01 Jul 2012, 15:32
ފެހިކުލަ ގަދަ ފަތްކެއުމުން އިންސާނާގެ ހަށިގަނޑުގެ މަސައްކަތަށް ތާޒާކަމާއި އާރޯކަން ގެނަސްދިނުމުގެ އިތުރުން ކާބޯތަކެތިން ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފެއްދުމުގެ ޤާބިލްކަން ހަށިގަނޑުގައި އިތުރުކޮށްދޭ ކަމަށް އެމެރިކާގައި ކުރި ދިރާސާއަކުން ހާމަވެއްޖެވެ.
އެމެރިކާގެ ދަނޑުވެރިކަމާބެހޭ ފެޑްރަލް އިދާރާއިން ކުރި މި ދިރާސާއިން ހާމަވާގޮތުގައި ކާއިރު ފެހިކުލައިގެ ފަތް ގިނައިން ކެއުމުން ހަށިގަނޑުގެ ވަރުބަލިކަމާއި ކަންނެތްކަން ފިލައިގެންގޮސް ހަށިގަނޑުގައި ވަރަށްބޮޑަށް ވަރުޖެހެއެވެ. ފަތްކެއުމުން މުސްކުޅިއުމުގެ މީހުންނަށް މިކަން އިޙްސާސްވާމިންވަރު ބޮޑުކަން އުމުރުން 55 އަހަރާއި 70 އަހަރާ ދެމެދުގެ މީހުންގެ މެދުގައިކުރި ދިރާސާއަކުންވަނީ ހާމަވެފައެވެ.
ފެހިކުލައިގެ ފަތަކީ ގިނަޢަދަދަކަށް މެގްނެސިޔަމް އެކުލެވޭ ތަރުކާރީއެކެވެ. މެގްނެސިޔަމްއަކީ ވަރަށްބޮޑަށް ހަކަތަ ލިއްބައިދޭ އަދި ހަށިގަނޑުގައި ވަރުޖެހުމަށް ވަރަށްބޮޑަށް އެހީވެދޭ މާއްދާއެކެވެ. މެގްނެސިޔަމްގިނަ ތަރުކާރީ ކެއުމުން ހަށިގަނޑުގައި ފެޓް މަދުވެ ހަކަތަ ލިއްބައިދޭމިންވަރު ވަރަށް ބޮޑަށް އިތުރުވާކަމަށް ނިއުޓްރިޝަންއާބެހޭ ތަޖްރިބާކާރުން ވިދާޅުވެއެވެ.
އެމެރިކާގެ ދަނޑުވެރިކަމާބެހޭ ފެޑްރަލް އިދާރާއިންކުރި ދިރާސާއިން ހާމަވާގޮތުގައި މެގްނެސިޔަމް އިން މުއްސަނދި ވެފައިވާ ތަރުކާރީފަދަ ތަކެތި ކެއުމުން ހަށިގަނޑަށް ހަކަތަ ލިއްބައިދޭ މިންވަރު 15 ޕަސެންޓަށް އިތުރުވެއެވެ. ހަށިގަނޑަށް ހަކަތަ ލިއްބައިދޭ މިންވަރު އިތުރުވަނީ މިފަދަތަރުކާރީ ކެއުމުން ހަށިގަނޑުގައި އަންދާ އޮކްސިޖަންގެ މިންވަރު އިތުރުވާތީއެވެ.
އަނެއްކޮޅުން މެގްނެސިޔަމް މާބޮޑަށް ހަށިގަނޑުގައި އިތުރުވުމަކީ ނާވް ސިސްޓަމަށާއި ކިޑްނީއަށް މައްސަލަތައް ކުރިމަތިވެދާނެ ކަމެއްކަމަށާ ދުވާލަކު މީހެއްގެ ހަށިގަނޑަށް ބޭނުންވަނީ ގިނަވެގެން 350 މިލިގްރާމްގެ ކެލްސިޔަމް ކަމަށް ނިއުޓްރިޝަންއާބެހޭ ތަޖްރިބާކާރުން ވިދާޅުވެއެވެ.
ފެހިކުލައިގެ ފަތުންލިބޭ އެހެން ފައިދާތަކުގެ ތެރޭގައި ލޭ ތަޒާވުމާއި ލޯ އުޖާލާވުމާއި ފާރުވާތަންތަން އަވަހަށް ފަސޭހަވުމާއި ހަންގަނޑު ރީތިވެ އޮމާންވުން ހިމެނޭކަންވެސް ދިރާސާތަކުން ހާމަވެފައިވެއެވެ. ހަށިގަނޑަށް ފައިދާބޮޑު ފަތްތަކުގެ ތެރޭގައި ސްޕިނިޗް، ކޭލް، އަދި ލެޓިއުސްގެ އިތުރުން ފެހިކުލައިގެ ކެބެޖާއި ހިކަނދިފަތާއި ފެހިކުލައިގެ އެނޫން ފަތްތައްވެސް ހިމެނެއެވެ.