ސިފައިންނާއި ސިފައިންގެ މުއައްސަސާ ބަދުނާމުވާ ގޮތަށް ހަގީގަތާ ހިލާފު ވާހަކަ ނުފެތުރަން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ ސިފައިނާއި މުއައްސަސާ އަށް އަމާޒުވާ ގޮތަށް މީޑިއާ ތަކާއި އާންމު ތަންތަނުގައި ތުހުމަތުތައް ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާ ކަމަށާއި ހަގީގަތެއް ނެތް އެފަދަ ވާހަކަތަކުން ސރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދި އަސްކަރިއްޔާގެ އިތުބާރާއި ގަދަރު ކުޑަވެދާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ސިފައިންގެ މުއައްސަސާގެ އަބުރާއި އިއްޒަތް ވެސް ގެއްލިދާނެ ކަމަށެވެ.

"... މީޑިއާތަކާއި އާންމު ތަންތަނުގައި ސިފައިންގެ ވަކިވަކި ފަރުދުންގެ ނަންތައް އާންމުކޮށް އެފަރާތްތަކާއި މި މުއައްސަސާގެ އަބުރާއި އިއްޒަތް ގެއްލި، ރައްޔިތުންގެ މެދުގައި ނުތަނަސްކަން އުފެދި، ދިވެހި އަސްކަރިއްޔާގެ އިތުބާރާއި ގަދަރު ކުޑަވާ ގޮތަށް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށާއި ސިފައިންގެ ވަކިވަކި ފަރުދުންނާއި މި މުއައްސަސާ ބަދުނާމުވާ ގޮތަށް ވާހަކަދައްކާ ނުފެތުރުމަށް ހުރިހާ ފަރާތްތަކަކަށް އިލްތިމާސްކުރަމެވެ. އަދި ސިފައިންގެ ވަކިވަކި ފަރުދުންނާއި މި މުއައްސަސާއާ ބެހޭ ގޮތުން ހަގީގަތާ ހިލާފަށް ދައްކަމުންދާ ވާހަކަތަކާއި ހިންގަމުންދާ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.

ސިފައިންގެ މުއައްސަސާ ތެރެއިން ކުށްކުރާ މީހުންނާއި ސިފައިންގެ ކޯޑް އޮފް އެތިކްސްއާ ހިލާފުވާ މީހުންނަށް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަބަދުވެސް އަޅަމުން އަންނަ ކަމަށާއި އެހެންކަމުން ސިފައިންގެ މީހަކު ޤާނޫނާއި ގަވާއިދާ ހިލާފަށް ކަމެއް ކޮށްފި ނަމަ ނުވަތަ އެފަދަ ކަމެއް ހުށަހެޅިއްޖެ ނަމަ އެކަމެއް ބެލުމަށް ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވެސް އެމްއެންޑީއެފްގެ ބަޔާނުގައިވެ އެވެ.

ނަމަވެސް ސިފައިންނާ ގުޅޭ ގޮތުން ދައްކާފައި ވަނީ ކޮން ވާހަކަތަކެއް ކަމެއް އެ ބަޔާނުގައި ބުނެފައެއް ނުވެ އެވެ.