ގާނޫނީ ވަކީލު އަދި ލިޔުންތެރިޔާ އަހުމަދު ނަޖީބުގެ އަވަހާރަކޮށްލި ހަމަލައާ ގުޅިގެން ތުހުމަތުގައި ދެ ލޯބިވެރިޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ހައްޔަރުކޮށްފައިވަނީ ނަޖީބަށް ހަމަލާދީ އަވަހާރަކޮށްލާފައި އޮތް މ. މަސްރޫރާ، އަހުމަދު މުއްރަތު 29، އާއި އޭނާއާއެކު އެގޭގައި ދިރިއުޅެމުން އައި 18 އަހަރުގެ އަންހެންކުއްޖެކެވެ. ސަން އޮންލައިނަށް ކަށަވަރުވެފައިވާ ގޮތުގައި އެ ދެމީހުންނަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހުންނެވެ.

އަންހެން ކުއްޖާއާ މުއްރަތު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށާއި އެ ދެމީހުން އެކުގައި މަސްރޫރާ ގޭގައި އުޅެމުން އަންނަތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް މި ރޭ މަސްރޫރާ ގޭގެ ސަރަހައްދަށް އެއްވި ބައެއް މީހުން ވެސް ބުންޏެވެ.

މި ދެމީހުންގެ ތެރެއިން މުއްރަތަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އިއުލާން ކުރި ދެވަނަ ފުރުސަތުގެ އަފޫއާންމުގައި މިނިވަންކޮށްފައި ހުރި މީހެކެވެ. އޭނާއަކި ބޮޑެތި ކުށްތައް ކުރުމުގެ ރިކޯޑްތައް އޮންނަ މީހެކެވެ. އޭނާ ދޫކޮށްލާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 18 ވަނަ ދުވަހު އެވެ. ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި އޭނާ ދޫކޮށްލާފައި ވަނީ ދެވަނަ ފުރަސަތުގެ ޕްރޮގްރާމަށް ޝަރުތު ފުރިހަމަ ނުވަނީސް ދޫކޮށްލާފައިވާ 218 މީހުންނާއެކު އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފު މިރޭ ވިދާޅުވީ ނަޖީބުގެ މަރާއި ގުޅިގެން ފުރަތަމަ ހައްޔަރުކުރީ މަސްރޫރާ ގޭގައި އުޅުނު އަންހެން ކުއްޖާ ކަމަށެވެ. ނަމަވެސް އެ އަންހެން ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ބޮޑެތި ކުށްތަކުގެ ތަހުގީގުތައް ކުރުމުގައި ފަހަކަށް އައިސް އިސްކޮށް ހަރަކާތްތެރި ވަޑައިގަންނަވާ ސްޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ނަޖީބުގެ ހަށިގަނޑު މަސްރޫރާގޭގެ ތެރެއިން ފެނުނީ އެގޭގެ ތެރޭގައި މަރާލާފައިވާ މީހަކު އޮތް ކަމަށް ބުނެ މިރޭ 6:30 އެހާކަން ހާއިރު ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ ގެ ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

މަސްރޫރާގޭގައި ޑެގް އަޅައިގެން ހަދާފައިވާ ބައެއްގައި ހުންނަ ކޮޓަރިއެއްގެ ތެރޭގައި އަވަހާރަ ކޮށްލުމަށްފަހު ނަޖީބުގެ ހަށިގަނޑު ވައްޓާލާފައި އޮތީ ބޮޑު ޑަސްބިނެއްގެ ތެރެއަށެވެ. ޑަސްބިންގެ ތެރޭގައި ނަޖީބުގެ ހަށިގަނޑު އޮތް އިރު މޫނުގައި އެއްޗެއް އަޅުވާފައި ވެސް އޮތެވެ. އޭނާގެ ހަށގަނޑު ނެރުނު އިރު މަންޒަރު ދުށް މީހުން ބުނީ މޫނުމަތި ވަރަށް ބޮޑަށް ޒަހަމްކޮށްލާފައި އޮތުމުން ކާކުކަން ވަކި ކުރަން ނޭނގޭ ވަރުވެފައިވާ ކަމަށާއި އެނާ އަހަވާހަރަ ކޮށްލާފައި އޮންނަތާ 24 ގަޑިއިރަށްވުރެ ގިނައިރު ވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ނަމަވެސް ނަޖީބަށް ދީފައިވާ ޒަހަމްތަކާއި ގުޅޭ ގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ބުނެފައެއްނުވެ އެވެ.

ނަޖީބަކީ މަޝްހޫރު ފިލްމީ ބަތޮލާ ޝީލާ ނަޖީބާއި ރާއްޖޭގެ މަޝްހޫރު ދުވުންތެރިޔާ ޝަމްހާ އަހުމަދާއި މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ނީލާ އަހުމަދުގެ ބައްޕަ އެވެ. ގިނަ ކައިވެނިތަކެއް ކުރައްވާފައިވާ ނަޖީބު އަވަހާރަކޮށްލިއިރު ހަތް ކުދިން ތިބެ އެވެ.

އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ ނަޖީބަށް ހަމަލާދީ އަވަހާރަ ކޮށްލީ ނަޖީބު ދިރިއުޅުއްވަމުން ގެންދެވި ގޭގައި ހުންނަވަނިކޮށް ފޯނުން ގުޅައިގެން މަސްރޫރާ ގެޔަށް ގެންގޮސްގެން ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

ނަޖީބުގެ ހަށިގަނޑު އަންނަނީ އައިޖީއެމްއެޗަށް ގެގޮސް އިތުރު ތަހުލީލުތައް ކުރަމުންނެވެ. ނަޖީބު އަވަހާރަ ކޮށްލުމާ ގުޅިގެން އާނާގެ ބޭފުޅުން މިރޭ އައިޖީއެމްއެޗަށް ގޮސް ތިބި އިރު ވަރަށް ގިނަ ފިލްމީ ތަރީންނާއި އާންމުން ވެސް ގޮސް ތިއްބެވެ.

މަސްރޫރާ ގޭގައި ފުލުހުން އަދިވެސް ހަރަކާތްތެރިވަމުން އަންނަ އިރު މަސްރޫރާ ގެ ހިމެނޭ ސަރަހައްދު ފުލުހުން ވަނީ ބަންދުކޮށްފައެވެ. މިއީ މިއަހަރުގެ ތެރޭގައި ހަމަލާދީ މަރާލި ހަތްވަނަ މީހާ އެވެ.