ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާފައިވާ ކަންކައްތައް ބަލައި ތަހުގީގުކޮށްދިނުމަށް ހުށަހެޅި ގަރާރުގެ ދަށުން އުފައްދާ ކޮމެޓީ އަށް ރައީސް ނަޝީދު ހާޒިރު ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދާ ދެކޮޅަށް ހުށަހެޅުއްވި ގަރާރު މަޖިލީހުން ފާސްވުމާ އެކު، ހަތް މެންބަރުންގެ ވަގުތީ ކޮމެޓީއެއް ކަނޑައެޅުމަށް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް އެ ކޮމެޓީ އަށް މެންބަރުން ކަނޑައަޅާފައެއް ނުވެ އެވެ.

ނަޝީދާ ދެކޮޅަށް ގަރާރު ހުށަހެޅުވި ޖާބިރު ސަން އަށް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ ހަތް މެންބަރުންގެ ކޮމެޓީ އަށް ރައީސް ނަޝީދު ހާޒިރު ކުރައްވައި އެމަނިކުފާނުގެ ވެރިކަމުގައި ހިންގެވި ކަންތައްތަކާ މެދު ޖަވާބުދާރީ ކުރުވާނެ ކަމަށެވެ. އަދި ވިދާޅުވީ ކޮމެޓީން ކަނޑައަޅާ އުސޫލުތަކެއްގެ މަތިން ކުރީގެ ސަރުކާރުގައި ހިންގި ކަންތައްތައް ތަހުގީގު ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ހުށަހަޅާނަން ރައީސް ނަޝީދު ކޮމެޓީ އަށް ހާޒިރު ކުރަން. އަޅުގަނޑު ބޭނުންވާކަމެއް އެއީ. މަޖިލީހުގެ ކޮމެޓީން ފާސްކޮގެން ކޮމެޓީ އަށް ހާޒިރުކޮށް، ގަރާރުގައި ބުނާ ކަންތައްތައް ތަހުގީގު ކުރާނަން،" ޖާބިރު ވިދާޅުވި އެވެ.

ރައީސް ނަޝީދު ކޮމެޓީ އަށް ހާޒިރު ކުރައްވަން ނިންމަވައިފި ނަމަ، އެމްޑީޕީ އާއި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ކުރިމަތިކޮށްފާނެ ހުރަސްތަކަކާ އެކު ވެސް އެ ކޮމެޓީގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ޖާބިރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޮމެޓީގެ މަސައްކަތްތައް ހުރަސްއަޅުއްވާ މެންބަރުން ބެލެހެއްޓުމަށް މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަވާ އެމްއެންޑީއެފްގެ ބޭފުޅުން ތިއްބަވާނެ ކަމަށެވެ.

"ސުލްހަވެރިކަމާ އެކު ނުގެންދެވެންވީ ކީއްވެގެންތޯ. ގާނޫނު އަސާސީ އަށް ވުރެ މަތީ ބޭފުޅެއްތޯ ޕްރެސިޑްންޓް ނަޝީދަކީ، ނޫނިއްޔާ އޭނާ ކައިރީގައި އުޅޭ މީހުންނަކީ... [ކޮމެޓީގެ] މަސައްކަތަށް ހުރަސްއަޅާ މެންބަރުން ހަމަޔަކަށް އެޅުވުމަށް މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަވާ ގައުމީ ދިފާއީ ބާރު އޮންނާނެ ނޫންތޯ،" ޖާބިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ ކުރެއްވި ކަންތައްތައް ތަހުގީގު ކުރާ ކޮމެޓީގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ނިންމާލެވޭތޯ މަސައްކަތްޕުޅު ކުރައްވާނެ ކަމަށާއި ނަމަވެސް ކޮމެޓީގެ މަސައްކަތް ނިންމާނެ ދުވަހެއް ކަނޑައަޅާނީ ކޮމެޓީން ކަމަށެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނަޝީދާ ދެކޮޅަށް ހުށަހެޅުއްވި ގަރާރު ފާސްވީ 38 މެންބަރުން ވޯޓް ދެއްވައިގެންނެވެ. ގަރާރު ބޭރުކޮށްލުމަށް 25 މެންބަރުން ވޯޓް ދެއްވި އެވެ.

ގަރާރުގެ ދަށުން ހަތް މެންބަރުންގެ ވަގުތީ ކޮމެޓީއެއް އުފެއްދުމަށް ފާސްވި ނަމަވެސް އެ ކޮމެޓީ އަށް މެންބަރުން ކަނޑައަޅުމުގެ މަރުހަލާގައި މަޖިލީހުގައި މެންބަރުންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށް، އެންމެ ފަހުން ޖަލްސާ ހުއްޓާލީ އެވެ. އަދި އެ މައްސަލަ ހައްލު ކުރާނީ ސިޔާސީ ޕާޓީތަކުގެ ވެރިންނާ މަޝްވަރާ ކުރެއް ވުމަށް ފަހު ކަމަށް ރިޔާސަތުން އިއުލާން ކުރެއްވެވި އެވެ.

އެ ދުވަހު ޖަލްސާގައި ކޮމެޓީ އަށް އައްޔަން ކުރަން ފެންނަ މެންބަރުންގެ ނަންތައް ހުށަހެޅުއްވުމަށް ފުރުސަތު ހުޅުވާލުމުން ދެ މެންބަރަކު ނަންތަކެއް ހުށަހެޅުއްވި އެވެ. ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ޝަރީފު ހުށަހަޅުއްވައި މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީރު ޖަމާލު އަބޫބަކުރު ތާއީދު ކުރެއްވި މެންބަރުންގެ ނަން ލިސްޓުގައި ހިމެނިވަޑައިގަންނަ ވަނީ ދިއްދޫ ދާއިރާގެ މެންބަރު އަހްމަދު ސަމީރާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްތަލިބާއި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކާއި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އަދި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ހުށަހެޅުއްވި ކޮމިޓީގައި ހިމެނިވަޑައިގަންވަނީ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހަންމަދު ސާލިހާއި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކާއި މައްޗަންގޮޅު ދެކުނު ދާއިރާގެ މެންބަރު މާރިޔާ އަހްމަދު ދީދީއާއި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމާއި މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީނާއި ކެންދޫ ދާއިރާގެ މެންބަރު އަހްމަދު ތަސްމީން އަލީ އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުހަންމަދެވެ.