މިނިސްޓަރު އޮފް ޖެންޑާ ފެމިލީ އެންޑް ހިއުމަން ރައިޓްސްގެ ނައިބު ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

އެ މަގާމަށް އައްޔަން ކުރެއްވީ ދަފްތަރު ނަންބަރު 1548 މުހައްމަދު ޒާހިދެވެ. ޒާހިދު (ފޮޓޯ) ޖެންޑާ މިނިސްޓްރީގެ ނައިބަކަށް ސަރުކާރުން މިއަދު ހަމަޖައްސާފައިވާއިރު އޭނާ ހުންނެވީ ލޯކަލް ގަވާންމަންޓް އޮތޯރިޓީގެ ނައިބް ރައީސް ކަމުގެ މަގާމުގަ އެވެ.

އެލްޖީއޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޒާހިދު މިހާރު ވެސް ހުންނެވީ އެއޮތޯރިޓީގެ ނައިބް ކަމުގެ މަގާމުގައި ކަމަށާއި އޭނާ އެ މަގާމުން އިސްތިޢުފާދެއްވާފައިވާ ކަން އެނގިވަޑައިގެންފައިނުވާ ކަމަށެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އައްބާސް އާދިލް ރިޒާ ވިދާޅުވީ ޖެންޑާ މިނިސްޓްރީގެ ނައިބް ކަމަށް ޒާހިދު ހަމަޖެއްސެވި ނަމަވެސް ލޯކަލް ގަވާންމަންޓް އޮތޯރިޓީގެ މަގާމުން އޭނާ އިސްތިއުފާދެއްވަން ޖެހިވަޑައިނުގެންނަވާނެ ކަމަށެވެ.

ޒާހިދު ވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ.