01 Jul 2012, 17:56
ކޯ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ތިޖޫރީ ފަޅާލައި ގިނަ އަދަދެއްގެ ޗެކްތަކަކާއި ފައިސާތަކެއް ވަގަށް ނަގަން މަސައްކަތްކުރި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މ. ބާރަނާގޭގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އޮފީހުގެ ތިޖޫރީ ފަޅާލައިގެން އުޅެނިކޮށް ރޭ ފަތިހު 5:20 ހާއިރު ފުލުހުން ހައްޔަރު ކުރީ އުމުރުން 35 އަހަރުގެ މީހަކާ 20 އަހަރުގެ މީހެކެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރު ކުރީ އާންމު ފަރާތަކުން ދިން މަޢުލޫމާތަކާއި ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި ފުލުހުން ދިޔައިރު އެ އޮފީހުގެ މީޓިންގް ރޫމްގެ ތެރޭގައި ވައްކަންކުރަން ވަދެ ހުރި ކަމަށް ބެލެވޭ މީހަކު ހުރުމުން އެމީހާ ހައްޔަރުކޮށް އެ އޮފީސްތެރެ ބަލައި ފާސްކުރަމުން ދަނިކޮށް ދެވަނަ މީހާ ފެނުނީ އެ އޮފީހުގެ މެނޭޖިން ޑިރެކްޓަރުގެ މޭޒުގެ ދަށަށް ވަދެ ފިލާ އޮއްވާ ކަމަށެވެ.
"ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތް ކުރި ވަގުތު އެ ދެ މީހުންވަނީ ޔޫއެސް ޑޮލަރުތަކަކާއި ގިނަ އަދަދެއްގެ ދިވެހި ފައިސާ ބިންމައްޗަށް އުކާލާފައި،" ފުލުހުން ބުންޏެވެ.
ހައްޔަރު ކުރި ދެ މީހުން ހާޒިރުގައި ކޯ ލޯޑް އޮފީސް ބަލައި ފާސްކުރިއިރު ތިޖޫރީ ހަލާކު ކޮށްލައި އެ ތިޖޫރީގައި ހުރި ފައިސާތައް ވަގަށް ނަގާފައިވާކަން އެނގިފައިވައިވާ ކަމަށާއި ހަލާކުކޮށްލާފައިވާ އެ ތިޖޫރީ ތެރޭގައި ބޭންކް އޮފް މޯލްޑިވްސްގެ 34515.07 ރުފިޔާގެ ދެ ޗެކާއި ބޭންކް އޮފް ސިލޯނުގެ 13200 ރުފިޔާގެ ޗެކަކާއި ބޭންކް އޮފް ސިލޯނުގެ 14222.67 ރުފިޔާގެ ޗެކެއް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.