މަސްތުވާތަކެއްޗާއެކު ޖުވާ ކުޅެން ތިއްބާ ފުލުހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަތުލައިގަތް 12 މީހުންގެ ތެރެއިން 11 މީހަކު ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ހަސަން ހަނީފު ވިދާޅުވީ މ. އަމީރާ މަންޒިލްގައި ޖުވާ ކުޅެން ތިއްބާ ފުލުހުން އަތުލައިގަތް 12 މީހުންގެ ތެރޭގައި އެގޭގެ ވެރިފަރާތް ވެސް ހިމެނޭ ކަމަށާއި އެމީހާ ނޫން އެންމެން ދޫކޮށްލީ އެމީހުން ދޫކޮށްލަން ކޯޓުން އެންގުމުން ކަމަށެވެ. އަދި އެމީހުން ކޯޓުން ދޫކޮށްލީ އެމައްސަލައާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް އެއްްބާރުލުން ދިނުމަށް ޝަރުތުކޮށް ކަމަށް ވެސް ވިދާޅުވި އެވެ.

އެމީހުން ދޫކޮށްލި ނަމަވެސް އެއިން މީހެއްގެ އެއްވެސް ތަފުސީލެއް ނުދެ އެވެ. އެގޭ ތެެރެއިން ފުލުހުން ހައްޔަރު ކުރި މީހުންގެ އެވްރެޖް އުމުރަކީ 19 އަހަރާއި 30 އަހަރެވެ.

ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ހުރީ ހަމައެކަނި އެގޭގެ ވެރިފަރާތް ކަމުގައިވާ އަަާާދިލް ރަޝީދެވެ.

ފުލުހުން ކޯޓު އަމުރެއްގެ ދަށުން މ. އަމީރާ މަންޒިލަށް ވަނމީ މިދުވަސްވަރު މާލެތެރޭގައި ކުރާ ވައްކަންތަކާއި ފޭރުމުގައި ބައިވެރިވާ ކަމަށް ބެލެވޭ ބަޔަކު އޭގޭތެރޭގައި ޖުވާކުޅެން ތިބި ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

އެ ގެ ބަލައި ފާސްކުރުމަށް ފަހު އެ ގޭގެ ތެރެއިން ފުލުހުން ވަނީ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތަރު ޕެކެޓާއި ޖުވާ ކުޅުމުގައި އެމީހުން ބޭނުންކުރި ޗިޕް ސެޓަކާއި 24193ރ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.