01 Jul 2012, 17:25
މުއްދަތު ހަމަވެފައި ހުރި ކާބޯތަކެތި ބޭނުންކޮށްގެން ކާބޯތަކެތި ހަދަމުން ގެންދިޔަ ކަމުގެ ތުހުމަތުގައި މާލޭ ސިޓީ ކައުންސިލުން މިދިޔަ އަހަރު ބަންދު ކުރި ފެންޓަސީ ބޭކަރީ އަލުން ހުޅުވުމަށް ފަހު ހިދުމަތްދޭން ފަށައިފި އެވެ.
ފެންޓަސީ ބޭކަރީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އަލުން ހުޅުވުމަށް ފަހު ހިދުމަތްދޭން ފަށައިފައި ވަނީ އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެ ބޭކަރީ އަލުން ހުޅުވުމުގެ ހުއްދަ ދިނުމުންނެވެ.
އެމްއެފްޑީއޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ ސިޓީ ކައުންސިލުން ކުރަމުން އަަންނަ މަސައްކަތަކީ އެ އޮތޯރިޓީގެ މެންޑޭޑްގައި އަދި ވެސް ކުރުމަށް ހަމަޖެހިފައި އޮންނަ ކަމެއް ކަމަށާއި އެކަންތައް ސިޓީ ކައުންސިލާ ހަވާލުކޮށްފައި ވަނީ އެ އޮތޯރިޓީން ކަމަށެވެ. އަދި އެ ހުއްދަ އެ އޮތޯރިޓީ އަށް ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ސުޖާއު މިއަދު ވިދާޅުވީ ފެންޓަސީ ބޭކަރީ އަލުން ހުޅުވައިގެން ހިދުމަތް ދެމުން ގެންދަނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ހައުސިން މިނިސްޓްރީން ހުއްދަ ދީގެން ކަމަށެވެ. ނަމަވެސް އެތަން ހުޅުވުމުގެ ހުއްދަ އެކަންސިލުން މިހާތަނަށް އަދި ދީފައިނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފެންޓަސީ ބޭކަރީ އަލުން ހުޅުވުމުގެ ހުއްދަ އިކޮނޮމިކް މިިނިސްޓްރީންނާއި އެމްއެފްޑީއޭ އިން ދިނުމުން ސިޓީ ކައުންސިލްގެ މައްޗަށް ފެންޓަސީ ކޮށްފައިވާ ދައުވާ ވަނީ ފެންޓަސީން ވަނީ އަނބުރާ ގެންގޮސްފަ އެވެ.
ފެންޓަސީ ބޭކަރީގެ އަލުން ހުޅުވުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމުން ވެސް އެތަން ހުޅުވުމަށް މާލޭ ސިޓީ ކަންސިލުން ހުއްދަ ނުދިނުމުން އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ވަރަަށް އަވަހަށް އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ފެންޓަސީ އިން ވަނީ ބުނެފަ އެވެ.