01 Jul 2012, 15:39
ވޮޝިންޓަން (ޖުލައި 1) : އެމެރިކާގެ އިރުމަތީގެ ސަރަޙައްދުތަކަށް ކުރަމުންދާ އާދަޔާޚިލާފު ވިއްސާރާގައި ގުގުރުމުގެ ތޫފާންތަކުގައި އެތައް ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށް އެމެރިކާގެ ރަސްމީ ފަރާތްތަކުން ހާމަކޮށްފި އެވެ.
ޔޫއެސް އެޖެންސީ ފޯ ކްރައިސިސް މެނޭޖްމެންޓުން ބުނިގޮތުގައި އެމެރިކާގެ އިރުމަތީގެ ސަރަޙައްދުތަކަށް ކުރަމުންދާ އާދަޔާޚިލާފު ވިއްސާރާގައި ގުގުރުމުގެ ތޫފާންތަކާއެކު ލިބިފައިވާ މާއްދީ ގެއްލުންތަކުގެ ސަބަބުން ވޮޝިންޓަން، އޮހާޔޯ، ވާޖީނިޔާ އަދި ވެސްޓް ވާޖީނިޔާގައިވަނީ ކުއްލި ޙާލަތު އިޢްލާންކޮށްފަ އެވެ.
ގަޑިއަކު 146 ކިލޯމީޓަރުގެ ބާރުމިނުގައި ޖެހޭ ވަޔާއި ގަދަފަދަ ވިއްސާރައާއި ގުގުރިއާއެކު އަންނަ ކޮޅިގަނޑުތަކުގައި އެތަށް ލައްކަ ގަހެއް ވެއްޓިފައިވާއިރު އެތަށް މިލިޔަން ގެއާއި ކުންފުނިތަކުގެ ޢިމާރާތްތަކުންވަނީ ކަރަންޓް ކަނޑައިގެންގޮސްފަ އެވެ.
މިތޫފާންތަކުގައި މިހާތަނަށް 14 މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވާއިރު ގެއްލިފައިވާ މީހުންގެ ޢަދަދުވެސް 10 އަކަށްވުރެ ގިނައެވެ. އަދި ޒަޚަމްވެފައިވާ އެތަށްބަޔަކުދަނީ ހޮސްޕޮޓަލްތަކުން ފަރުވާހޯދަމުންނެވެ.
މިވިއްސާރައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ އެމެރިކާގެ އެތައް ލައްކަ ބަޔަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އެއެޖެންސީން ކުރާ ކަމަށް ވެސް ވަނީ ބުނެފައެވެ.
މިތޫފާންތަކުގައި އެންމެބޮޑަށް ގެއްލުން ލިބިފައިވާ ސްޓޭޓްތަކުގެ ތެރޭގައި އިންޑިޔާނާ، އެޓްލަންޓާ، ވޮޝިންގޓަން، އޮހާޔޯ، ވަރޖީނިޔާ އަދި ވެސްޓް ވާރޖީނިޔާ، ޕެންސިލްވީނިޔާ،ކެންޓަކީ ހިމެނެއެވެ. މިސްޓޭޓްތަކުގެ އެތަށް ސަތޭކަ ގެއެއްވަނީ މުޅިން ހަލާކުވެފައެވެ.
މިސްޓޭޓްތަކުގެ ޕަބްލިކް އިންފްރާސްޓްރަކްޗަރ އަށްވެސް މިތޫފާންތަކުގެ ސަބަބުން އެތަށް ބިލިޔަން ޑޮލަރެއްގެ ގެއްލުންތައް ލިބިފައިވާ ކަމަށް ރަސްމީ ރިޕޯޓްތައް ބުނެއެވެ. މީގެއިތުރުން އެމެރިކާގެ ބައެއް އެހެން ސްޓޭޓްތަކުގެ ޖަންގަލިތަކުގައި ރޯވެ އަނދަމުންދާއިރު މިއަލިފާންގަނޑުތައް ނިއްވާލުމުގައި އެމެރިކާގެ ކަމާބެހޭ އިދާރާތައްވަނީ ފޭލްވެފައެވެ. -- ނޫސްއެޖެންސީތައް