02 Jul 2012, 09:12
މާފަންނު ކޮޅުގައި ހުންނަ ކެފޭއެއްގެ ތެރޭގައި މިދިޔަ އަހަރުގެ ކުރީކޮޅު ގްރޫޕަކުން ހިންގި މާރާމާރީއަކާ ގުޅިގެން ފުލުހުން އެސަރަހައްދަށް ގޮސް، އޭގެ ތެރެއިން ބަޔަކު ހައްޔަރުކުރި އެވެ. ބުނެވޭ ގޮތުގައި ފުލުހުން އެމީހުން ހައްޔަރު ކުރީ ކޮންމެ ރެއަކު ވެސް އެ ކެފޭ ތެރޭގައި ގްރޫޕް ހަދައި ފައިސާ ބަހައްޓައިގެން ޖުވާކުޅެމުން ގޮސް، އެއް ރެއަކު އެމީހުންގެ މެދުގައި ހިނގި ދެބަސްވުމެއްގައި މާރާމާރީއަކާ ހަމައަށް ގޮސްގެންނެވެ.
އެދުވަސްކޮޅު މާލޭގެ ބައެއް ކެފޭތަކާއި ރެސްޓޯރެންޓްތަކުގަ ގްރޫޕްތަކުން ގޮސް އެގޮތަށް ޖުވާކުޅުން އޮތީ ކޮންމެވެސް ވަރަކަށް އާއްމު ކަމަށްވެފައި ކަމަށް ބުނަމުން ވެސް ދިޔައެވެ. އަދި ބައެއް ގްރޫޕްތަކުން ޖުވާ ކުޅުމުގެ މުބާރާތްތައް މާލޭގައި ބޭއްވި ކަމަށް ވެއެވެ. އެފަދަ މައްސަލަތަކެއް ފުލުހުން އޭރު ބަލަމުންދިޔަ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ޖުވާކުޅުން އާއްމުވާން ފެށި ދުވަސްވަރު މާލޭގެ ބައެއް ކެފޭތަކުގަ ތާސްކުޅުން މަނާކޮށް އެކަން އެތަންތަނަށް ދާ ކަސްޓަމަރުންގެ ސަމާލު ކަމަށް ވެސް އެކަން ގެނައެވެ. އެއާއެކު ޖުވާ ކުޅޭ ވާހަކަތައް ވެސް ވަރަކަށް ހިނގިގެން ދިޔަ އެވެ.
ބައެއް ކެފޭތަކުގެ ވެރިން ބުނާ ގޮތުގައި އެފަދަ ގްރޫޕްތަކުން ކުރިން ކޮންމެ ރެއަކުހެން އެތަން ތަނަށް ގޮސް މީހުންނަށް އުނދަގޫތަކާ ކުރިމަތި ކުރުވަ އެވެ. ނަމަވެސް މިހާރު އެއިން އެއިން އެއްވެސް މީހަކު އެގޮތަށް ނުތިބެ އެވެ.
އޭގެ ފަހުން މިދިޔަ ހަފުތާގައި އިވިގެން ދިޔައީ މާފަންނު ކޮޅުގައި ހުރި ގެއެއްގެ ތެރޭގައި ޖުވާ ކުޅެން ތިބި ޒުވާން ގްރޫޕެއް ފުލުހުން އަތުލައިގެން ވާހަކަ އެވެ. މ. އަމީރާ މަންޒިލްގެ ތެރެއަށް ފުލުހުން ވަނީ މާލެތެރޭގައި މިދުވަސްކޮޅު ކުރަމުންގެންދާ ފޭރުމާއި ވައްކަންތަކުގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ ބަޔަކު އެގޭތެރޭގައި ޖުވާ ކުޅެން ތިބި ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ނެވެ.
އަމީރާ މަންޒިލްގެ ތެރެއަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ ބަލާ ފާސްކުރި އިރު އެގޭތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ހަތަރު ޕެކެޓާއި ޖުވާ ކުޅުމުގައި އެމީހުން ބޭނުންކުރި ޗިޕް ސެޓަކާއި 24193ރ. އާ އެކު ޖުވާ ކުޅެން ތިބި 12 ޒުވާނަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެމައްސަލާގައި ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރޭގައި އެގޭ ވެރިފަރާތް ވެސް ހިމެނެ އެވެ. އެމައްސަލާގައި ފުލުހުން ހައްޔަރުކުރި 12 މީހުންގެ ތެރެއިން 11 މީހަކު އިއްޔެ ރޭގެ ވަގުތެއްގައި ދޫކޮށްލި ނަމަވެސް އެމީހުން ދޫކޮށްލީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށެވެ.
ޖުވާ ކުޅޭ ވާހަކައާއި ބައެއް ފަރާތްތަކުން އެކަމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކޮށް ބައެއް ފަހަރު އިނދަޖެހޭ ވާހަކައަކީ އާ ވާހަކައަކަށް ނުވާނެ އެވެ. ނަމަވެސް އެފަދަ ކަންތައްގަނޑެއް ރާއްޖޭގައި ބަޔަކު ކުރާނަމަ އެއީ ކަންބޮޑުވާންޖެހޭ މައްސަލައެކެވެ.
ރާއްޖެއްގައި ހަދާ ރިސޯޓެއްގައި ކެސިނޯއެއް (ޖުވާ) ހެދުމަށް ޗައިނާގެ ކުންފުންޏަކުން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހުށަހެޅި ކަމުގެ ވާހަކަތައް ކުރިން ކޮންމެވެސް ވަރަކަށް ދެކެވެމުން ދިޔަ އެވެ. އަދި އެކަމަށް ހުއްދަ ދިނުމަށް ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުންގެ މެދުގައި މަޝްވަރާތަކެއް ކުރެއްވި ކަމަށް އަދާލަތު ޕާޓީން އޭރު ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ ޗައިނާގެ ކުންފުންޏަކުން ހުށަހެޅި ޕްރޮޕޯސަލެއްގައި ޖުވާގެ ކުޑަ މިންވަރެއް ހިމަނާފައިވާ ކަމަށެވެ. ނަމަވެސް އެފަދަ ހުއްދައެއް ދިނުމަށް ސަރުކާރުން މަޝްވަރާތަކެއް ކޮށްފައިނުވާ ކަމަށެވެ.
ޖުވާ ކުޅުމަކީ އިސްލާމްދީނުގައި ހަރާމް ކަމެއް ކަމުގައިވާއިރު އެފަދަ ކުޅިވަރެއް ރާއްޖޭގައި ކުޅުމުގެ ހުއްދަ އެއްވެސް ގާނޫނަކުން ލިބިދީގެން ވެސް ނުވާނެ އެވެ. ނަމަވެސް ރާއްޖޭގައި މަދު މަދުން ނަމަވެސް މިފަދަ ކަންކަން ކުރުން މިހާރު ދަނީ އާއްމު ވަމުންނެވެ.