ގއ. ވިލިނގިލީގައި މަސްވެރިކަންކުރާ ދޯނި ފަހަރުން ބިދޭސީން ބާލަން ކޯޓްކުން ކުރި އަމުރާ އެއް ގޮތަށް ބިދޭސީން ބާލަން އޮޑިވެރިން އިންކާރު ކުރަމުންދާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ވިލިގިނލީގައި މަސްދޯނިފަހަރުގައި ބިދޭސީން މަސައްކަތް ކުރުން ހުއްޓުވަން އެ ރަށު ކައުންސިލްގެ މައްޗަށް މެޖިސްޓްރޭޓް ކޯޓުން މިދިޔަ ހަފުތާގައި ވަނީ ކޯޓު އަމުރެއް ނެރިފަ އެވެ. އެ އަމުރާ ގުޅިގެން ދޯނިފަހަރުން ބިދޭސީން ބާލަން ކައުންސިލުން ދަނީ އޮޑިވެރިންނަށް އަންގަމުންވެ.

ވިލިނގިލީ ކައުންސިލްގެ ރައީސް ސައުދު ހުސެއިން މިއަދު ވިދާޅުވީ މަސްދޯނިފަހަރުން ބިދޭސީން ފޮނުވާލުމާބެހޭ ގޮތުން ފުލުހުންނާއި ކައުންސިލުން އޮޑިވެރިންނާ މަޝްވަރާކުރަމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް ބިދޭސީން ބާލަން އެއްބަސްވީ ދެފަރާތަކުން ކަމަށެވެ.

"މިހާރު ދެތިން ދޯންޏަކުން ވަނީ އެއްބަސްވުމަށް އައިސްފައި ބިދޭސީން ނުގެންދާނެ ކަމަށް،" އެނާ ވިދާޅުވި އެވެ.

އަދި ބައެއް ފަރާތްތަކުން ދޯނިތަކުގައި ކައްކާއިން ގޮތުގައި މީހަކު ހަމަ ޖެހެންދެން ބިދޭސީން ބޭލެން ނެތް ކަމަށް ބުނަމުންދާ ކަމަށާއި ނަމަވެސް މި ހަފުތާގެ ނިޔަލަކަށް ބެލުމަށް ފުލުހުންގެ އެހީތެރިކަން ހޯދައިގެން މަސްދޯނިތަކުގައި ބިދޭސީން އުޅުން ހުއްޓުވާނެ ކަމަށް ސައުދު ވިދާޅުވި އެވެ.

ވިލިނގިލީގައި މަސްވެރިކަން ކުރުމަށް 10 ދޯނި އޮންނައިރު އެ ދޯނިތަކުގެ ތެރެއިން އެންމެ މަދުން ބިދޭސީން އުޅޭ ދޯނިފަހަރުގައި ވެސް ތިން ބިދޭސީން ވުރެ ގިނަ ބިދޭސީން އުޅޭ ކަމަށް ވެއެވެ.

މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދާފައިވާ މަސްވެރިކަމާ ބެހޭ ގަވާއިދުގެ 15 ވަނަ މާއްދާގައި ބުނަނީ ފަޅުވެރިންގެ ގޮތުގައި ނުވަތަ އެހެން ގޮތަކަށް ނަމަވެސް ބިދޭސީންނާއި ގުޅިގެން، ބިދޭސީން ހިމެނޭ ގޮތަށް ނުވަތަ ބިދޭސީން ބައިވެރިކޮށްގެން އެއްވެސް ބާވާތެއްގެ މަސްވެރިކަން ކުރުމަކީ މަނާކަމެއް ކަމަށެވެ.