Last Updated:
1 decade 3 year ago

ހަތަރު ވަޒީރަކަށް ރުހުން ދިނުމާއި މީރާގެ ބޯޑަށް މެންބަރަކު ހޮވުން މާދަމާ

    ބުލޮގު ޚުލާސާ
    ހަތަރު ވަޒީރަކަށް ރުހުން ދިނުމާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ޑިރެކްޓަރުންގެ ބޯޑުންގެ ހުސްވެފައިވާ ގޮނޑިއަށް އައްޔަން ކުރެއްވުމަށް ފޮނުވާފައިވާ ނަންތަކުގެ ތެރެއިން، ބޭފުޅަކު މީރާގެ މެންބަރު ކަމަށް ހޮވުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

    ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު މުހައްމަދާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއީޒާއި އެންވަޔަރަމަންޓް އެންޑް އެނާޖީ މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ހިއުމަން ރައިޓްސް މިނިސްޓަރު ފާތުމަތު ދިޔާނާ ސައީދަށް ރުހުން ދިނުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، އެ ބޭފުޅުންގެ ނަންތައް ދިރާސާ ކުރެއްވެވި ކޮމެޓީ ނިންމާފައި ވަނީ ދިޔާނާއަށް އެކަނި ރުހުން ދިނުމަށެވެ. ސަރުކާރަށް ތާއީދު ކުރާ ޕާޓީތަކުގެ މެޖޯރިޓީ އޮންނަ ކޮމެޓީން އެ ގޮތަށް ފާސްވީ، އެމްޑީޕީން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި އަލްހާން ފަހުމީ އެގޮތަށް ވޯޓް ދެއްވުމުންނެވެ.

    ކޮމެޓީން ވަޒީރުންނަށް ރުހުން އޮތްތޯ ވޯޓަށް އެހިއިރު، ސަރުކާރަށް ތާއިދުކުރާ ޕާޓީތަކުގެ ބައެއް މެންބަރުން ކޮމެޓީއަށް ވަޑައިނުގަންނަވަ އެވެ. އެދުވަހުގެ ކޮމެޓީ ޖަލްސާގައި ދިޔާނާއަށް ރުހުން ދިނުމަށް ފާސްވީ އަލްހާން ވަކިކޮޅަކަށް ވޯޓް ނުދެއްވުމުން، ވޯޓް އެއްވަރުވެގެން، މުގައްރިރަކަށް އިންނެވި ހަނިމާދޫ ދާއިރާގެ މެންބަރު މުހައްމަދު މުޖުތާޒު ދިޔާނާއަށް ރުހުން އޮތް ކަމަށް ވޯޓް ދެއްވުމުންނެވެ.

    މާދަމާގެ ޖަލްސާގައި މިރާ ބޯޑުން ހުސްވެފައިވާ މެންބަރު ކަމުގެ ގޮނޑިއަށް ބޭފުޅަކު ހޮއްވަވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ ފަސް ބޭފެއްގެ ނަން މަޖިލީހަށް ފޮނުއްވަވާފަ އެވެ. އެއީ ލ. މާވަށް އަސްރަފީ ހިލާ އަހުމަދު ފާއިޒް މުހައްމަދާއި ސ. ހުޅުދޫ، ވާރުގެ އާޠިރާ އަލީއާއި ގދ. މަޑަވެލި ގަހާ، އަހުމަދު މުނައްވަރާއި މ. ނަރުގިސްމާގެއާގެ އައިޝަތު އަރްޝާއި ހ. މަޑިވަރު އައިޝަތު އަރްޝާއެވެ. އެ ބޭފުޅުންގެ ނަންތައް ދިރާސާ ކުރައްވައި އިންޓަވިއުކޮރެއްވުމުން ކޮމެޓީން އެންމެ ގިނަ މާކްސް ލިބިވަޑައިގެންނެވީ ފާއިޒެވެ.