01 Jul 2012, 17:02
ރައްޔިތުން މަޖިލީހަށް ކިތަންމެ ގަރާރެއް ހުށަހެޅި ނަމަވެސް ކަންބޮޑުވެވަޑައި ނުގަންނަވާ ކަމަށާއި މަޖިލީހުގެ މެންބަރުން ކުރައްވާ ތުހުމަތުތަކަށް ޖަވާބުދާރީ ވެވަޑައިގަންނަވަން މަޖިލީހުގެ ރައީސްގެ ގެކޮޅަށް ވަޑައިގަންނަވަން ޖެހިވަޑައިގަތަސް ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ލިބިވަޑައިގެންނެވި "ޖޭމްސް ލޯސެން" އެވޯޑާއެކު މިއަދު ރާއްޖެ ވަޑައިގެން ޖީއެމްއާރު އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ގާނޫނާއި ހިލާފު އެއްވެސް ކަމެއް ކުރައްވާފައި ނޯންނާނެ ކަމަށާއި އެމަނިކުފާނާމެދު ކުރާ ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
"އަޅުގަނޑުމެންގެ ރިޔާސަތުގައި އަޅުގަނޑުމެނެއް ނޯންނާނެ ގާނޫނާއި ހިލާފު ކަންތައްތަކެއް ކޮށްފައެއް. އަޅުގަނޑެއް ނުހުންނާނެ މީހުންގެ ފައިސާގައި ޖެހިފަ އެއް. އަދި މީހުންގެ ހައްގުތަކަށް އަރައިގަނެ މީހުނަށް ބޮޑެތި އަނިޔާތަކެއްދީފަ އެއް. އަޅުގަނޑު މިހުރީ ޖަވާބުދާރީވާން ތައްޔާރަށް. އަޅުގަނޑު ދެންނެވީން މަޖިލީހުގެ ރައީސަށް [އަބްދުﷲ ޝާހިދަށް] މަޖިލީހުގެ ރައީސްގެ ގެކޮޅަށް ގޮސް ނަމަވެސް އަޅުގަނޑު މިހުރީ ޖަވާބުދާރީވާން ތައްޔާރަށް ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނާއި ދެކޮޅަށް ރައްޔިތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ގަރާރުތަކުގެ ސަބަބުން ރިޔާސީ އިންތިހާބުގައި އެއިން އެމަނިކުފާނަށް އަސަރެއްކޮށްފާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް ރައީސް ނަޝީދު މިއަދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެފަދަ ގަރާރުތައް ހުށަހަޅުއްވަނީ އެމަކިފާނާއި ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޖެހިލުންވެވަޑައިގަންނަވާތީ ކަމަށެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ކުރަށްވާފައިވާ ގާނޫނާ ހިލާފު ކަންކަން ބެލުމަށް ދެ ގަރާރެއް މަޖިލީހަށް ވަނީ ވައްދާފަ އެވެ. އެއީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ގަރާރަކާއި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ ގަރާރެކެވެ.
އެމެރިކާއަށް ކުރެއްވި ދަތުރުފުޅާއި ބެހޭ ގޮތުން ނަޝީދު ވިދާޅުވީ އެ ދަތުރުފުޅުގައި ރާއްޖޭ ސިޔާސީ މަޝްރަހު މިހާރު އޮތްގޮތާއި އަދި ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފައްދަވާފައިވާ އިންކްއަރީ ކޮމިޝަނުގެ ތަހްގީގު ފުރިހަމައަށް ހިނގުމުގެ މުހިންމު ކަމުގެ މައްޗަށް ބައެއް ބޭފުޅުންނާއި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ނަޝީދު ލިބިވަޑައިގެންނެވި "ޖޭމްސް ލޯސެން" އެވޯޑަކީ ވޮޝިންޓަންގައި ހުންނަ ޓަފްޓްސް ޔުނިވަސިޓީގެ، "ފްލެޗަ ސްކޫލް" އިން އަހަރަކު އެއްފަހަރު ދެމުން އަންނަ އެވޯޑެކެވެ. އެމަނިކުފާނު ކުރެއްވި މި ދަތުރުފުޅުގައި ޔޫއެސް އިންސްޓިޓިއުޓް އޮފް ޕީސް ބައްދަލުވުމުގައި ބައިވެވޑައިގެން ވަނީ ތަގުގީރު ކުރައްވާފަ އެވެ.
މިއަދު މެންދުރު ފަހު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ނަޝީދު މާލެ ވަޑައިގެންނެވުމުން ވެހެމުންދިޔަ ވާރޭގައި އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ވަނީ އެމަނިކުފަނަށް މަރުހަބާކިޔާފަ އެވެ.