ބެއިޖިންގ (ޖުލައި 2): ދުނިޔޭގައި އުފައްދާ ޓެކްނޮލޮޖީގެ އުފެއްދުންތަކުގެ މައިމަރުކަޒު އެމެރިކާއިން ޗައިނާ އަށް ބަދަލުވަމުންދާ ކަމަށް ކަމާ ބެހޭ ސަރވޭއަކުން ހާމަވެއްޖެވެ.

ޓެކްނޮލޮޖިކަލް ކޮންސަލްޓެންސީއާ ބެހޭ ފައުންޑޭޝަނެއް ކަމަށްވާ ކޭބީއެމްޖީ ބުނި ގޮތުގައި އެފައުންޑޭޝަނުންކުރި މިސަރވޭ ދައްކާގޮތުން ދުނިޔޭގެ ޓެކްނޮލޮޖީގެ އުފެއްދުންތަކުގެ މައިމަރުކަޒު އެމެރިކާގެ "ސިލިކޮން ވެލީ" ސަރަޙައްދުން ޗައިނާއަށް ދަނީ ބަދަލުވަމުންނެވެ. ކޭބީއެމްޖީން ކުރި މިސަރވޭގައި އެމެރިކާ، އޭޝިޔާ، ޔޫރަޕް، އޭޝިޔާ ޕެސިފިކް އަދި މެދުއިރުމަތީގެ ޓެކްނޮލޮޖީގެ އުފެއްދުންތަކާބެހޭ 668 ކުންފުނީގެ އިސްވެރިންގެ ޚިޔާލު ހޯދާފައިވެ އެވެ.

މި ސަރވޭގައި ޚިޔާލު ހޯދިމީހުންގެ ތެރެއިން 44 ޕަސެންޓް މީހުން ބުނެފައި ވަނީ ދުނިޔޭގެ ޓެކްނޮލޮޖީގެ ބޮޑެތި އަދި އާދަޔާޚިލާފު އުފެއްދުންތަކުގެ މައިމަރުކަޒު އެމެރިކާ އިން ޗައިނާ އަށް ބަދަލުވަމުންދާ ކަމުގަ އެވެ. އަދި 50 ޕަސެންޓް އަށް ވުރެ ގިނަ މީހުން ބުނެފައި ވަނީ ކުރިޔަށް އޮތް މަދުއަހަރުތަކެއްގައި ދުނިޔޭގެ ޓެކްނޮލޮޖީގެ އުފެއްދުންތަކުގެ މައިމަރުކަޒަށް ޗައިނާ ވެގެންދާނެކަމުގަ އެވެ. މިގޮތުން ދުނިޔޭގައި އުފައްދާ ޓެކްނޮލޮޖީގެ ބޮޑެތި އަދި މުހިއްމު އުފެއްދުންތަކުގެ 30 ޕަސެންޓް އުފައް ދާނީ ޗައިނާގައި ކަމަށާއި އެމެރިކާގެ ޙިއްސާ 29 ޕަސެންޓަށް ވެއްޓިގެންދާނެކަން ތަފާސްހިސާބުތަކުގެ ޕްރޮޖެކްޝަންތަކުން ހާމަވާކަމަށް ވެސް ޚިޔާލު ހޯދި ފަރާތްތަކުން ލަފާކޮށްފައިވެ އެވެ.

ދުނިޔޭގެ ޓެކްނޮލޮޖީގެ މުހިއްމު އަދި ސްޓްރެޓީޖިކް އުފެއްދުންތަކުގެ މައިމަރުކަޒު އެމެރިކާއިން ޗައިނާއަށް ބަދަލުވަމުންދަނީ ދުނިޔޭގެ ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކުން އެމެރިކާއަށްވުރެ ބޮޑަށް ޗައިނާގައި އިންވެސްޓްކުރަމުން ގެންދާތީކަންވެސް މިސަރވޭން ހާމަވެފައިވެއެވެ. މިކުންފުނިތަކުން ޗައިނާގައި އިންވެސްޓްކުރަނީ ޗައިނާއިން ކަމާބެހޭ މާއްދާތައް ފަސޭހައިން ލިބުމުގެ އިތރުން ޓްރޭނިންގ ލިބިފައިވާ އަގުހެޔޮ ޒުވާން ލޭބަރުންވެސް ޗައިނާއިން ލިބޭތީކަމަށް ރިޕޯޓްތައް ބުނެއެވެ.
ޗައިނާއާއި އެމެރިކާއަށްފަހު ދެން ޓެކްނޮލޮޖީގެ ބޮޑެތި އުފެއްދުންތައް މުސްތަޤްބަލްގައި އެންމެ ގިނަވާނީ އިންޑިޔާގައިކަންވެސް މިސަރވޭން ހާމަވެއެވެ.މިގޮތުން އިންޑިޔާގެ މިބާވަތުގެ އުފެއްދުންތަކުގެ ޙިއްސާ 13% އަށް މައްޗަށްދާނެކަންވެސް މިސަރވޭން ހާމަވެއެވެ. (ޖަރުމަނު ނޫސްއެޖެންސީ)