01 Jul 2012, 23:04
ގާނޫނީ ވަކީލް އަހުމަދު ނަޖީބުގެ މަރާއެކު، މިއަހަރު ތެރޭގައި މަރާލި މީހުންގެ އަދަދު ހަތަކަށް އަރާފައިވާތީ ޖިނާއީ ކުށްތައް ހުއްޓުވުމަށް ފާސް ކުރަންޖެހޭ މުހިއްމު ބިލްތައް މަޖިލީހުގެ ކޮމެޓީތަކުގައި ހުއްޓީފައިވާތީ، އެ ބިލުތަކުގެ މަސައްކަތް ނުފަށާހާ ހިނދަކު، މަޖިލިސް ދެން ކުރިއަށް ނުގެންދެވޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު މިރޭ ވިދާޅުވެއްޖެ އެވެ.
މަހުލޫފު މިރޭ ވިދާޅުވީ ހުއްޓުމެއް ނެތި އާންމުވަމުންދާ މަރުގެ ހާދިސާތަކަށް ހައްލު ހޯދުމަށް ވުޖޫދަށް އަންނަންޖެހޭ މުހިއްމު ބިލުތައް މަޖިލީހުގެ ކޮމެޓީތަކުގައި ހުއްޓިފައިވާ މައްސަލާގައި އެތައް ފަހަރެއްގެ މަތިން ވާހަކަތަކެއް ދެއްކިއްޖެ ކަމަށާއި ނަމަވެސް އެކަމުގެ އަލި މަގެއް ނުފެނުނު ކަމަށެވެ. އަދި މިރޭ ހިނގައިދިޔަ މަރުގެ ހާދިސާއާ ގުޅިގެން މާދަމާ ވެސް މަޖިލީހުގެ ތަޅުމަށް އިއްވާނީ ކުއްލި މައްސަލައެއް ކަމަށާއި އޭގެ ފަހުގައި އިތުރު މަސައްކަތެއް ނުކުރާނެ ކަމަށެވެ.
ދެން އޮތް ހަމައެކަނި ގޮތަކީ މަޖިލިސް ހުއްޓުވައިގެން ޖިނާއީ ބިލުތަކުގެ ހުއްޓިފައިވާ މައްސަލަ ސަމާލުކަމަށް ގެނައުން ކަމަށް މަހުލޫފު ވިދާޅުވި އެވެ. އަދި ހުސްވާހަތަކަކަށް ވުރެ، ބޮޑަށް އަމަލީ މަސައްކަތް ނުފަށާހާ ހިނދަކު މަޖިލިސް ކުރިއަށް ނުގެންދެވޭނެ ކަމަށާއި މާދަމާ މަޖިލިސް ހުއްޓުވާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނަށް އަންގަފައިވާނެ ކަމަށާއި އެ މެންބަރުން ވެސް ތިއްބަވާނީ އޭނާއާއެކު ކަމަށް މަހުލޫފު ވިދާޅުވި އެވެ.
"މިސާލަކަށް އަޅުގަނޑު ނިސްބަތްވާ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ ބައްދަލުވުމަކަށް މި ދައުރަށް އަދި ގޮވައެއް ނުލާ، އަލީ ވަހީދުމެން [ކޮމެޓީގެ މުގައްރިރު]. ދެން ކީއްތޯއޭ މިކުރަނީ ކޮންމެ މީހަކު ބޮޑު މުސާރައެއް ނަގައިގެން،" މާރާމާރީ އާއި ގޭންގު ކުށްތައް ހުއްޓުވުމަށް ފުލުހުންނަށް ހާއްސަ ބާރުތަކެއް ލިބިދޭ "ސަން ސެޓް" ގާނޫނުގެ މަސައްކަތް ކުރަމުންދާ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މަސައްކަތައް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއް މަހުލޫފު ވިދާޅުވި އެވެ.
ޖިނާއީ ކުށްތައް ހުއްޓުވުމަށްޓަކައި ގާނޫނުތަކެއް މިހާރު ވެސް ހުރި ކަމަށް ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވާތީ މަހުލޫފު ވިދާޅުވީ "ކިރިޔާ ވެސް އެކަމާ ގުޅުންހުރި އެއްޗެއް ވެއްޖެއްޔާ" މަޖިލީހުން އެ ބިލުގެ މަސައްކަތް އަވަހަށް ނިންމަންޖެހޭނެ ކަމަށެވެ.
މަހުލޫފު ވިދާޅުވީ ޖިނާއީ ކުށްތައް ހުއްޓުވުމާ ބެހޭ މުހިއްމު ބިލުތަކުގެ މަސައްކަތް މިހާތަނަށް ގޮސްފައިވާ ހިސާބު ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް މާދަމާ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އަރިހުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ. އަދި ކަމަބެހޭ ކޮމެޓީތަކުގެ މުގައްރިރުންނާ ވެސް ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.
މަޖިލީހުގައި ހުއްޓިފައިވާ ޖިނާއީ ކުށްތައް ހުއްޓުވުމާބެހޭ ބިލްތަކުގެ ތެރޭގައި ހިމެނޭ ގާނޫނުލް އުގޫބާތުގެ ބިލާއި ހެއްކާ ބެހޭ ބިލުގެ މަސައްކަތް ދެ ކޮމެޓީއަކުން ދަނީ ކުރަމުންނެވެ. އެގޮތުން ގާނޫނުލް އުގޫބާތު ބިލް ދިރާސާ ކުރާ ކޮމެޓީގެ ބައްދަލުވުންތައް ކޮންމެ ހަފްތާއެއްގައި ވެސް ބާއްވަ އެވެ. އަދި ހެއްކާ ބެހޭ ބިލުގެ މަސައްކަތް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ވަނީ ފަށާފަ އެވެ. އެ ބިލުގެ މަސައްކަތް މިދިޔަ ހަފްތާގައި ވެސް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ކުރިއަށް ގެންގޮސްފައިވެ އެވެ.