01 Jul 2012, 16:31
މި އަހަރުގެ ޤައުމީ ވޮލީބޯޅަ ލީގުގެ ފުރަތަމަ ބުރުގައި ރޭ ވާދަވެރި ޕޮލިސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ދިވެހި ސިފައިންގެ ކުލަބުން މުބާރާތުގައި މޮޅުވަމުން އައި ރޭސް ދަމަހައްޓައިފި އެވެ.
ޒުވާނުންގެ މަރުކަޒުގެ ވޮލީކޯޓުގައި ރޭ ކުޅުނު މިމެޗު، ދިވެހި ސިފައިންގެ ކުލަބުން ކާމިޔާބުކޮށްފައި ވަނީ ސީދާ ތިން ސެޓުންނެވެ. ދިވެހި ސިފައިންގެ ކުލަބުން މޮޅު ކުޅުމެއް ފެނިގެންދިޔަ ރޭގެ މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައި ވަނީ ސާޖަންޓް އަޙުމަދު ޢަބްދުލްކަރީމް (ލޯންގޭ) އެވެ.
މިމުބާރާތުގެ ފުރަތަމަ މެޗުގައި ދިވެހި ސިފައިންގެ ކުލަބުން ކުޅުނު ފުރަތަމަ މެޗް ކާމިޔާބު ކުރީ ކުލަބް ޕީކޭއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މުބާރާތުގައި ދިވެހި ސިފައިންގެ ކުލަބު ކުޅެން ޖެހޭ ތިން ވަނަ މެޗުގައި އަންނަ އަންގާރަ ދުވަހުގެ ހަވީރު ބައްދަލުކުރާނީ އެސްޓީއޯ ރެކްރިއޭޝަން ކުލަބާ ދެކޮޅަށެވެ.
މީގެ އިތުރުން މި މުބާރާތުގައި އިއްޔެ ކުޅުނު ދެ ވަނަ މެޗް ކާމިޔާބު ކުރީ އެސްޓިއޯ އެވެ. މިމެޗް އެސްޓިއޯ އިން ކާމިޔާބު ކުރީ ތިން ސެޓް އެއް ސެޓުން ނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެސްޓިއޯގެ އިސްމާއިލް ސާޖިދެވެ.
މުބާރާތުގައި ވާދަކުރަނީ މިދިޔަ އަހަރުގެ ލީގުގެ ގަދަ ހަ ޓީމުގެ ތެރޭގައި ހިމެނޭ ލީގުގެ ޗެމްޕިއަން ކުލަބް ޕީކޭ އާއި ދިވެހި ސިފައިންގެ ކްލަބާއި، ޕޮލިސް ކްލަބާއި އެސްޓީއޯ ރެކްރިއޭޝަން ކުލަބު އަދި ސްޕޯޓްސް ކުލަބް ގުޑީސް އެވެ. މިދިޔަ އަހަރު ލީގުގެ ހަ ވަނަ ހޯދި ކަސްޓަމްސް ރެކްރިއޭޝަން ކުލަބް މި އަހަރުގެ މުބާރާތުގައި ބައިވެރިނުވާތީ ލީގުގެ ހަ ވަނަ ޖާގަ ދިނީ މިދިޔަ އަހަރުގެ ހަތްވަނަ ހޯދި ސްޕޯޓްސް ކުލަބް ސިޓީ އަށެވެ.
މުބާރާތުގެ ކުޅުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ، ފުރަތަމަބުރުގައި ކޮންމެ ޓީމެއް ވެސް ކޮންމެ ޓީމަކާ އެއްބުރު ކުޅުމަށް ފަހު ދެވަނަ ބުރު ފަށާ ގޮތަށެވެ. މުބާރާތުގެ ފުރަތަމަ ބުރުގައި ޖުމްލަ 15 މެޗް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.