01 Jul 2012, 16:54
ފެހިކުލައިގެ ފަތްކެއުމުން އިންސާނާގެ ހަށިގަނޑުގެ މަސައްކަތަށް ތާޒާކަމާއި އާރޯކަން ގެނަސްދިނުމުގެ އިތުރުން ކާބޯތަކެތިން ހަށިގަނޑަށް ބޭނުންވާ ހަކަތައުފެއްދުމުގެ ޤާބިލްކަން ހަށިގަނޑުގައި އިތުރުކޮށްދޭ ކަމަށް އެމެރިކާގައި ކުރި ދިރާސާއަކުން ހާމަވެއްޖެވެ.
އެމެރިކާގެ ދަނޑުވެރިކަމާ ބެހޭ ފެޑްރަލް އިދާރާ އިން ކުރި މިދިރާސާ އިން ހާމަވާގޮތުގައި ކާއިރު ފެހިކުލައިގެ ފަތް ގިނައިން ކެއުމުން ހަށިގަނޑުގެ ވަރުބަލިކަމާއި ކަންނެތްކަން ފިލައިގެންގޮސް ހަށިގަނޑުގައި ވަރަށްބޮޑަށް ވަރުޖެހެ އެވެ. ފަތްކެއުމުން އުމުރުން ދުވަސްވީ މީހުންނަށް މިކަން އިޙްސާސްވާމިންވަރު ބޮޑުކަން އުމުރުން 55 އަހަރާއި 70 އަހަރާ ދެމެދުގެ މީހުންގެ މެދުގައިކުރި ދިރާސާއަކުން ވަނީ ހާމަވެފަ އެވެ.
ފެހިކުލައިގެ ފަތަކީ ގިނަ ޢަދަދަކަށް މެގްނެސިޔަމް އެކުލެވޭ ތަރުކާރީއެކެވެ. މެގްނެސިޔަމްއަކީ ވަރަށްބޮޑަށް ހަކަތަ ލިއްބައިދޭ އަދި ހަށިގަނޑުގައި ވަރުޖެހުމަށް ވަރަށްބޮޑަށް އެހީވެދޭ މާއްދާއެކެވެ. މެގްނެސިޔަމް ގިނަ ތަރުކާރީ ކެއުމުން ހަށިގަނޑުގައި ފެޓް މަދުވެ ހަކަތަ ލިއްބައިދޭ މިންވަރު ވަރަށް ބޮޑަށް އިތުރުވާ ކަމަށް ނިއުޓްރިޝަންއާ ބެހޭ ތަޖްރިބާކާރުން ވިދާޅުވެ އެވެ.
އެމެރިކާގެ ދަނޑުވެރިކަމާ ބެހޭ ފެޑްރަލް އިދާރާއިން ކުރި ދިރާސާ އިން ހާމަވާ ގޮތުގައި މެގްނެސިޔަމް އިން މުއްސަނދި ވެފައިވާ ތަރުކާރީ ފަދަ ތަކެތި ކެއުމުން ހަށިގަނޑަށް ހަކަތަ ލިއްބައިދޭ މިންވަރު 15 ޕަސެންޓަށް އިތުރުވެ އެވެ. ހަށިގަނޑަށް ހަކަތަ ލިއްބައިދޭ މިންވަރު އިތުރު ވަނީ މިފަދަތަރުކާރީ ކެއުމުން ހަށިގަނޑުގައި އަންދާ އޮކްސިޖަންގެ މިންވަރު އިތުރުވާތީ އެވެ.
އަނެއްކޮޅުން މެގްނެސިޔަމް މާބޮޑަށް ހަށިގަނޑުގައި އިތުރުވުމަކީ ނާވް ސިސްޓަމަށާއި ކިޑްނީ އަށް މައްސަލަތައް ކުރިމަތިވެދާނެ ކަމެއްކަމަށާއި ދުވާލަކު މީހެއްގެ ހަށިގަނޑަށް ބޭނުން ވަނީ ގިނަވެގެން 350 މިލިގްރާމްގެ ކެލްސިޔަމް ކަމަށް ނިއުޓްރިޝަންއާ ބެހޭ ތަޖްރިބާކާރުން ވިދާޅުވެ އެވެ.
ފެހިކުލައިގެ ފަތުންލިބޭ އެހެން ފައިދާތަކުގެ ތެރޭގައި ލޭ ތަޒާވުމާއި ލޯ އުޖާލާވުމާއި ފާރުވާތަންތަން އަވަހަށް ފަސޭހަވުމާއި ހަންގަނޑު ރީތިވެ އޮމާންވުން ހިމެނޭކަން ވެސް ދިރާސާތަކުން ހާމަވެފައިވެ އެވެ. ހަށިގަނޑަށް ފައިދާބޮޑު ފަތްތަކުގެ ތެރޭގައި ސްޕިނިޗް، ކޭލް، އަދި ލެޓިއުސްގެ އިތުރުން ފެހިކުލައިގެ ކެބެޖާއި ހިކަނދިފަތާއި ފެހިކުލައިގެ އެނޫން ފަތްތައް ވެސް ހިމެނެ އެވެ. (ޤުދްސް ޕްރެސް)