01 Jul 2012, 23:56
ޓެރެރިޒަމްގެ ހަމަލާތަކުން ދިފާއުވާނެ ހުނަރު ފުލުހުންނަށް ދަސްކޮށްދޭ ކޯހެއް ފަށައިފި
ކަނޑު ފޭރުމުގެ ތަހުގީގުގެ ހުނަރު ދަސްކޮށްދޭ ކޯހެއް ވެސް މިއަދު ފެށި
ޓެރެރިޒަމުގެ ހަމަލާތައް ދީފާނެ ތަންތަން ދެނެގަނެ އެފަދަ ހަމަލާތަކުން ދިފާއުވުމަށް ދުރާލާ ކުރެވޭނެ ކަންކަން ފުލުހުންނަށް ދަސްކޮށްދިނުމުގެ ކޯހެއް ފަށައފި އެވެ.
ޕްރިވެންޓިން އެޓޭކްސް އޮން ސޮފްޓް ޓާގެޓްސްގެ ނަމުގައި ޔޫއެސް އެމްބަސީ އާއި އެމެރިކާގެ ބިއުރޯ އޮފް ޑިޕްލޮމެޓިކް ސެކިއުރިޓީ އޮފީސް އޮފް އެންޓި ޓެރެރިޒަމް އެސިސްޓެންސް ޕްރޮގްރާމުގެ ދަށުން ހިންގާ ދެ ހަފުތާގެ ކޯހުގައި 24 ފުލުހަކު ބައިވެރިވެ އެވެ. އަދި ކޯހުގެ އޮބްޒާވަރުންގެ ގޮތުގައި ރާއްޖޭގެ ޕްރައިވެޓް އަދި އާންމު އަށް ފަރާތެއް ވެސް ބައިވެރި އެވެ.
ފުލުހުން ބުނީ އެމެރިކާގެ ޓްރެއިނަރުނުން ކިޔަވައިދޭ ކޯހުގައި ޤައުމެއްގައި ޓެރެރިޒަމުގެ ނުރައްކާ އެންމެ ބޮޑަށް ކޮށްފާނެ ތަންތަން ދެނެގަތުމާއި އެފަދަ ތަންތަނުގެ ސަލާމަތީ ކަންކަން އެންމެ ދަށްވެގެން ހުންނަންޖެހޭ މިންގަނޑު ކަނޑައެޅުމާއި ރިސްކް އެސެސްމެންޓް ހެދުމާއި ރައްކާތެރިކަމުގެ ސްޓްރެޓީޖީސްތަކާއި ޕޮލިސީސްތައް އެކަށައެޅުމާއިބެހޭ ގޮތުން ކިޔަވައިދޭނެ ކަމަށެވެ.
މިކޯސް ފެށުމުގެ ގޮތުން އިސްކަންދަރު ބިލްޑިންގައި މިއަދު އޮތް ރަސްމިއްޔާތުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަޙުމަދު ސައުދީ އާއި އެމެރިކާއިން މި ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ސެކިއުރިޓީ އޮފިސާ ރޯޖަސް ޕަބަލޯ އާއި ފުލުހުންގެ އިސް ބައެއް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
މީގެ އިތުރުން ކަނޑު ފޭރުމުގެ މައްސަލަތައް ތަހްގީގުކުރުމުގެ ހުނަރު ދަސްކޮށްދިނުމަށް "ކްރައިމް އޮފް މެރިޓައިމް ޕައިރެސީ" ގެ ނަމުގައި އިންޓަޕޯލާއި އެމެރިކާގެ ނޭވަލް އިންވެސްޓިގޭޝަން ސާވިސް ގުޅިގެން ފުލުހުންނަށް ހިންގާ އެއް ހަފުތާގެ ކޯހެއް ވެސް މިއަދު ވަނީ ފަށާފަ އެވެ.
އިންޓަޕޯލާއި އެމެރިކާގެ ތަޖުރިބާކާރު ބޭފުޅުންގެ އެހީތެރިކަމާއެކު ހިންގާ މިކޯހުގައި ކަނޑު ފޭރޭ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުންނަށް ލިބޭ އިންޓެލިޖެންސް މައުލޫމާތުތަކުގެ ބޭނުން ހިފާނެ ގޮތާއި އެފަދަ މައްސަލަތައް ތަހުގީގުކުރާނެ ގޮތުގެ ޢިލްމާއި ހުނަރުތައް ދަސްކޮށްދޭނެ އެވެ. މިކޯހުގައި 20 ފުލުހަކު ބައިވެރިވެ އެވެ.