުގައި އޮއްވައި، ޗާގޯސް އައިލެންޑްސްގެ ވަށައިގެން 200 މޭލުގެ ކަނޑުގެ ސަރަހައްދަކީ ހިމާޔަތްކޮސްފައިވާ ސަރަހައްދަކަށް ހެދުމަށް އިނގިރޭސިން ވަނީ ނިންމާފަ އެވެ.

ޔުވާން ބުނަނީ އެއީ އެނބުރި ރަށަށް ދިއުމުގެ އުއްމީދުގައި ތިބި މީހުން، އެކަން ބޭނުން ނުވޭތޯ އަޅާ ފިޔަވަޅެއް ކަމަށެވެ. އެއީ އޭރުން އެމީހުންނަށް ރަށަށް ދެވުނަސް އާމްދަނީ ހޯދުމަށް މަސްވެރިކަން ވެސް ނުކުރެވޭ ގޮތް ހެދުމަށް ކުރާ ކަމެއް ކަމަށް އޭނާ ދެކެއެވެ.

ނަމަވެސް ފޯަޅަވައްސާއި ޗާގޯސް އައިލެންޑްސްގެ އެހެން ރަށްތަކުން އިނގިރޭސިން ބޭރުކޮށްލި މީހުންގެ ތެރެއިން ދުނިޔޭގައި މިހާރު ތިބި މީހުންނާއި އެމީހުންގެ ދަރިކޮޅުން އައި ޔުވާން ފަދަ އެތައް ބަޔަކު އަދިވެސް ތިބީ އެމީހުންގެ ރަަށަށް، އަތޮޅަށް ދިއުމުގެ އުއްމީދުގަ އެވެ.