އިންސާނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ހާލަތު، ވަޒަން ކުރަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އަހަރަކު އެއްފަހަރު އެކުލަވާލާ "ޓްރެފިކިން އިން ޕާސަންސް 2012" އިގެ ރިޕޯޓްގެ ހިއުމަން ޓްރެފިކިން ވޮޗް ލިސްޓުގައި އަނެއްކާވެސް ރާއްޖެ ހިމަނައިފި އެވެ.

މިއީ އެ ރިޕޯޓްގެ "ޓަޔާ 2 ވޮޗް ލިސްޓް" ކެޓަގަރީގައި ވިދިވިދިގެން ރާއްޖެ ހިމެނުނު ތިން ވަނަ އަހަރެވެ. އެ ކެޓަގަރީގައި ހިމެނެނީ ހިއުމަން ޓްރެފިކިންގެ ހާލަތު ގޯސް ގައުމުތަކުގެ ތެރެއިން އެ މައްސަލަ ހައްލުކުރަން އެންމެ އެދެވޭ ފިޔަވަޅުތަކެއް އަޅަމުން ގޮސްފައިނުވާ ގައުމުތަކެވެ.

ރިޕޯޓްގައި ބުނެފައިވަނީ ހިއުމަން ޓްރެފިކިންގެ މައްސަލަ ހައްލުކުރަން ރާއްޖެއަށް މިދިޔަ އަހަރުގެ ތެރޭގައި އެންމެ އެދެވޭ މަސައްކަތްތަކެއް ކުރި ކަމުގެ ހެކި ފެންނަން ނެތް ކަމަށެވެ. އަދި ހިއުމަން ޓްރެފިކިންގެ ހާލަތު އެންމެ ގޯސް ގައުމުތަކުގެ ކެޓަގަރީ، "ޓަޔާ 3" ލިސްޓުން ރާއްޖެއަށް އަރައިގަނެވިފައިވަނީ ހަނި ގޮތަކަށް ކަމަށެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން މިދިޔަ އަހަރު ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށްވި 13 މީހެއްގެ މައްސަލަ ރިޕޯޓް ކޮށްފައިވާއިރު އެކަން ކުރި ކަމަށް ތުހުމަތުވާ ދެ މީހަކު އެއާޕޯޓުން ޑީޕޯޓް ކުރިކަމަށް ރިޕޯޓް ބުނެ އެވެ.

ސަރުކާރާއި ހަވާލާދީ ރިޕޯޓުގައި ބުނަނީ ރާއްޖޭގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން އުޅޭއިރު 80،000 އާއި 110،000 ދެމެދު އަދަދެއްގެ ބިދޭސީން ރާއްޖޭގައި އުޅޭ ކަމަށާއި އޭގެ ތެރެއިން 44000 މީހުންނަކީ ގަވާއިދާއި ހިލާފަށް އުޅޭ މީހުން ކަމަށެވެ. އަދި ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން 50 ޕަސެންޓް މީހުންނަކީ ހިއުމަން ޓްރެފިކިންގެ ކޮންމެވެސް ގޮޅިއަކަށް ފެތޭ ބަޔެއް ކަމަށެވެ.

"... އެފަދަ ގިނަ މީހުންނަކީ ގަދަ ކަމުން މަސައްކަތް ކުރުވުމާއި އޮޅުވައިލައިންގެން ރާއްޖެ އެތެރެ ކުރުން، އަދި އެއްވެސް ޑޮކިއުމަންޓެއް ވެސް އަތުގައި ނެތް އަދި މުސާރަ ވެސް ދިނުމެއް ނެތި ގެންގުޅޭ މީހުންނެވެ،" ރިޕޯޓްގައިވެ އެވެ.

ސާކުގެ ގިނަ ގައުމުތަކުން ރާއްޖެ އެތެރެ ކުރާ ގިނަ މީހުން ރާއްޖެ ގެންނަނީ ކޮންމެވެސް ގޮތަކުން އޮޅުވާލައިގެން ކަން ރާއްޖެ އައުމުގެ ކުރިން ފާހަގަވެފައިވާއިރު އެކަން ކުރަނީ ރާއްޖޭގެ އެޖެންސީތަކާއި ބިދޭސީން ގެންނަ ގައުމުތަކުގެ އެޖެންސީތައް ގުޅިގެންކަން ވެސް ރިޕޯޓުގައި ވެއެވެ.

"... މިދިޔަ އަހަރުގެ ތެރޭގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ބައެއް ލޯކަލް އެޖެންސީތައް ބަންދުކޮށް ހެދި ނަމަވެސް އެތަންތަނާއި މެދު ގާނޫނީ ފިޔަވަޅު އެޅިފައި ނުވާ ވާހަކަ ފާހަގަ ކުރަމެވެ،" އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ރިޕޯޓްގައިވެ އެވެ.

އިތުރަށް ބުނަނީ މަދު އަދަދެއްގެ ބިދޭސީން ނަމަވެސް ރާއްޖޭގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރާ ކަމަށާއި އެ ހަރަކާތްތަކުގައި ދިވެހި އަންހެން ކުދިންވެސް ބައިވެރިވާ ކަމަށެވެ. ހިއުމަން ރައިޓް ކޮމިޝަން (އެޗްއާރުސީއެމް) އާ ހަވާލާދީ ބުނެފައި ވަނީ އެކި ބޭނުންތަކަށް އަތޮޅުތަކުން މާލެ ގެންނަ އަންހެން ކުދިން ޖިންސީ ޝިކާރައަކަށްވެ އުނަދަގޫ ހާލަތްތަކެއްގައި އެކުދިން ބަނދެވިފައިވާ ކަމަށާއި އެގޮތައް ދިމާވަނީ ކިޔަވަން މާލެ ގެންނަ ކުދިންނަށް ކަމަށެވެ.

ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް ރާއްޖޭގެ ރައްކާތެރިކަމެއް ނެތް އިރު ހިއުމަން ޓްރެފިކިން ފާހަގަކުރާނެ އުސޫލުތަކެއް އެކަށައެޅިފައި ނެތްކަމަށާއި އެކަމަށްޓަކައި ގާނޫނުތަކާއި ގަވާއިދުތައް ހަރުދަނާ ކޮށް އެކަމަށް މުޖުތަމައު ހޭލުންތެރިކުރަން ޖެހޭކަމަށް ވެސް ބުނެ އެވެ. އަދި ހިއުމަންޓްރެފިކިން އިން ސަލާމަތް ވުމަށް ގާނޫނީ އޮނިގަނޑެއް އެކުލަވާލަން ޖެހޭ ކަމަށާއީ ލޭބާ ޓްރައިބިއުނަލް ވަރުގަދަކޮށް ބިދޭސީ މަސައްކަތު މީހުންނަށް އެ ޓްރައިބިއުނަލްއަށް އެކްސެސް ކުރެވޭނެ ގޮތްތައް ރާވަން ޖެހިފައި ކަމަށެވެ.

ރިޕޯޓާ ގުޅޭގޮތުން އިމިގްރޭޝަނާއި ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.