02 Jul 2012, 08:54
ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއިން އަހަރަކު އެއްފަހަރު ބާއްވާ ވިޔަފާރީގެ ބޮޑު އީދު ކަމަށްވާ ނައިޓް މާކެޓް، އާންމުންގެ ބޮޑު ތަރުހީބަކާއެކު ރޭ ފަށައިފި އެވެ.
މިދިޔަ އަހަރުވެސް ނައިޓް މާކެޓް ބޭއްވި ރާޅުގަނޑު ސަރަހައްދުގެ "ޓަސްކަލޫސާ" އާއި ހަމައިން މޭޒުފަތި ދަމައިލި ގޮތަށް އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުން ދަރުބާރުގެއާ ހަމައަށް އޮތް ބާޒާރުގެ ފުރަތަމަ ރޭ ވެސް ފެނުނީ ތަރުހީބު ބޮޑު ކޮށެވެ.
މިދިޔަ އަހަރެކޭ އެއް ގޮތަށް 450 މޭޒާއެކުފެށި މިފަހަރުގެ ނައިޓްމާކެޓް ހުޅުވައިދެއްވީ ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ނައިބް ރައީސް އިސްމާއިލް ނޫރައްދީނެވެ.
ނައިޓް މާކެޓް ރޭ ފެށުނު ވަގުތުން ފެށިގެން ގިނަ އަދަދެއްގެ މީހުންވަނީ ބާޒާރަށް ޒިޔާރަތްކޮށް ވިޔަފާރިކޮށްފަ އެވެ. ބާޒާރަށް ޒިޔާރަތްކުރި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ބިދޭސީން ވެސް ހިމެނެއެވެ.
ރޯދަމަހަށް ހާއްސަ އަދި ގޭތެރެއަށް ބޭނުންވާ ގިނަ ސާމާނުތަކެއް ނައިޓް މާކެޓްގައި ލިބެން ހުރިނަމަވެސް އެބާޒާރަށް ޒިޔާރަތްކުރި ގިނަ ބަޔަކު ބުނީ މިފަހަރު ބާޒާރުގައި ތަކެތީގެ އަގު އުންމީދު ކުރިވަރަށް ހެޔޮ ނޫން ކަމަށެވެ. ނަމަވެސް ވިޔަފާރިވެރިން ބުނީ އާންމު އަގުތަކަށް ވުރެ މިފަހަރުގެ އަގުތަށް 30 ޕަސެންޓާއި 50 ޕަސެންޓަށް ކުޑަވާނެ ކަމަށެވެ.
"މިފަހަރު އެހާ ބޮޑުތަން އަގުހެވެއް ނޫން، އެކަމަކުވެސް ބައެއް ތަކެތި އެބަހުރި އަތްފޯރާފަށުގައި އެބަހުރި. ހާއްސަކޮށް އަންނައުނު އަގު ރަނގަޅު،" ބާޒާރުކޮށް ނިންމާލައިގެން ނުކުމެވޭތޯ އުޅުނު މީހަކު ބުންޏެވެ.
"އުނގުޅޭ ބާޒާރު"ގެ ނަމުގައި މަޝްހޫރުވެފައިވާ ބޮޑު ބާޒާރުގައި މިއަހަރު ވެސް ތަފާތު ގިނަ ވައްތަރުގެ މުދާ ލިބެން އެބަހުއްޓެވެ. ގޭތެރެއަށް ބޭނުންވާ ސާމާނުން ފެށިގެން ދިރޭ މަހާއި ކުޑަކުދިން ކުޅޭ އެއްޗެއްސާއި އަންނައުނާއި ފައިވާން ފަދަ ތަކެތި އެބަހުއްޓެވެ. އަދި އެހެން އަހަރުތަކޭ އެއްފަދައިން މިއަހަރުގެ ބާޒާރުގައި ވެސް ކެއިންބުއިމަށް ހާއްސަ ކެންޓީނުތަކެއް ވަނީ ތައްޔާރުކޮށްފަ އެވެ.
ނައިޓް މާކެޓް 10 ދުވަހަށް ކުރިޔަށް ގެންދާއިރު މިއަހަރު ހުޅުވިފައި ހުންނަނީ ހަވީރު 4:00 ން 06:00 އަށް އަދި ރޭގަނޑު 08:00 ން 12:00 އަށެވެ.