Last Updated: 1 decade 3 year ago
ރައީސް ނަޝީދާ ދެކޮޅަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރުގެ ދަށުން އުފައްދާ ކޮމެޓީ އަށް މެންބަރުން އައްޔަން ކުރުމުގެ މައްސަލަ މިއަދު އެޖެންޑާ ކުރުމާ އެކު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ވަނީ ނިޒާމީ މައްސަލަތަކެއް ފެންމަތިކޮށް، ސަރުކާރަށް ފާޑުވިދާޅުވަން ފައްޓަވާފަ އެވެ. އަދި އެންމެ ފަހުން ޖަލްސާ ކުރިއަށް ނުގެންދެވޭ ވަރަށް މެންބަރުން ތަޅުމުގައި އަޑުގަދަ ކުރައްވައި "ހަޅޭލަވަން" ފެށުމާ އެކު ނިޒާމު ގެއްލުނު މައްސަލާގައި ހައްލެއް ހޯދުމަށް ރިޔާސަތުން ވަނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާއަކަށް ގޮވާލައްވައިފަ އެވެ. އެގޮތުން ސިޔާސީ ޕާޓީތަކުގެ ލީޑަރުން މަޝްވަރާކުރުމަށް 30 މިނިޓްގެ ހުސްވަގުތުކޮޅެއް އަރުވާ ކަމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވި އެވެ. ޝާހިދު ވިދާޅުވީ ދެން މަޖިލިސް ފަށާނީ 9:30ގައި ކަމަށެވެ.
ޝާހިދު ވިދާޅުވީ ގަރާރުގެ ދަށުން އުފައްދާ ކޮމެޓީ އަށް މެންބަރުން އައްޔަން ކުމަށް ސިޔާސީ ޕާޓީތަކުގެ ލީޑަރުން މަޝްވަރާ ކުރެއްވުމަށްފަހުގައި ނަންތަކެއް ހުށަހެޅުއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ޝާހިދު ވިދާޅުވި މިހާތަނަށް އެ ކޮމެޓީ އަށް އައްޔަން ކުރައްވަން ފެންނަ މެންބަރުންގެ ނަންތަކެއް ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ޝަރީފު ކަމަށެވެ.
މިދިޔަ ބުދަ ދުވަހުގެ ޖަލްސާގައި ކޮމެޓީ އަށް އައްޔަން ކުރުމަށް އޭނާ ހުށަހެޅުއްވީ މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީރު ޖަމާލު އަބޫބަކުރު ތާއީދު ކުރެއްވި މެންބަރުންގެ ނަން ލިސްޓުގައި ހިމެނިވަޑައިގަންނަ ވަނީ ދިއްދޫ ދާއިރާގެ މެންބަރު އަހްމަދު ސަމީރާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްތަލިބާއި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކާއި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އަދި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރުގެ ނަމެވެ. އެ ބޭފުޅުންގެ ނަން ލިސްޓު އެ ކޮމެޓީއަށް ހޮއްވަވާނީ މަޖިލީހުގެ ވޯޓަށް އަހައިގެންނެވެ.
ނަޝީދާ ދެކޮޅަށް ހުށަހެޅި ގަރާރު މަޖިލީހުން ފާސްވުމުން، އެ ގަރާރު ހުށަހެޅުއްވި ޖާބިރު ވިދާޅުވީ ގަރާރުގެ ދަށުން އުފައްދާ ކޮމެޓީ އަށް ރައީސް ނަޝީދު ހާޒިރު ކުރައްވައި، ތަހުގީގު ހިންގަވާނެ ކަމަށެވެ.