ޔޫރަޕުގެ ފުޓްބޯޅަ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ އަށް ދޭ ރަންބޫޓު ސްޕޭންގެ ފޯވަޑް ފެނާންޑޯ ޓޮރޭޒަށް ދީފި އެވެ.

ފައިނަލް މެޗުގައި އިޓަލީކޮޅަށް ލަނޑު ޖެހި ކުޅުންތެރިޔާ މުޅި މުބާރާތުގައި ޖަހާފައިވަނީ ތިން ގޯލެވެ. އޭނާގެ ފުރަތަމަ ދެ ގޯލު ޖަހާފައިވަނީ ގްރޫޕް ސްޓޭޖުގައި އަޔަލޭންޑް ކޮޅަށެވެ.

ޓޮރޭޒަށް ރަން ބޫޓު ލިބުނު އިރު ތިން ގޯލު ޖަހާފައިވާ އިތުރު ފަސް ކުޅުންތެރިއަކު އެބަތިއްބެވެ. އެއީ ޖަރުމަނުގެ މާރިއޯ ގޮމޭޒާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އިޓަލީގެ މާރިއޯ ބަލެޓޮއްލީ އާއި ރަޝިޔާގެ އެލަން ޒަގޮއޭވް އާއި ކްރޮއޭޝިޔާގެ މާރިއޯ މެންޒުކިޗް އެވެ.

ޗެލްސީގެ ފޯވަޑް ޓޮރޭޒް ތިން ގޯލު ޖެހީ އެންމެ ފަސް މެޗުގައި ކުޅެގެންނެވެ. އޭނާ ވަނީ ތިން ގޯލު ޖަހައި ފައިނަލް މެޗުގައި އިތުރު ގޯލެއް ޖަހަން މަގު ފަހުކޮށްދީފަ އެެވެ. އަދި ފައިނަލް މެޗުގައި ޖެހި ގޯލާއެކު ޓޮރޭޒް ވެފައިވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ފައިނަލެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. އޭނާ އަކީ 2008 ވަނަ އަހަރުގެ ޔޫރޯ ސްޕޭނަށް ކާމިޔާބުކޮށްދޭން ޖަރުމަނުކޮޅަށް ފައިނަލްގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާ އެވެ.