ވޮޝިންގޓަން (ޖުލައި 1): އެމެރިކާގެ އިރުމަތީގެ ސަރަޙައްދުތަކަށް ކުރަމުންދާ އާދަޔާޚިލާފު ވިއްސާރާގައި ގުގުރުމުގެ ތޫފާންތަކުގައި އެތައް ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް އެމެރިކާގެ ރަސްމީ ފަރާތްތަކުން ހާމަކޮށްފި އެވެ.

"ޔޫއެސް އެޖެންސީ ފޯރ ކްރައިސިސް މެނޭޖްމެންޓް" ބުނި ގޮތުގައި އެމެރިކާގެ އިރުމަތީގެ ސަރަޙައްދުތަކަށް ކުރަމުންދާ އާދަޔާޚިލާފު ވިއްސާރާގައި ގުގުރުމުގެ ތޫފާންތަކާ އެކު ލިބިފައިވާ މާއްދީ ގެއްލުންތަކުގެ ސަބަބުން ވޮޝިންގްޓަން، އޮހާޔޯ، ވަރޖީނިޔާ އަދި ވެސްޓް ވާރޖީނިޔާގައި ވަނީ ކުއްލި ޙާލަތު އިޢްލާންކޮށްފަ އެވެ.

ގަޑިއަކު 146 ކިލޯމީޓަރުގެ ބާރުގައި ޖެހޭ ވަޔާއި ގަދަފަދަ ވިއްސާރައާއި ގުގުރިއާ އެކު އަންނަ ކޮޅިގަނޑުތަކުގައި އެތައް ލައްކަ ގަހެއް އުފުރިވެއްޓިފައިވާ އިރު އެތައް މިލިޔަން ގެއާއި ކުންފުނިތަކުގެ ޢިމާރާތްތަކުން ވަނީ ކަރަންޓް ކަނޑައިގެންގޮސްފަ އެވެ.

މިތޫފާންތަކުގައި މިހާތަނަށް 14 މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވާ އިރު ގެއްލިފައިވާ މީހުންގެ ޢަދަދު ވެސް 10 އަކަށްވުރެ ގިނަ އެވެ. އަދި ޒަޚަމްވެފައިވާ އެތައް ބަޔަކުދަނީ ހޮސްޕޮޓަލްތަކުން ފަރުވާހޯދަމުންނެވެ. "ޔޫ.އެސް އެޖެންސީ ފޯރ ކްރައިސިސް މެނޭޖްމެންޓް" ބުނި ގޮތުގައި މި ވިއްސާރައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ އެމެރިކާގެ އެތައް ލައްކަ ބަޔަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އެއެޖެންސީން ގެންދަނީ ކުރަމުންނެވެ.

މިތޫފާންތަކުގައި އެންމެބޮޑަށް ގެއްލުން ލިބިފައިވާ ސްޓޭޓްތަކުގެ ތެރޭގައި އިންޑިޔާނާ، އެޓްލަންޓާ، ވޮޝިންގްޓަން، އޮހާޔޯ، ވަރޖީނިޔާ އަދި ވެސްޓް ވާރޖީނިޔާ، ޕެންސިލްވީނިޔާ، ކެންޓަކީ ހިމެނެ އެވެ. މިސްޓޭޓްތަކުގެ އެތައް ސަތޭކަ ގެއެއް ވަނީ މުޅިން ހަލާކުވެފަ އެވެ.

މިސްޓޭޓްތަކުގެ ޕަބްލިކް އިންފްރާސްޓްރަކްޗާ އަށް ވެސް މިތޫފާންތަކުގެ ސަބަބުން އެތަށް ބިލިޔަން ޑޮލަރެއްގެ ގެއްލުންތައް ލިބިފައިވާ ކަމަށް ރަސްމީ ރިޕޯޓްތައް ބުނެ އެވެ. މީގެއިތުރުން އެމެރިކާގެ ބައެއް އެހެން ސްޓޭޓްތަކުގެ ޖަންގަލިތަކުގައި ރޯވެ އަނދަމުންދާއިރު މިއަލިފާންގަނޑުތައް ނިއްވާލުމުގައި އެމެރިކާގެ ކަމާބެހޭ އިދާރާތައްވަނީ ފޭލްވެފަ އެވެ. (ނޫސްއެޖެންސީތައް)