19 Aug 2010, 19:35
00:00
ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ޑީއާރުޕީގެ ޓިކެޓްގައި ކުރިމަތިލުމުގެ މުއްދަތު މިމަހުގެ ނިޔަލަށް އަނެއްކާ ވެސް ފަސްކޮށްފި އެވެ.
އެންމެ ފުރަތަމަ ލޯކަލް ކައުންސިލް އިންތިޚާބުގައި ޑީއާރުޕީގެ ޓިކެޓްގައި ވާދަކުރުމުގެ މުއްދަތު މިމަހުގެ 13 ވަނަ ދުވަހަށް ހަމަވެފައި ވަނިކޮށް، ބައެއް ޑޮކިއުމަންޓްތައް ނުލިބޭތީ ކަމަށް ބުނެ ޑީއާރުޕީން ވަނީ އެމުއްދަތު އިއްޔެ އާ ހަމައަށް އިތުރުކޮށްފަ އެވެ. ނަމަވެސް މުއްދަތު އިއްޔެ ހަމަވެފައި ވަނިކޮށް މިމަހުގެ ނިޔަލަށް އެމުއްދަތު ތިން ވަނަ ފަހަރަށް އެ ޕާޓީން ވަނީ މިހާރު އިތުރުކޮށްފަ އެވެ.
ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލް އަބުދުއްރަޝީދު ނާފިޒު ވިދާޅުވީ މިފަހަރު މުއްދަތު އިތުރުކުރީ މައިގަނޑު ދެ ސަބަބަކާ ހެދި ކަމަށެވެ. އެއީ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގައި ނިކުންނަ މީހުންނަށް އެކަށީގެންވާ ރަނގަޅު އުޖޫރައެއް އަދި ކަނޑައަޅާފައި ނުވާތީ އާއި އަދި ޑީއާރުޕީގެ ޓިކެޓްގައި ނުކުންނަ މެމްބަރުންގެ ފޯމްތައް އަދި ޕްރޮސެސް ނުކުރެވޭތީ ކަމަށެވެ. ނާފިޒު ވިދާޅުވީ އަންނަ ހަފްތެރޭ ރައްޔިތުންގެ މަޖިލިސްގެ ތެރެއިން ޑީއާރުޕީގެ ޕާލިމަންޓްރީ ގުރޫޕްގެ މެމްބަރުން ކައުންސިލަށް ކުރިމަތިލާ ފަރާތްތަކަށް ރަނގަޅު އުޖޫރައެއް ކަނޑައެޅުމުގެ ކަންތައްތައް ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
އިންތިޚާބަށް ކުރިމަތިލާން ގަސްދުކުރާ ބޭފުޅުންނަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ބެހޭ ޤާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ ބޭފުޅުންނަށް ވާންޖެހޭނެ ކަމަށް ޑީއާރުޕީން ބުނެ އެވެ.