00:45


"ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު" މި މަހުގެ 18 ވަނަ ދުވަހު ވަނީ ތަސްދީގު ކޮށްފަ އެވެ. މިއީ ރައީސް މުހައްމަދު އަމީނުގެ ދައުރުގައި އަމަލު ކުރުމަށް ފަހު އުވާލުވެވުނު ދުންފަތުގެ ގާނޫނަށް ފަހު އައި އެފަދަ ދެވަނަ ގާނޫނެވެ. އެހެން ކަމުން މި ގާނޫނަށް އަމަލު ކުރަން ފަށާނީ ގާނޫނަށް އަމަލު ކުރަން ފަށާތާ އެއް އަހަރު ފަހުން ކަމުގައި ވިޔަސް މިފަދަ ގާނޫނެއް ތަސްދީގުވެގެން ދިޔަ  މިދަނޑިވަޅުގައި ދުންފަތުގެ ރަހަޔަށް ރާއްޖެ ލެބިގެން ދިޔަ ގޮތް ތާރީހީ ނަޒަރަކުން ބަލައިލުމަކީ މިވަގުތަށް ބޭނުންތެރި ކަމަށްވާނެ އެވެ.


ރާއްޖޭގެ "ސީނިއާ ސިޓިޒަންޝިޕް"ގައި ހިމެނޭ ބޭފުޅުންގެ ތެރެއިން އަލްއަމީރު ހަސަން ފަރީދު ދީދީ އަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުގައި ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. އޭނާ ހިއްޕެވީ 50 ސިނގިރެޓް ހިމެނޭ ދަޅެއްގައި ހުންނަ ސިނގިރޭޓެކެވެ. އޯކިޑްމާގެ އަހުމަދު ޒަކީ އަކީ ވެސް ބޮޑު ސުއްޓާ ހިއްޕެވި ބޭފުޅެކެވެ.  


ބޯދާ ޒަމާންތަކުގައި ރާއްޖެ އަކީ އެފްރިކާ މީހުންނާއި އަރަބީންނާއި ދެކުނު އޭޝިޔާ އަދި ދެކުނު އިރުމަތީ އޭޝިޔާގެ މީހުންގެ ބަނދަރަކަށް ވުމުން އެ މީހުންގެ އާދަތައް މިރާއްޖޭގައި ހުންނާނެ ކަމަށް އެ ތާރީހުތަކަށް ބަލައިގެން ހިސާބު ޖެހިޔަސް، ރާއްޖޭގެ ރަށްވެހީން ދުންފަތުގެ އިސްތިއުމާލު ކުރަން ފެށުނު ދުވަސްވަރެއް އެންމެ ރަނގަޅަށް ވަޒަން ކުރުމަކީ ފަސޭހަ ކަމަށެއް ނުވާނެ އެވެ. އެހެން ކަމުން ދުންފަތުގެ ބާވަތްތައް ރާއްޖެ އަށް އެންމެ ފުރަތަމަ އެތެރެވެ، ތައާރަފުވެފައި ވަނީ ވަރަށް ކުރީގެ ޒަމާނެއްގައި ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.


ސާބިތުވާން ހުރި ހެކިތަކަށް ބަލާ އިރު ރާއްޖެ އަށް ދުންފަތުގެ ބާވަތްތައް އާންމުކޮށް އެތެރެކުރަން ފެށީ ވޯރާ ވިޔަފާރިވެރިން، 1857 ގައި ރާއްޖޭގައި ބަނޑަހަ ޖަހައި ވިޔަފާރި ކުރަން ފެށުމާ އެކު އެމީހުންގެ ވިޔަފާރީގެ ތެރެއިންނެވެ. އެއީ އައްސުލްތާން މުހަންމަދު އިމާދުއްދީނު (ހަތަރު ވަނަ) ނުވަތަ މުސްކުޅިބަންޑާރަ އިން ރާއްޖޭގެ ރަސްކަމުގެ ތަހުތު ފަޅުފިލުއްވެވި ދުވަސްވަރެވެ.


ވޯރާ ވިޔަފާރިވެރިން ދުންފަތުގެ ބާވަތްތައް ރާއްޖެ އެތެރެ ކުރަމުން ދިޔައީ ކެނޑިނޭޅި އެވެ. ހަމަ އެހެންމެ އެބައި މީހުންގެ ވިޔަފާރި ގެތަކުން ދިވެހީން ދުންފަތް ހޯދަމުން ބޭނުން ކުރަމުން ދިޔައީ ވެސް އިތުރު ވަމުންނެވެ. މުޅި ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން އާއްމުވެގެން ދިޔައީ ވަރަށް ކުރު އުމުރަކަށް ފެތިގެނެވެ. ދުންފަތުގެ ނުރައްކާތެރިކަމުގެ ވާހަކަ ވެރިކަމުގެ ފަރާތުން ފާޑަކަށް އޮތީ "ފޮރުވާފަ" އެވެ. އެ ގޮތުގައި 20 ވަނަ ގަރުނު ފެށުނު އިރު ދިވެހިންގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ، އާދައިގެ އާދައެކެވެ. ގިނަ ދިވެހިން ތިބީ ދުންފަތާ ދޯޅުވެ އެ އިސްތިއުމާލު ކުރާން ދެވި ހިފައިފަ އެވެ.


ވޯރާ ވިޔަފާރިވެރިން އޭރު އާންމުކޮށް ރާއްޖެ އަށް އެތެރެކުރަމުން ދިޔައީ، ސްރީ ލަންކާގެ ޖެފުނާގެ ދަނޑުވެރިން ހައްދާ ދިގު ދުންފަތެވެ. އިންޑިޔާގެ ކަލްކަތާގެ "ވަށް ދުންފަތް" ރާއްޖެ އަށް ތައާރަފުވެގެން އައީ 1930 ވަނަ އަހަރުގަ އެވެ. އެ ވައްތަރު ރާއްޖެ ގެނައީ މަޝްހޫރު ވިޔަފާރިވެރިޔާ ބުރުނީގޭ އިބްރާހިމް ދީދީ ކަމަށް ތާރީހު އިލްމުވެރިން އެއްބަސްވެ އެވެ.


ވަށް ދުންފަތް ތައާރަފުވުމާ އެކު ޖެފުނާގެ ދިގު ދުންފަތަށް ވުރެ، ވަށް ދުންފަތް ދިވެހީންގެ މެދުގައި މަގުބޫލު އެއްޗަކަށްވެ، އެ ބާވަތުން އިސްތިއުމާލު ކުރަން ފެށި އެވެ. ވަށް ދުންފަތަށް ދިވެހިން އޭރު ނަންދީގެން އުޅެނީ "މުތީހާރު"ގެ ނަމުންނެވެ. ރާއްޖެއަށް، ބާވަތް ބާވަތުގެ ސިނގިރޭޓް އެތެރެ ކުރަންފެށުނު ދުވަސްވަރަށް ބަލާ އިރު އެއީ ތަންކޮޅެއް ފަހެވެ. އެއީ 1950ގެ ފަހު އަހަރުތަކުގައި ކަމަށް ބެލެވެ އެވެ. "ބެންސަން" ސިނގިރޭޓް ރާއްޖެ އަށް އާއްމުވީ އެ ދުވަސްވަރު އެވެ.


ދުންފަތާ ދުރުވުމަށް މިހާރު ރާއްޖޭގައި ޕްރޮގްރާމްތައް ހިންގަ އެވެ. ކެމްޕޭންތައް ކުރެ އެވެ. އެހެންނަމަވެސް އެ މަސައްކަތް ވެސް ވަނީ މާ ކުރިން ރާއްޖެ އަށް ތައާރަފުވެފަ އެވެ. ގައުމީ ފެންވަރުގަ އާއި ފަރުދީ ފެންވަރުގަ އެވެ.


ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ނުބައި އާދަ ރާއްޖެ އާއި ދިވެހިންގެ ކިބައިން ހުއްޓުވޭތޯ އަމިއްލަ ފަރުދެއްގެ ގޮތުން، އެންމެބޮޑު މަސައްކަތެއް ކުރައްވާފައި ވަނީ ސ. މީދޫ އިބްރާހިމް މަޖުދުއްދީނު ގެ ދަރިކަލުން އިސްމާއިލް ބަހާއުއްދީނު (ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު) ގެ ދަރިކަލުން އަލްފަގީހުލް އާލިމުލް ހާއްޖު އިބްރާހީމް ބަހާއުއްދީނު ނުވަތަ ފަނޑިޔާރު ތައްހާނު ދޮންމަނިކެވެ. ވިޔަފާރި އާއި އިލްމުވެރި ކަމަށް އަރާ ހުންނެވި ބަހާއުއްދީނުގެ މަސައްކަތްޕުޅުން އައްޑު އަތޮޅު ހުޅުދޫ އާއި މީދޫގެ އެންމެން ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވި އެވެ. ބަހާއުއްދީން އަވަހާރަވިތާ، 21 އަހަރު ފަހުން 1953 ގައި ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީނު އައްޑު އަތޮޅަށް ވަޑައިގެން ހުޅުދޫގައި ހުންނަވައި ބަހާއުއްދީނުގެ މަސައްކަތްޕުޅަށް ތައުރީފު ކުރެއްވި އެވެ. ބަހާއުއްދީނު އަވަހާރަވީ 1932 ގަ އެވެ.


ދުންފަތަކީ ހަރާމް އެއްޗަކަށް ރާއްޖާގައި ފުރަތަމަ ފަތުވާއެއް ނެރުއްވީ ދޮންމަނިކެވެ. އޭނާ ވިދާޅުވީ "ޔަގީނުންވެސް ދުންފަތަކީ މަންފާއެއް ނެތް ގެންލުން ހުރި އެއްޗެއް، އެއީ ޔަހޫދީ އަމަލެއް" ކަމަށެވެ. ދުންފަތުގެ ވަސް ހުރެހެން ﷲގެ ހަޟުރަތަށް ކުރެވޭ އިބާދާތު  ގަބޫލު ނުކުރައްވާނެ ކަމަށެވެ. (ދޮންމަނިކުފާނުގެ ލިޔުއްވުންތައް 2010)


ދުންފަތާ ދެކޮޅަށް ފަތުވާ ނެރުއްވައި އޭނާ ފެއްޓެވި ކެމްޕޭނުގެ ސަބަބުން އައްޑު އަތޮޅުގެ ގިނަ ބަޔަކު އެކަމަށް ތަބާވެ ދުންފަތް އަންދާ ނައްތާލާ ހެދިއެވެ. ހާއްސަކޮށް ހުޅުދޫއާއި މީދުގެ އެންމެން ދުންފަތާ ދުރުހެލިވި އެވެ. އޭގެ ފަހަށް  އެ ދެރަށަށް ލަފާ އޮޑިފަހަރަށް އަރައި ފާސްކޮށް ދުންފަތް ހުރި ނަމަ އަންދަމުންދިޔަ އެވެ.


ދޮންމަނިކަށް ފަހު ރައީސް މުހައްމަދު އަމީނަކީ ދުންފަތާ ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި ބޭފުޅެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުން ދިވެހިން ދުރުހެލި ކުރަން ގައުމީ ގޮތުން އެންމެ ބޮޑު ޚިދުމަތެއް ކުރެއްވި ބޭފުޅަކީ އޭނާ އެވެ. ނަވާރަސަތޭކަ ފަންސާސް ތިނެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތުގެ ބާވަތްތައް އެތެރެކުރުމާއި، އޭގެ ވިޔަފާރި ކުރުން މަނާ ކުރުމުގެ ގާނޫނެއް ވެސް ފާސްކުރެއްވި އެވެ. އެކަމަކު އަމީނުގެ އުމުރު ކުރު ޖުމްހޫރިއްޔާގެ ވެރިކަން ނިމުމާ އެކު އެ ގާނޫނު ވެސް އުވުނީ އެވެ. އަނެއްކާ ދުންފަތް އާންމުވީ އެވެ. އޭގެ ފަހުން ރައީސް މައުމޫނުގެ ވެރިކަމުގައި ވެސް ދިވެހިން ދުންތަފާތާ ދުރުކުރުވުމަށް ގިނަ މަސައްކަތްތައް ކުރައްވާފައިވެ އެވެ.  ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނެއް އަނެއްކާ ތަސްދީގު މިވީ ރައީސް ނަޝީދުވެ ވެރިކަމުގަ އެވެ. އެ މަނިކުފާނުގެ ދައުރުގައި ގާނޫނަކުން ބާރު ލިބިގެން ދުންފަތާ ދެކޮޅަށް ފެށޭ ހަރަކާތްތައް ވެގެންދާނީ ނަތީޖާ ނުކުންނާނެ ހަރަކާތަކަށެވެ. ސަބަބަކީ ހޭލުންތެރިވެ ހާލަތު ބަދަލުވެފައި ވުމެވެ.