ހަމަލާދީ ރަހުމް ކުޑަ ގޮތަކަށް އަވަހަރާކޮށްލާފައިވަނިކޮށް މިރޭ ފެނުނު ގާނޫނީ ވަކީލު އަހުމަދު ނަޖީބުގެ މަރާ ގުޅިގެން ގާނޫނީ ވަކީލުން ހިމާޔަތަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށް ބުނެ ސުޕްރީމު ކޯޓާއި ބަންޑާރަ ނައިބު އޮފީހުން ބަޔާނެއް ނެރެ، ނަޖީބު އަވަހާރަކޮށްލުން ކުށްވެރިކޮށްފި އެވެ.

ސުޕްރީމް ކޯޓުން ބުނެފައި ވަނީ ނަޖީބަށް ހަމަލާދިން މީހުންނާ މެދު ގާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅުތައް އެޅުމަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ސުޕްރީމް ކޯޓުން މިރޭ ނެރުނު ބަޔާނުގައި ބުނަނީ ނަޖީބު ފަދަ ގިނަ ދުވަސްތަކެއް ވަންދެން ޝަރުއީ ކޯޓުތަކުގެ ވަކާލާތު ކުރައްވާފައިވާ ވަކީލުންނާ ދެކޮޅަށް ހިންގޭ މިފަދަ ޖަރީމާތަކާ ގުޅިގެން އިންސާފު ގާއިމުކޮށް ހުރިހާ ވަކީލުންގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި ދިވެހި ރާއްޖޭގެ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ ފަރާތުން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.

"... މިފަދަ އަނިޔާވެރި އަމަލުތަކަކީ އިންސާނާއަށް ދެއްވާފައިވާ ކަރާމާތަށް އެއްވެސް ހުރުމަތެއް ނެތި ކުރެވޭ އިންސާނިއްޔަތުކަމުގެ ދާއިރާއިން މުޅިން ބޭރުވެގެންވާ އަމަލުތަކެކެވެ. މިފަދަ އަމަލުތަކުގެ ސަބަބުން މުޅި މުޖުތަމައު ހަމަނުޖެހުމާއި ބިރުވެރިކަމުގެ ތެރެއަށް ވެއްޓިގެން ދިޔުމަކީ ނުވެނުދާނެ ކަމެކެވެ،" ސުޕްރީމް ކޯޓުގެ ބަޔާނުގައިވެ އެވެ.

ނަޖީބު އަވަހާރަކޮށްލުމާ ގުޅިގެން އޭޖީ އޮފީހުން ބުނީ އެ ހަމަލާގެ އަމާޒަކަށް ނަޖީބު ފަދަ ވަކީލެއް ވުމުން ޝަރުއީ ދާއިރާގެ މުހިންމު ބައެއް ކަމަށްވާ ގާނޫނީ ވަކީލުންގެ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ. އަދި އެފަދަ ހަމަލާތައް ހުއްޓުވަން ކުރަންޖެހޭ މަސައްކަތްތައް ހަލުވި ކުރަން ޖެހިފައިވާކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން އޭޖީ އޮފީހުގެ ދައުރު އަދާކުރަން ފަސް ނުޖެހޭނެކަން ހާމަކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.

ރާއްޖޭގެ މުޖުތަމައުގައި ގާނޫނީ ވަކީލުން މަސައްކަތް ކުރަން ޖެހިފައިވަނީ ވަރަށް ނުރައްކާތެރި ވެއްޓެއްގައި ކަމަށާއި ނަޖީބުގެ އަވަރާކޮށްލުން ސިފަކޮށްފަވަނީ އިންސާނިއްޔަތު ކަމެއްނެތް ވަރަށް ދަށުދަރަޖައިގެ އަމަލެއްގެ ގޮތުގައި ކަމަށްބުނެ ނަޖީބުގެ އާއިލާއަށް ތައުޒިޔާ ދަންނަވައިފައި ވެސް ވެއެވެ.

ވަކީލު ނަޖީބު އަވަހަރަކޮށްލާފައި އޮއްވައި ފެނުނީ މ. މަސްރޫރާ ގޭގެ ކޮޓަރިއެއްގެ ތެރޭގަ އެވެ. ނަޖީބު އަވަހާރަކޮށްލުމަށްފަހު ހަށިގަނޑު ވައްޓާލާފައި އޮތީ ޑަސްބިނެއްގެ ތެރެއަށެވެ.

ނަޖީބުގެ އަވަހާރަކޮށްލުމާ ގުޅިގެން ގިނަ ބަޔަކު މަސްރޫރާގެ ސަރަހައްދަށާއި އައިޖީއެމްއެޗަށް ޖަމާވި އެވެ. ނަޖީބުގެ މޫނު ބެއްލެވުމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިނާއި ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރާއި ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން އައިޖީއެމްއެޗަށް މިރޭ ވަޑައިގަތެވެ. ނަޖީބުގެ ޖަނާޒާ އޮންނާނީ މާދަމާގެ ވަގުތެއްގައި ކަމަށް އާއިލާއިން ބުނެ އެވެ.

ނަޖީބުގެ އަވަހާރަކޮށްލި ހާދިސާ ތަހުގީގު ކުރުމަށް ބޭނުންވާ ތަހުލީލުތައް ކުރުމަށްފަހު މިހާރު ހަށިގަނޑު ބާއްވާފައި ވަނީ ގަލޮޅު ސަހަރާގައި ހުންނަ ގަބުރު ރައްކާކުރާ ފިނިކޮށާރުގަ އެވެ.

ނަޖީބުގެ މަރާއެކު މިއަހަރުގެ ތެރޭގައި ހަމަލާދީ މަރާލި މީހުންގެ އަދަދު ވަނީ ހަތަކަށް އަރާފަ އެވެ. ރާއްޖޭގެ މީހުން މެރުން އާންމުވެފައިވާއިރު މަރަށް މަރުހިފުމުގެ ހުކުމް ތަންފީޒު ކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.