01 Jul 2012, 22:08
ރާއްޖެ ޓީވީއަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށް ބުނެ މޯލްޑިވިއަން ޑިމޮކްރެޓިކްޕާޓީ (އެމްޑީޕީ) އިން އެކަށް ކުށްވެރިކޮށްފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެ ޓީވީގެ ސިގްނަލް އަތޮޅުތަކަށް ނުލިބި ލަސްވަމުން ދަނީ ކޮމިއުނިކޭޝަން އޮތޯރިޓީން އެކަމަށް ދޭންޖެހޭ ހުއްދަ ނުދީގެން ކަމަށާއި ރާއްޖެ ޓީވީއާ މެދު ސަރުކާރުން އަމަލު ކުރަމުން ދަނީ އެހެން ޓީވީ ޗެނަލްތަކާ ތަފާތު ގޮތަކަށް ކަަމަށެވެ. އެއީ އެޗެނަލަށް ހުރަސް އެޅުމަށް ކުރާ ކަމެއް ކަމަށް ވެސް ބުންޏެވެ. އެބަޔާނުގައި އަދި ވަނީ އެކަންތައްތަކަކީ ސަރުކާރުން ހިންގާ ބޭއިންސާފު، ފިނޑި އަމަލެއް ކަމަށެވެ.
"މިނިވަން މީޑިއާ އަކީ ޑިމޮކްރެޓިކް ވެއްޓަކަށް އެހާމެ މުހިއްމު އަދި ޑިމޮކްރަސީގެ ހަތަރުވަނަ ބާރު ކަމަށް ވާއިރު އަދި ގާނޫނު އަސާސީން މީޑިއާގެ މިނިވަންކަން ކަށަވަރުކޮށްދީފައި ވީ ހިނދު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ދީފައިވާ، ރާއްޖެ ޓީވީ ފަދަ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ހަބަރުފަތުރާ ވަސީލަތަކުން ހަބަރު ފެތުރުމަށް ބަޣާވާތުގެ ސަރުކާރުން ހުރަސް އަޅަމުންދާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
ރާއްޖޭގެ އެހެން ޓީވީ ޗެނަލްތަކެކޭ އެއް ފަދައިން ރާއްޖެޓީވީގެ ހިދުމަތް އަތޮޅުތަކަށް ފުޅާކުރުމުގެ ފުރުސަތު ދިނުމަށް އެމްޑީޕީގެ ބަޔާނުގައި ގޮވާލާފައި ވެއެވެ.