01 Jul 2012, 17:13
ފެބްރްއަރީ އަށްވަނަ ދުވަހު އައްޑު އަތޮޅު ހުޅުދޫ ކޯޓުގައި ހުޅުޖެހި މައްސަލާގައި 13 މީހެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ދައުވާކޮށްފި އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފެބްރުއަރީ އަށް ވަނަ ދުވަހު ހުޅުދޫ ކޯޓަށް ގެއްލުން ދިން މައްސަލާގައި 13 މީހުންގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ ކުރަން ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
"ހުޅުދޫ ކޯޓަށް ގެއްލުން ދިން މައްސަލާގައި ދައުވާ ކުރުމަށް 13 މީހެއްގެ މައްސަލަ ވާނީ ކޯޓަށް ފޮނުވާފައި. އެމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ ޓެރެރިޒަމްގެ ކުށުގެ ދައުވާ،" އޮފިޝަލް ވިދާޅުވި އެވެ.
ފެބްރުއަރީ އަށް ވަނަ ދުވަހު އެމްޑީޕީން ކުރި މުޒާހަރައަށް ފަހު އައްޑޫ ސިޓީގެ ޕޮލިސް ސްޓޭޝަންތަކާއި ކޯޓްތަކުގައި ހުޅުޖަހައި އަންދާލި މައްސަލައިގައި 60 މީހެއްގެ މައްޗަށް ދައުވާ ކުރަން ފުލުހުން ފޮނުވި މައްސަލަ ދިރާސާ ކުރިއިރު ބައެއް ތަންތަނަށް ގެއްލުން ދިން މައްސަލަތަކުގައި އިތުރު ހެއްކާއި ގަރީނާ ހޯދަން ޖެހޭކަމަށް ޕީޖީ އޮފީހުން މީގެކުރިން ވަނީ ބުނެފަ އެވެ.
އައްޑޫ ސިޓީގެ އިތުރުން އެ ދުވަހު ހުޅުޖަހައި އަންދާލާފައި ވަނީ ގދ. ތިނަދޫގެ ދައުލަތުގެ ބައެއް އިމާރާތްތަކުގަ އެވެ.
ތިނަދޫގައި ހުޅުޖެހި މައްސަލައިގައި ތުހުމަތު ކުރެވޭ 108 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.