ފައިނަލްގައި އިޓަލީ 4-0 އިން ބަލިކޮށް ޔޫރަޕުގެ ފުޓްބޯޅަ މުބާރާތުގެ ތަށި ސްޕޭން މިރޭ ދިފާއުކޮށްފި އެވެ.

ޔޫރޯ ތާރީހުގައި ބަލިނުވެ މިހާތަނަށް 12 މެޗު ހަމަކޮށްފައިވާ ސްޕޭނަކީ ތަށި ދިފާއު ކުރި ފުރަތަމަ ގައުމެވެ. އެމީހުން ވަނީ ކޮންމެ ހާފެއްގައި އިޓަލީކޮޅަށް ދެ ގޯލު ޖަހާފަ އެވެ. ފުރަތަމަ ގޯލު ޖެހީ ޑޭވިޑް ސިލްވާ އެވެ. އަދި ފުރަތަމަ ހާފު ނިމިނިމި އޮއްވައި ދެ ވަނަ ގޯލު ޖެހީ ސްޕޭނުގެ ވެލެންސިއާއިން ބާސެލޯނާ އަށް ދާދި ފަހުން ބަދަލުވި ކަނާތު ބެކް ޖޯރީ އަލްބާ އެވެ. މިއީ އޭނާގެ ގައުމީ ޓީމުގެ ފުރަތަަމަ ގޯލެވެ.

މުބާރާތް އެއް ފަހަރު ކާމިޔާބުކޮށްފައިވާ އިޓަލީކޮޅަށް ސްޕޭނުގެ ތިން ވަނަ ގޯލު ޖެހީ ފާހުހާފުގައި ކުޅެން ނުކުތް ފެނާންޑޯ ޓޮރޭޒެވެ. މި ގޯލާއެކު މުބާރާތުގެ އެންމެ ގިނަ ގޯލު ކުޅުންތެރިންގެ ލިސްޓުން އޭނާއަށް ޖާގަ ލިބިގެންދިޔައިރު ޓޮރޭޒްގެ ޕާހަކުން ހަތަރު ވަނަ ގޯލު ޖެހީ ހުއާން މާޓާ އެވެ. ތިން ގޯލާއެކު މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓު ވެސް ލިބުނީ ޓޮރޭޒަަށެވެ.

މި މޮޅާއެކު ސްޕޭނަށް ވަނީ ޖާމަނީގެ ރެކޯޑާ އަރާހަމަހަމަ ކުރެވިފަ އެވެ. ޖަރުމަނާއި ސްޕޭނަށް ތިނަ ފަހަރު މި ތަށި ލިބިފައިވުމުން މުބާރާތުގެ އެންމެ ކާމިޔާބު ދެ ގައުމަކީ ވެސް އެއީ އެވެ. އަދި ސްޕޭނަށް ރޭ ތަށި ހަވާލުކޮށްދެއްވީ ޔުއޭފާގެ މިހާރުގެ ރައީސް މިޝޭލް ޕްލެޓިނީ އެވެ. އޭނާ އަކީ 1984 ވަނަ އަހަރު ސްޕޭން ބަލިކޮށް ފްރާންސަށް ތަށި ހޯދައިދިން ކެޕްޓަނެވެ.

ތަށި ދިފާއު ކުރުމުން ސްޕޭން ވެފައިވަނީ ޔޫރޯ އަކަށް ފަހު ވޯލްޑް ކަޕް އަދި އެއަށްފަހު ޔޫރޯ ވިދިވިދިގެން ހޯދި ފުރަތަމަ ގައުމަށެވެ. އަދި ކޯޗު ވިސެންޓޭ ޑެލްބޮސްކޭ ވެފައިވަނީ ވަނީ ޔޫރޯ ދެ ފަހަރު ކާމިޔާބު ކުރި ފުރަތަމަ ކޯޗަށެވެ. އަދި ޔޫރޯ އާއި ވޯލްޑް ކަޕުގެ އިތުރުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ފުރަތަމަ ކޯޗަށެވެ. އޭނާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ ސްޕޭނުގެ ރެއާލް މެޑްރިޑުގައި 2002 ވަނަ އަހަރު އެވެ.