ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޝަރަފުވެރި މަޤާމު ދިފާއު ކުރުމަށް މިރޭ ސްޕޭންއާ ދެކޮޅަށް ނުކުންނާނީ އެއްވެސް ޖެހިލުމެއް ނެތި ކަމަށް އިޓަލީގެ ކޯޗް ސެސާ ޕްރާންޑެލީ ބުނެފި އެވެ.

ސްޕެއިނާ ދެކޮޅަށް އިޓަލީ ބައްދަލުކުރާ މެޗް ފަށާނީ މިރޭ ރާއްޖެ ގަޑިން 11:45 ގަ އެވެ.

ޔޫރޯ 2012ގެ ފައިނަލުގައި ދުނިޔޭގެ ޗެމްޕިއަން އަދި އެންމެ ފަހުގެ ޔޫރަޕްގެ ޗެމްޕިއަން ސްޕޭނާއި ދެކޮޅަށް ނިކުތުމުގެ ކުރިން އިޓަލީގެ ކޯޗް ޕްރާންޑެލީ ބުނެފައި ވަނީ، ސްޕެއިނާ ދެކޮޅަށް ނުކުންނަ އިރު ލިބިފައިވާ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ މުބާރާތުގެ ފައިނަލުން ޖާގައެއް ކަށަވަރު ވެފައި އޮތުން ކަމަށެވެ. އަދި ފައިނަލަށް ޓީމް ދަތުރުކޮށްފައި ވަނީ މިންނަތާ އެކު މަސައްކަތްތަކެއް ކުޅުންތެރިންގެ ފަރާތުން ކޮށްގެން ކަމަށްވީ އިރު، ސްޕޭއިނާ ދެކޮޅަށް މިރޭ ނުކުންނާނީ ވެސް މިންނަތާ އެކު ކާމިޔާބީއެއް ހޯދާ، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޝަރަފްވެރި ތަށި އުފުލާ ލުމުގެ އުންމީދުގައި ކަމަށެވެ.

"ސްޕޭނާ ދެކޮޅަށް ކުޅެން ޖެހިލުމެއް ނުވެ. ޓީމުގައި ތިބީ ހިތްވަރުގަދަ ބަތޮލުންތަކެއް. ޓާގެޓަކީ ތަށި. އަހަރެންގެ ހުރިހާ އުންމީދެއް ވެސް އޮތީ މިރޭގެ ފައިނަލް މެޗަށް. ހާއްސަކޮށް މިރޭގެ މެޗުގައި ކީޕަރު ބުފަންގެ މަސައްކަތް ވަރަށް މުހިންމު،" ބްރެޒިލްގައި 2014 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕާއި ހަމައަށް އިޓަލީގެ ކޯޗް ކަމުގައި ދެމިހުރުމަށް އުއްމީދުކުރާ ޕްރާންޑެލީ ބުންނެވެ.

އިޓަލީ މިރޭ ސްޕެއިނާ ދެކޮޅަށް ނިކުންނަ އިރު، ބައެއް މީޑިއާތަކުން ބުނާގޮތުން އިޓަލީ އަށް ލިބިފައިވާ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ ސެމީ ފައިނަލުގައި ޔޫރޯގެ އެންމެ ކާމިޔާބު ޓީމް ކަމުގައިވާ ޖަރުމަންގެ މައްޗަށް ވެސް ކުރި ހޯދައިފައި ވުމެވެ. އެގޮތުން ސެމީ ފައިނަލުގައި ޖަރުމަންގެ މައްޗަށް އިޓަލީ ކުރި ހޯދީ ދެ ލަނޑު އެއް ލަނޑުން ނެވެ.

ފައިނަލަށް ސްޕޭންއާ ދެކޮޅަށް އިޓަލީ ނުކުންނަ އިރު، އެ ދެ ޓީމު ބައްދަލުކޮށްފައިވާ މެޗުތަކުގެ ތާރީޚު ބުރަވަނީ އިޓަލީ ކޮޅަށެވެ.

ސްޕޭންއާއި އިޓަލީ ވާދަވެރި 30 މެޗް ކުޅެފައިވާ އިރު، އޭގެ ތެރެއިން 10 މެޗް ކާމިޔާބުކޮށްފައިވަނީ އިޓަލީ އެވެ. އަދި ސްޕޭންއަށް މޮޅުވެވިފައި ވަނީ އަށް މެޗުންނެވެ. ބާރަ މެޗް ނިމިފައިވަނީ ނަތީޖާ އެއްވަރުވެގެންނެވެ. ފައިނަލަށް އިޓަލީ ނިކުންނަނީ ޔޫރޯގެ ތަށި އުފުލާނުލެވޭތާ 44 އަހަރުވީ ހިތި ތަޖުރިބާ ހަނދާން ނައްތާލުމަށެވެ. ޔޫރޯގެ ފައިނަލްގައި އެންމެ ފަހުން އިޓަލީ ކުޅެފައިވަނީ، 2000 ވަނަ އަހަރުއެވެ.

އިޓަލީއާ ދެކޮލަށް ފައިނަލުގައި މިރޭ ނުކުންނަ، ސްޕެއިން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި މީގެ ކުރިން ދެފަހަރެއްގެ މަތިން ވަނީ ހޯދައިފަ އެވެ.